Roadha Mihaaru
ޓޫރިޒަމް ގާނޫނުގެ ބަދަލުން އާމްދަނީ ވާނީ މަދު: ސައީދު

ޓޫރިޒަމް ގާނޫނަށް ގެންނަ ބަދަލުން އާމްދަނީ ވާނީ މަދު: ސައީދު

24 ނޮވެމްބަރ 2020

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަން ޓޫރިޒަމްގެ ގާނޫނަށް ގެންނަން ސަރުކާރުން މިއަދު ހުށަހެޅި ބަދަލުގެ ސަބަބުން އާމްދަނީ އިތުރުވުމުގެ ބަދަލުގައި ވާނީ މަދުކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަން ޓޫރިޒަމްގެ ގާނޫނަށް ގެންނަން ސަރުކާރުން މިއަދު ހުށަހެޅި ބަދަލުގެ ސަބަބުން އާމްދަނީ އިތުރުވުމުގެ ބަދަލުގައި ވާނީ މަދުކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް ބަދަލުގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަަހެޅުއްވި ބިލުގައިވާ ގޮތުން، ޓޫރިޒަމަށް ދޫކުރާ ބިންތަކުން ނަގާ ކުއްޔަށް ބޮޑު ބަދަލެއް އަންނާނެ އެވެ. ރާއްޖޭގެ ހުރިހާ ސަރަަހައްދެއްގައި އެއް ރޭޓަކުން ކުލި ނެގުމުގެ ބަދަލުގައި އެކި ސަރަހައްދުތަކަށް އެކި އަގު ނަގަން އެ ބިލުގައި ވެ އެވެ. އެއީ މާލެއާ ދުރުވާ ވަރަކަށް އަގުހެޔޮވާ އުސޫލަކުންނެވެ.

އެ ބަދަލަށް އިޝާރާތްކުރައްވައި ސައީދު ވިދާޅުވީ ރާއްޖޭގައި ކަށަވަރު އެއް އާމްދަނީ އަކީ ޓޫރިިޒަމަށް ދޫކޮށްފައިވާ ތަންތަނުން ނަގާ ކުލި ކަމަށާއި މިހާރު ހުށަހަޅާފައިވާ ގޮތަށް ފާސްކޮށްފި ނަމަ ބޮޑު އާމްދަނީއެއް ކުއްލިއަކަށް ގެއްލޭނެ ކަމަށެވެ. އޭނާ ވިދާޅުވީ 137 މިލިއަން ކުއްލިއަކަށް ގެއްލިގެންދާނެ ކަމަށެވެ. އެއީ ރުފިޔާކަމެއް ނުވަތަ ޑޮލަރު ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"[ސަރުކާރުން މިބުނަނީ] ގެއްލިގެންދާ ދިއުމުގެ ކޮންޕެންސޭޝަނެއްގެ ގޮތުގައި، ފޫބެއްދުމަށްޓަކައި ލަފާކުރަމޭ މީގެ ތެރެއިން އިތުރު އާމްދަނީ އަންނާނެކަމަށް، " ސައީދު ވިދާޅުވި އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަަހެޅި އިސްލާހު އޭނާ ސިފަކުރެއްވީ އާމްދަނީ އަށް ހޯދި "އާޓިފިޝަލް އިންކްރިމެންޓެއް"ގެ ގޮތުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ބަޖެޓަށް އާމްދަނީ އިތުރުކުރި ކަމަށް ހަދަން ވެގެން ކޮށްފައިވާ ކަމެކެވެ.

"މިހާރު އެމްޑީޕީގެ ހުރިހާ މެމްބަރުން މިތިބީ ގަބޫލުކޮށްގެންނޭ ހަތަރު ބިލިއަން ރުފިޔާ އާމްދަނީ އިތުރަށް ލިބޭނެ ކަމަށް. އިއްޒަތްތެރި ރައީސް މިއަށްވުރެ ބޮޑު މިރަކަލް އަކީ ކޮބައިތޯ؟" ސައީދު ވިދާޅުވި އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް ބަދަލުގެންނަން ހުށަހެޅި ބިލަށް، އެ ބިލް ސްޕޮންސާ ކުރެއްވި މެމްބަރު އަލީ އާޒިމް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެ ބިލްގައި ހުރި ބައެއް ކަންތައްތަކަކީ އޭނާ ސިފަކުރެއްވި ގޮތުގައި ޓޫރިޒަމުން ލިބެން އޮތް ނަފަޔަށް އެޅޭ ހުރަސްތަކެކެވެ. އޭނާ އެންމެ ބޮޑަށް ފާޑުވިދާޅުވީ ޓޫރިޒަމް އިންޑަސްްޓްރީގައި ބައިވެރިވާން ސަރުކާރުގެ އިތުރު ކުންފުންޏެއް އުފައްދަން ހުށަހަޅާފައި އޮތީމަ އެވެ.

އާއްމުންގެ ވިޔަފާރީގެ ތެރެއަަށް ސަރުކާރުން ވަންނަން ކުންފުންޏެއް ހެދުމަކީ އެ ސިނާއަތުގެ މަންފާގައި އަތްއެޅުން ފަދަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމްގެ ގާނޫަނަށް ގެންނަ އިސްލާހަކީ އެ ބިލް ގާނޫނަކަށް ވުމުން ސަރުކާރަށް އާމްދަނީ ލިބޭނެ ބިލަކަށް ވާތީ މަސައްކަތްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީ އަށް އާޒިމް އެ ބިލް ހުށަހެޅުއްވި އެވެ. އޭނާގެ ހުށަހެޅުއްވުމަށް ޖަވާބު ދެއްވަމުން ރިއާސަަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިންމާފައި ވަނީ އެ ބިލު ގާނޫނަކަށް ވުމުން ލިބޭ އާމްދަނީ ހިމަނައިގެން ކަމަށެވެ. އެހެންވެ އެ ބިލްގެ މަސައްކަތް އަވަހަށް ނިންމެވުމަކީ އަމާޒެއް ކަަމަށް ވިދާޅުވި އެެވެ.