Roadha Mihaaru
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ

ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ ކަމެއް!

14 މެއި 2024

މިދިޔަ އަހަރު ރާއްޖެ އަށް 1.8 މިލިއަން ޓޫރިސްޓުން އައި އިރު މިދިޔަ އަހަރަކީ ޓޫރިޒަމް ދާއިރާ އަށް ވަން އާމްދަނީ އަށް މަޑުޖެހިލިކަން އެނގުން ވެލި އަހަރެވެ. ރާއްޖޭގެ އެތައް އިންވެސްޓަރުންނަށް ލިބެމުންދިޔަ އާމްދަނީ އަށް ކޮންމެވެސް ވަރެއްގެ އަސަރެއްކޮށް، މުޅި ރިސޯޓު ވިޔަފާރިން ގާތްގަނޑަކަށް 529 މިލިއަން ޑޮލަރު (އަށް ބިލިއަން ރުފިޔާ) މަދުވި އެވެ. އެހެންވެ، މުޅި ޓޫރިޒަމް ސެކްޓަރު ހިނގާ ގޮތާ މެދު، އެތައް ބަޔަކު ސުވާލު އުފެއްދި އެވެ!

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރު ރާއްޖެ އަށް 1.8 މިލިއަން ޓޫރިސްޓުން އައި އިރު މިދިޔަ އަހަރަކީ ޓޫރިޒަމް ދާއިރާ އަށް ވަން އާމްދަނީ އަށް މަޑުޖެހިލިކަން އެނގުން ވެލި އަހަރެވެ. ރާއްޖޭގެ އެތައް އިންވެސްޓަރުންނަށް ލިބެމުންދިޔަ އާމްދަނީ އަށް ކޮންމެވެސް ވަރެއްގެ އަސަރެއްކޮށް، މުޅި ރިސޯޓު ވިޔަފާރިން ގާތްގަނޑަކަށް 529 މިލިއަން ޑޮލަރު (އަށް ބިލިއަން ރުފިޔާ) މަދުވި އެވެ. އެހެންވެ، މުޅި ޓޫރިޒަމް ސެކްޓަރު ހިނގާ ގޮތާ މެދު، އެތައް ބަޔަކު ސުވާލު އުފެއްދި އެވެ!

ޓޫރިޒަމްގައި އޮތް މައްސަލަ އަކީ ކޮބައިހެއްޔެވެ؟ ވަރަށް ޒަމާނީ، އަދި އެންމެ ފަހުގެ ކޮންސެޕްޓްތަކަށް ހުޅުވާފައިވާ ބައެއް ރިސޯޓްތަކަށް އެ ވަރުގެ އާމްދަނީއެއް ނުލިބެނީ ކީއްވެހެއްޔެވެ؟ ލަގްޒަރީ ޓޫރިޒަމްގައި މައްސަލަތަކެއް އޮތީ ހެއްޔެވެ؟

ރާއްޖޭގެ ޓޫރިޒަމް ދާއިރާއިން ދައުލަތަށް ދައްކާ ޓެކްސްގެ ތެރެއިން 85 ޕަސެންޓް ހިއްސާކުރަނީ ރިސޯޓުތަކެވެ. މިދިޔަ އަހަރު ރިސޯޓުތަކުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި 481 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. އެހެންވެ، މުޅި ރާއްޖޭގެ އިގްތިސާދަށް ވެސް ރިސޯޓުތަކުގެ އާމްދަނީ ވަރަށް މުހިއްމެވެ. އަދި ދައުލަތަށް ވެސް ރިސޯޓުތައް ރަނގަޅަށް ހިންގުން މުހިއްމު ވަނީ އެ ސަބަބާ ހުރެ އެވެ.

ރާއްޖެ އައި ޓޫރިސްޓުންތަކެއް ވެލާނާ އެއާޕޯޓުގައި--  ފޮޓޯ: މިހާރު

ރާއްޖެ އައި ޓޫރިސްޓުންތަކެއް ވެލާނާ އެއާޕޯޓުގައި-- ފޮޓޯ: މިހާރު

މިދިޔަ އަހަރު ޓީޖީއެސްޓީގެ އާމްދަނީން ދައުލަތަށް ލިބުނު ވަރު އިތުރެވެ. އެހެން ނަމަވެސް، ޓީޖީއެސްޓީން ލިބޭ އާމްދަނީ ކުރިއަރައި، ސްޕީޑް މަޑުޖެހިލައިފައިވާ ކަން ވޯލްޑް ބޭންކުން ވެސް ފާހަގަކުރެ އެވެ. ރާއްޖޭގެ އިގްތިސާދީ ދުވެލީގެ ކުރީގެ އަންދާޒާ ރިވިއުކޮށް، ކުރިއަރާ ވަރު 4.7 ޕަސެންޓަށް ދަށް ކުރަން ޖެހުނީ ވެސް ޓޫރިޒަމް ސެކްޓަރުގެ ކުރިއެރުން މަޑުޖެހިލުމުންނެވެ.

ވޯލްޑް ބޭންކުން އާންމު ކުރި ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ވަންނަ ޖުމްލަ އާމްދަނީ 6.5 ޕަސެންޓް ދަށަށް ގޮސްފައިވާ އިރު ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރާ މުއްދަތު ވަނީ އަށް ދުވަހުން 7.6 ދުވަހަށް ބަދަލުވެފަ އެވެ.

ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތުގެ ތަފްސީލާއި ޓޫރިޒަމުން ރާއްޖޭގެ އިގްތިސާދަށް ވަންނަ އާމްދަނީ -- ފޮޓޯ: މިހާރު

ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތުގެ ތަފްސީލާއި ޓޫރިޒަމުން ރާއްޖޭގެ އިގްތިސާދަށް ވަންނަ އާމްދަނީ -- ފޮޓޯ: މިހާރު

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން ހެދި ރިޕޯޓެއް ދައްކާ ގޮތުން މިދިޔަ އަހަރު ރިސޯޓުތަކުން ޖުމްލަ 3.9 ބިލިއަން ޑޮލަރު (60 ބިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބިފައިވެ އެވެ. ރިސޯޓުތަކަށް 2022 ވަނަ އަހަރު ވަނީ 4.4 ބިލިއަން ޑޮލަރު (68 ބިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބިފަ އެވެ.

ޓޫރިޒަމް ސެކްޓަރަށް މިހާ ބޮޑު ބަދަލު އައިސްފައި ވަނީ ކީއްވެގެންތޯ ބަލަން ޖެހޭ ކަމަށް ދާއިރާގެ ގިނަ ފަރާތްތަކުން ގަބޫލުކުރެ އެވެ.

ގެސްޓްހައުސްތަކާ ގުޅުމެއް އޮތީތަ؟

ރިސޯޓުތަކަށް މި ލިބުނު ގެއްލުމުގެ އަސްލަކީ ރާއްޖެ އަށް އަންނަ ޓޫރިސްޓުން ރިސޯޓުތަކުގެ ބަދަލުގައި ގެސްޓްހައުސްތަކަށް ދިއުން ކަމަށް ޓޫރިޒަމް ދާއިރާގެ ބައެއް ބޭފުޅުން ގަބޫލު ކުރައްވަ އެވެ. އެކަމަކު، ރާއްޖޭގެ ޓޫރިޒަމް ތަރައްގީވެފައި އޮތް ގޮތުން އެއީ ގަބޫލުކުރަން އެހާ ފަސޭހަ ވާހަކައެއް ވެސް ނޫނެވެ. ރިސޯޓްތައް ތަރައްގީ ކޮށްފައިވާ ގޮތާއި ދޭ ހިދުމަތްތަކާ މުޅިން ތަފާތެވެ. އެއީ އެހެން ޓޫރިޒަމެކެވެ. ލޯކަލް ޓޫރިޒަމަކީ މުޅިން އެހެން ކޮންސެޕްޓެކެވެ.

ވޯލްޑް ބޭންކްގެ ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ ޓޫރިޒަމް ދާއިރާގެ ރިސޯޓުތަކުގެ ޑިމާންޑް ގެސްޓްހައުސްއަށް ބަދަލުވި ވާހަކަ އެވެ.

އެކަމަކު، ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެކަން ގަބޫލު ނުކުރައްވައި މިސާލެއް ދެއްކެވި އެވެ؛ އޭނާ ވިދާޅުވީ ވިދާޅުވީ، ރާއްޖޭގެ އެންމެ ހައި އެންޑް އެއް ރިސޯޓު، ވެލާއަށް އަންނަ ޓޫރިސްޓުންނެއް ރާއްޖޭގެ ގެސްޓްހައުސް އަކަށް ނާންނާނެ ކަމަށެވެ.

ވޭތުވެދިޔަ ދިހަ އަހަރު ރިސޯޓުތަކާއި ގެސްޓްހައުސްތައް އިތުރުވި އަދަދު -- ފޮޓޯ: މިހާރު

ވޭތުވެދިޔަ ދިހަ އަހަރު ރިސޯޓުތަކާއި ގެސްޓްހައުސްތައް އިތުރުވި އަދަދު -- ފޮޓޯ: މިހާރު

"ރާއްޖެ އަށް އަދި މި ދެ މިލިއަން ޓޫރިސްޓުން ހަމަވަނީ. އެއީ ދުނިޔޭގައި ދަތުރުކުރާ ޓޫރިސްޓުންގެ އަދަދުން ހާމަ މަދު ޕަސެންޓެކޭ. އަޅުގަނޑުމެންނަށް މިހާރު ވެސް ސީދާ ޑޮމެސްޓިކް ދަތުރުތައް ފުރިހަމައަކަށް ނެތް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެއީ މުޅިން ދެ މާކެޓެއް ނުވަތަ ޓޫރިޒަމް ދާއިރާގެ ވަކި ދެ ސެގްމެންޓް ކަމަށެވެ. އެހެންވެ، އެ ސެގްމެންޓްގެ ޓޫރިސްޓުން އަނެއް ސެގްމެންޓަށް ދިއުން ނާދިރު ކަމަށް އޭނާ ވިދާޅުވި އެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު ވެސް ވިދާޅުވީ، ލަގްޒަރީ ޓޫރިޒަމް މާކެޓު ދަށަށް ގޮސްފައި ވަނީ، މާކެޓު ނުކުރެވޭތީ ކަމަށެވެ. އޭނާ ވިދާޅުވީ، ލަގްޒަރީ މާކެޓް ޑިމާންޑު ގެއްލުނު ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، މާކެޓު ކުރެވޭ ގޮތް ގޯހީ ކަމަށެވެ. އަދި އެކަންކަން ހައްލުކޮށްފި ނަމަ، ގެސްޓްހައުސްތަކަށް ދާ ޓޫރިސްޓުން އިތުރުވާ ވަރަށް ރިސޯޓުތަކަށްދާ ޓޫރިސްޓުން ވެސް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާކެޓިން މައްސަލައެއް މިއުޅެނީ. އެއީ 1،000-2،000 ޑޮލަރު ދޭ ތަންތަނަށް ދާ ޓޫރިސްޓަކު ގެސްޓްހައުސް އަކަށް ނުދާނެ،" އޭނާ ވިދާޅުވި އެވެ.

ޓޫރިސްޓުންތަކެއް ވޯޓަ ސްޕޯޓްސް ހަރަކާތެއްގައި -- ފޮޓޯ: ނިޝާން އަލީ / މިހާރު

ޓޫރިސްޓުންތަކެއް ވޯޓަ ސްޕޯޓްސް ހަރަކާތެއްގައި -- ފޮޓޯ: ނިޝާން އަލީ / މިހާރު

ވޭތުވެދިޔަ 10 އަހަރަށް ބަލާއިރު ރާއްޖޭގައި ރިސޯޓުތައް އިތުރުވެފައި ވަނީ އަހަރަކު ގާތްގަނޑަކަށް ހަ ޕަސެންޓުގަ އެވެ. އެހެން ނަމަވެސް އެ މުއްދަތުގައި ގެސްޓްހައުސް އިތުރުވީ އަހަރަކު 16 ޕަސެންޓުގަ އެވެ. ގެސްޓްހައުސްތައް ބާރު ސްޕީޑުގައި އިތުރުވި އިރު ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ ހުރީ 43 ޕަސެންޓުގަ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާ އިރު 12 ޕަސެންޓުގެ އިތުރުވުމެކެވެ.

މި މުއްދަތުގައި ރިސޯޓުތަކުގެ އޮކިއުޕެންސީ ވަނީ 71 ޕަސެންޓުން 66 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ.

އެއާލައިންގެ އަގުތައް މާ ބޮޑު

ކެޕިޓަލް ޓްރެވަލް އެންޑް ޓުއާސްގެ ވެރިޔާ ޔޫސުފް ރިފްއަތު ވިދާޅުވީ، ރިސޯޓުތަކަށް ބުކިން ހަދާވަރު ވަރަށް ބޮޑަށް ދަށްވަމުން ދާކަން ފާހަގަވާން ފެށިތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު ހަދާފައިވާ ބުކިންގެ އަދަދުތަކަށް ބަލާއިރު މި އަހަރުގެ ކުރިއަށް ދުވަސްތަކުގައި ވެސް ރިސޯޓުތަކަށް ދާ ޓޫރިސްޓުން އިތުރަށް ދަށަށް ދާނެ ކަމަށް ބެލެވޭ ކަމަށެވެ. ސަބަބަކީ، ޔޫރަޕްގެ ގައުމުތަކުން އަންނަ ޓޫރިސްޓުންގެ ދަތުރުފަތުރަށް ކުރަން ޖެހޭ ހޭދަ މާ ބޮޑުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރިސޯޓުތަކަށް އާންމުކޮށް ގުރޫޕުކޮށް އަންނާނީ ދެ މީހުންނަށް ވުރެ ގިނައިން ކަމަށާއި، ޔޫރަޕްގެ ގައުމަކުން ރާއްޖެ އައުމަށް ދެ މީހުންގެ އިކޮނޮމީ ކްލާސް ޓިކެޓްގެ އަގު އެވްރެޖުކޮށް އުޅެނީ 3،000-2،800 ޑޮލަރާ ދެމެދުގައި ކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖެއަށް ވުރެ ފަސޭހައިން ދެވޭ ތަންތަން ދުނިޔޭގައި ހުރި އިރު ލަގްޒަރީ ޓޫރިސްޓުން ވެސް ފަސޭހައިން ދެވޭ ތަންތަން އިހްތިޔާރު ކުރާނެ ކަމަށެވެ. އެހެންވެ، އެކަމަށް ހައްލުތަކެއް ހޯދަން އަވަސް ކުރުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު. އެއާލައިންތަކުގެ ޓިކެޓް އަގު ބޮޑުވުމުން، ޓޫރިސްޓުން އައުމަށް ހުރަސްތައް ކުރިމަތިވާ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރައްވާ -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު. އެއާލައިންތަކުގެ ޓިކެޓް އަގު ބޮޑުވުމުން، ޓޫރިސްޓުން އައުމަށް ހުރަސްތައް ކުރިމަތިވާ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރައްވާ -- ފޮޓޯ: އެމްއޭސީއެލް

ކޮވިޑްގެ ކުރިން ރާއްޖެ އަށް އާދެވޭ ޓިކެޓްގެ އަގަށްވުރެ މިހާރު އެއާލައިނުތަކުން ޗާޖުކުރާ އަދަދު 70 ޕަސެންޓާއި 80 ޕަސެންޓަށް ވުރެ މައްޗަށް އަރަ އެވެ. އަދި ކައިރި ލަންކާ ފަދަ ގައުމުތަކަށް ދާން ނަގާ ޓިކެޓްގެ އަގު ރާއްޖެއަށް ވުރެ 50 ޕަސެންޓަށް ދަށްވުމަކީ ސަރުކާރުން އެއާލައިންތަކާ އެކު މަސައްކަތް ކޮށްގެން ހައްލު ކުރެވިދާނެ ކަމެއް ކަމަށް ރިފްއަތު ދެކިވަޑައިގަންނަވަ އެވެ.

"ސަރުކާރަށް މިކަމުގައި ކުރެވޭނެ ކަންކަން އެބަހުރި. ސިލޯނަށް އަންނަ ފްލައިޓުތައް އަގު ހެޔޮ. އެކަމަކު ރާއްޖެ އަށް ވީމަ އަގު ބޮޑުކޮށްފައި މި ހުންނަނީ. ސަރުކާރުން އެއާލައިންތަކާ ވާހަކަ ދައްކައިގެން މިކަން ހައްލު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވީ، އާ ޓާމިނަލް ހުޅުވުމުން، ގިނަ އެއާލައިންތަކަށް ރާއްޖެ އަށް އަންނަން ފުރުސަތު ލިބުމުން ވެސް ޓިކެޓްގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. މިހާރު އެއާލައިންތައް ރާއްޖެއަށް ދަތުރު ކުރުމުގައި ލިމިޓުތަކެއް ހުރުމުން، ޑިމާންޑަށް ކޭޓާ ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުހިންމީ ރިސޯޓްތައް، ބޮޑަށް އިޝްތިހާރުކުރަންވީ

ފިނޭންސް މިނިސްޓްރީގެ ކުރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަދި ޓްރެވަލް އޭޖެންސީ ރިޒޯޓް ލައިފްގެ ފައިނޭންސް އެންޑް ބިޒްނަސް ޑިވެލޮޕްމެންޓް އެޑްވައިޒާ އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ވަންނަ އާމްދަނީ ދަށް ވަނީ ހަމައެކަނި ޓޫރިސްޓުން ގެސްޓްހައުސްތަކަށް ދާތީއޭ ސީދާ ބުނަން އުނދަގޫ ކަމަށެވެ.

ސަރުވަޝް ވިދާޅުވީ، މި ހާލަތުގައި، ރާއްޖޭގެ ޓޫރިޒަމްގެ މިސްރާބު ދާ ގޮތުގެ ދިރާސާއެއްކޮށް، ލަގްޒަރީ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް އިތުރު ގޮތްތައް ހޯދުން ވަރަށް މުހިއްމު ކަމަށެވެ. އަދި އެއާ އެކު ގެސްޓްހައުސްތަކުގެ ޑިމާންޑު އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި ގެސްޓްހައުސް ޓޫރިޒަމް ވެސް ޕްރޮމޯޓް ކުރުން ހުއްޓާނުލާ ކުރިއަށް ގެންދިއުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން އެބަޖެހޭ ލަގްޒަރީ ޓޫރިޒަމް މާކެޓު ބޮޑު ކުރަން. އެކަމަށް ހާއްސަ މަސައްކަތްތަކެއް ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ މާކެޓުކޮށް، ޓޫރިޒަމް ދާއިރާގެ ސްޓްރެޖިކް ޕްލޭންތައް އެކުލަވައިލާ އިރު މިކަންކަން ދެނެގަތުން ވަރަށް މުހިއްމެވެ. ޓޫރިޒަމް ދާއިރާ އަށް ރާއްޖޭގެ މުޅި އިގްތިސާދުގެ 70 ޕަސެންޓު ބަރޯސާވާ އިރު މި ސެކްޓަރުގެ އެއް ސެގްމެންޓަށް ދިމާވާ ލޮޅުމެއްގެ އަސަރު މުޅި އިގްތިސާދަށް ވެސް ކުރާނެ އެވެ. ބޭނުން ވަނީ މި މައްސަލަ ބޮއްސުންލާއި އިންވެސްޓަރުންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތި ނުވަނީސް، މައްސަލަ ހައްލުކުރާނެ ގޮތްތަކެެވެ.