Roadha Mihaaru
މުއްސަނދިންގެ ފަހަތުން މީރާ ނުދުވަނީ ކީއްވެ؟

އާންމުންގެ ސުވާލު: މުއްސަނދިންގެ ފަހަތުން މީރާ ނުދުވަނީ ކީއްވެ؟

26 މެއި 2022

ބޮޑެތި ބިޔަ ރިސޯޓްތަކުން ބިމު ކުލި ނުދައްކައި، އެ އަދަދު 700 ވަރަކަށް މިލިއަން ރުފިޔާ އަށް އަރައިގެން ދިޔައިރު، ޓެކްސް އިދާރާ، މީރާ ކޮބައިހެއްޔެވެ؟ އެޅުނު ފިޔަވަޅަކީ ކޮބައި ހެއްޔެވެ؟ ރިސޯޓްތަކުގެ ލައިސަންސް ބާތިލް ނުކުރެވެނީ ކީއްވެ ހެއްޔެވެ؟ ޓޫރިޒަމް މިނިސްޓްރީން ކުރަން ޖެހޭ ކަންކަން ކޮބައިހެއްޔެވެ؟

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ބޮޑެތި ބިޔަ ރިސޯޓްތަކުން ބިމު ކުލި ނުދައްކައި، އެ އަދަދު 700 ވަރަކަށް މިލިއަން ރުފިޔާ އަށް އަރައިގެން ދިޔައިރު، ޓެކްސް އިދާރާ، މީރާ ކޮބައިހެއްޔެވެ؟ އެޅުނު ފިޔަވަޅަކީ ކޮބައި ހެއްޔެވެ؟ ރިސޯޓްތަކުގެ ލައިސަންސް ބާތިލް ނުކުރެވެނީ ކީއްވެ ހެއްޔެވެ؟ ޓޫރިޒަމް މިނިސްޓްރީން ކުރަން ޖެހޭ ކަންކަން ކޮބައިހެއްޔެވެ؟

އާންމުން މި ސުވާލުތައް ކުރަން ޖެހޭ ސަބަބުތަކެއް އެބައޮތެވެ. އެ ސުވާލު ބޮލުތެރޭގައި އެންމެ ބޮޑަށް އެނބުރޭނީ، އެއްކަލަ ކަންމަތީ ފިހާރަ ހިންގާ މީހާ އެވެ. މީރާ އުފެދުނީއްސުރެ، އޭނާ ހުންނަނީ ބޯ ހާސްވެފަ އެވެ. ދޭތެރެއަކުން އޮޑިޓެއް އަތުވެދާނެ އެވެ. ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތު ކޮށްފާނެ އެވެ. އޭނާގެ ނަން ޓެކްސް ނުދައްކާ މީހުންގެ ލިސްޓްގައި އޮވެދާނެ އެވެ. މަހަކު އެއްފަހަރު ބަޔާން ހުށަހަޅަން ޖެހޭނެ އެވެ. ބަޔާން ހުށަނާޅައިފި ނަމަ މީރާގެ ކޯލްތައް އަންނަން ފަށާނެ އެވެ.

އެކަމަކު ރިސޯޓުގެ އޯނަރު ފަސް، ހަ އަހަރު ކުލި ނުދައްކާ ވެސް ހިންގަނީ އެވެ. ރިސޯޓް ބަންދެއް ވެސް ނުކުރެ އެވެ. ލައިސަންސް ބާތިލެއް ވެސް ނުކުރެ އެވެ. އޭނާގެ ނަމެއް ވެސް އާންމެއް ނުކުރެ އެވެ. އެ ފައިސާ ހޯދަން ވެސް މަސައްކަތެއް ނުކުރެވެ އެވެ.

ކަންމަތީ ފިހާރަ މީހާގެ ނަޒަރުގައި ހާހެއްހާ ރުފިޔާ ހޯދަން އޭނާ އަށް ކުރާ އުނދަގޫ، މީރާ އިން މަހުޖަނުންނަށް ގުޅައިގެން ނުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ދިވެހި ރައްޔިތު މީހާގެ ބޭނުންތައް ފުއްދައިދިނުމަށް ސަރުކާރަށް އޭނާ ކަހަލަ "ނިކަމެތި" މީހާ ޓެކްސް ދައްކާއިރު، އޭނާ އަށް ވުރެ އެކަން ކުރަން އެންމެ އައުލާކަން ބޮޑީ މުއްސަނދި މަހުޖަނެވެ.

ދައުލަތަށް ޓެކްސް ނުދައްކާ މީހުންގެ ތެރެއިން، ވަރަށް ހިތްވަރު ނެރެގެން ވެސް މީރާ އިން މީގެ ދެ ދުވަސްކުރިން އާންމު އެ ކުރީ ބިމު ކުލި ނުދައްކާ ފަރާތްތަކުގެ ތެރެއިން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހިމެނޭ ފަރާތްތަކުގެ ނަމެވެ. ކުދިކުދި ވިޔަފާރިވެރިންގެ ނަންތައް މި ހުރިހާ ދުވަހަކު އާންމުކުރި އިރު ވެސް ބޮޑެތި މަހުޖަނުންގެ ނަންތަައް މީރާ އިން އާންމެއް ނުކުރެ އެވެ.

ހަގީގަތުގައި އެ ލިސްޓް އަދި ނިމުނީއެއް ނޫނެވެ. ދައުލަތަށް އެހެނިހެން ޓެކްސް އާއި އޭގެ ޖޫރިމަނާ އެތައް މިލިއަން ނުދައްކާ މުއްސަނދިން އެބަ ހިމެނެ އެވެ. ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 17 ބިލިއަން ރުފިޔާ އޮތް އިރު، އެއީ ޓޫރިޒަމް ދާއިރާ، ނުވަތަ މުއްސަނދި މަހުޖަނުންގެ އަތުން ލިބެން ޖެހޭ ފައިސާ އެވެ. އެއީ ހޯދަން ޖެހޭ އެއްޗެއް ކަމަށް އޮޑިޓަރު ޖެނެރަލް ވެސް ވަނީ ލަފާ ދެއްވައިފަ އެވެ.

މީރާ ސާވިސް ސެންޓަރުން މީހަކު ނުކުންނަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

މީރާ ސާވިސް ސެންޓަރުން މީހަކު ނުކުންނަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

މީރާގެ ޖަވާބު: ތަރުތީބެއް އޮވޭ، ނެތް އިހުތިޔާރުތަކެއް ވެސް އޮވޭ

މީރާގެ ޗެއާމަން އަދި ފިނޭންސްގެ ޗީފް ފައިނޭޝަލް ބަޖެޓް އެގްޒެކެޓިން އަހުމަދު ސަރުވަޝް އާދަމް މިއަދު ވިދާޅުވި ގޮތުގައި ނަންތައް އާންމުކުރި މައިގަނޑު މަގުސަދަކީ ވެސް އެ ފައިސާ ހޯދުމަށް މަގުފަހި ކުރުމެވެ.

އޭނާ ވިދާޅުވި ގޮތުގައި، އާންމު ނުވަތަ މެދުފަންތީގެ ވިޔަފާރިތަކާ ބޮޑެތި ވިޔަފާރިތަކުގައި ޓެކްސް ދެއްކުމާއި ޓެކްސް ނުދެއްކުމުން އަމަލު ކުރާ ޕޮލިސީ ވެސް ތަފާތެވެ. އެކަމަކު، ބޮޑެތި ވިޔަފާރިތަކާއި ރިސޯޓްތަކުން ލިބެން ޖެހޭ ފައިސާ ހޯދަން މީރާ އިން މަސައްކަތް ނުކުރާ ވާހަކަތަކަށް އޭނާ ރައްދު ދެއްވި އެވެ.

"މީރާ އަށް ވެސް ލިބިފައިވާ އިހުތިޔާރުތަކެއް އޮވޭ. އަދި ނުކުރެވޭނެ ކަންކަން ވެސް އެބަހުރޭ. ފައިސާ ހޯދަން ވީމަ، އަމަލު ކުރަން ޖެހޭ އުސޫލުތަކެއް ވެސް އޮވޭ. ކުރެވޭނެ އަދި ނުކުރެވޭނެ ކަންކަން ވެސް އެބަހުރޭ. ފައިސާ ނުލިބުނީމަ ދެން އަޅަން ޖެހޭ ގާނޫނީ ބޮޑެތި ފިޔަވަޅުތައް އެޅުމަކީ މީރާގެ މަސްއޫލިއްޔަތެއް ނޫން،" ސަރުވަޝް ވިދާޅުވި އެވެ.

"މީހާ އަށް މޫނަށް ނުބަލާތީ ދެއްތޯ އަޅުގަނޑުމެން މި ނަންތައް ވެސް އިއުލާން ކުރީ. ފަހުން [މާޗުން ފެށިގެން] އަމަލު މި ފެށީ އާ ގަވައިދަކަށް. އެންމެ ފުރަތަމަ އަޅުގަނޑުމެން މި އިއުލާންކުރީ ބިމު ކުލި. އޭގައި ވެސް ތަރުތީބެއް އެބައޮތް."

"މީހާ އަށް މޫނަށް ނުބަލާތީ ދެއްތޯ އަޅުގަނޑުމެން މި ނަންތައް ވެސް އިއުލާން ކުރީ. ފަހުން [މާޗުން ފެށިގެން] އަމަލު މި ފެށީ އާ ގަވައިދަކަށް. އެންމެ ފުރަތަމަ އަޅުގަނޑުމެން މި އިއުލާންކުރީ ބިމު ކުލި. އޭގައި ވެސް ތަރުތީބެއް އެބައޮތް."
ސަރުވަޝް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އޭނާ ވިދާޅުވަނީ ފައިސާ ހޯދުމުގެ މަރުހަަލާތައް ކުރިއަށް ދާ ކަމަށް-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަރުވަޝް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އޭނާ ވިދާޅުވަނީ ފައިސާ ހޯދުމުގެ މަރުހަަލާތައް ކުރިއަށް ދާ ކަމަށް-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ 25،000 ޓެކްސްޕޭޔަރުން އެބަތިބި ކަމަށާއި ޝަކުވާތައް ވެސް ހުންނާނެ ކަމަށެވެ. އަދި ހާއްސަަކޮށް މީރާ އުފެދިގެން އައިއިރު ދިމާވި ވަރަށް ގިނަ ކަންކަން އެއީ އެގޮތަށް އެކަންކަން ހިނގީމަ ޓެކްސްޕޭޔަރުންގެ ތެރޭގައި ބިރުވެރިކަން އުފެދިފައި އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހާއްސަކޮށް އޭރު އޮތް ޑެޑްލައިންތަކުގެ ސަބަބުން ދިމާވި ބިރުވެރިކަން،" އޭނާ އެއް ކަމެއް ފާހަގަކުރެއްވި އެވެ.

ސަރުވަޝް ވިދާޅުވި ގޮތުގައި މިހާރު އެކަންކަން ބަދަލުކޮށް، މެދުފަންތީގެ ވިޔަފާރިތައް ވެސް އޮޑިޓް ކުރުން އެއީ ވަކި ހާލަތްތަކެއްގައި ކުރާ ކަމެއްގެ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އޭނާ ވިދާޅުވީ އެންމެ ގިނައިން ޓެކްސް ޕޭކުރާ 200 ޓެކްސްޕޭޔަރުން ވެސް އޮޑިޓްކުރަމުން ގެންދާ ކަމަށެވެ.

"ޓެކްސް ދެއްކުމަކީ އެކަކު ވެސް ބޭނުންވާނެ ކަމެއް ނޫން. އެކަމަކު އެކަން ކުރޭތޯ ބަލަން ތިބޭ ގާނޫނީ ބަޔަކީ މީރާ. އެކަން ކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

"ކުދި ވިޔަފާރިތަކަށް ވެސް ޓެކްސް ދެއްކުމުގައި ވަރަށް ބޮޑެތި ލުއި ދެން. އަޅުގަނޑުމެންގެ ވިސްނުމަކީ އަބަދު ވެސް ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަށް އެކަން ކުރުން. ވިޔަފާރިކޮށްގެން ދެއްތޯ ޓެކްސް ލިބޭނީ ވެސް."

މީރާ އަށް އޮންނަ ދައުރަކީ ފައިސާ ހޯދުން ކަމަށް ބުނެ، ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމުގެ ކުރިން ފައިސާގެ ވަރަށް ގިނަ މައްސަލަތަަކުގައި މީރާ އިން ކޯޓަށް ގޮސްފައިވާ ކަން ސަރުވަޝް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ އޭގެ ތެރޭގައި ރިސޯޓްތައް ވެސް ހިމެނޭ ކަމަށެވެ.

"ކާމިޔާބުވާ ކޭސްތަކާއި ކާމިޔާބު ނުވާ ކޭސްތައް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން މީހެއްގެ މޫނަކަށް ނުބަލާނެ: މިނިސްޓަރު

ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ވަރަށް ބޮޑު މަސްލަހަތެއް ހިމެނޭ ދެ ރިސޯޓަކުން ދައުލަތަށް ދައްކަން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދައްކައި އޮންނަތާ ހައެއްކަ އަހަރުވީ އެވެ. އޭނާގެ އިތުރުން ބޮޑެތި ބިޔަ، އަދި ސަރުކާރާ ގާތް ގުޅުމެއް އޮތް އެތައް ވިޔަފާރިވެރިންނެއް ވެސް ޓެކްސް ނުދައްކާ އެބަތިއްބެވެ. އެކަމަކު އެ މީހުންގެ ރިސޯޓްތަކަށް ޓޫރިސްޓުން ބަރާބަރަށް ދެ އެވެ. ލައިސަންސް ބާތިލެއް ނުކުރެވެ އެވެ. އެޅޭ ފިޔަވަޅެއް ނެތެވެ.

އެއީ އާންމު މީހަކަށް ލިބިދާނެތޯ ފުރުސަތެއްތޯ އާއި އެ ފުރުސަތު އަލީ ޝިޔާމަށް ނުވަތަ ކުލި ނުދައްކާ ދެން ތިއްބެވި މަހުޖަނުންނަށް ލިބެނީ ކީއްވެތޯ ދެންނެވުމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ފައިސާ ހޯދުމުގެ ވަރަށް ގިނަ އިޖުރާތްތަކެއް އެބައޮތް ކަމަށެވެ.

"އަޅުގަނޑު މި މަގާމަށް އައި ފަހުން ވަރަށް ގިނަ ކޭސްތަކަށް އެޓެންޑް ވެއްޖިން ބަދަލު ދިނުމަށް އެކަނި. ކުރިން ކޮށްފައި ހުރި ކަންތައްތަކުގެ ސަބަބުން އެހެން މިވީ. އެހެންވީމަ މިހާރު ކޮންމެ ކަމެއްގައި ވެސް އަޅުގަނޑު މިހާރު އިސްކަން ދެން އިޖުރާތްތައް ފުރިހަމަ ކުރަން. މިހާރު ވެސް އެއް ރިސޯޓަކަށް ސިޓީ ޑްރާފްޓް ވެސް ކޮށްފިން ނުހުޅުވި އޮތީމަ ވަރަށް ބޮޑު ގެއްލުމެއް ވާތީ،" އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު މައުސޫމް: ކޯޓަށް ދާން ޖެހިއްޖިއްޔާ އެކަން ކުރާނެ -- ފައިލް ފޮޓޯ: މިހާރު

ޓޫރިޒަމް މިނިސްޓަރު މައުސޫމް: ކޯޓަށް ދާން ޖެހިއްޖިއްޔާ އެކަން ކުރާނެ -- ފައިލް ފޮޓޯ: މިހާރު

އޭނާ ތަކުރާރުކޮށް ވިދާޅުވި ގޮތުގައި ވަކި މީހަކަށް ވާތީ، ނުވަތަ ވަކި ގުޅުންތަކެއް އޮތީތީ އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަސް ޖެހުމަކީ އޭނާ ކުރައްވާނެ ކަމެއް ނޫނެވެ.

"ކޯޓަށް ދާންވީމަ ކޯޓަށް ވެސް ދާނެ. އެކަން ކުރާކަށް އަޅުގަނޑު ފަހެއް ނުޖެހޭނެ. މީރާއިން މިހާރު އިއުލާންކޮށްފައި އޮތް 12 ރިސޯޓުގެ ބިމު ކުލި ހޯދުމުގެ މަސައްކަތްތައް މީރާއާ ގުޅިގެން މިތަނުން ކުރަމުންދޭ،" މައުސޫމް ވިދާޅުވި އެވެ.

"ޓޫރިޒަމަކުން ނުބަލާނެ މީހާއަކަށް، ޓޫރިޒަމް މިނިސްޓްރީއަކީ ސިޔާސީ ހަތިޔާރެއް ނޫނޭ އަޅުގަނޑު މި ދަންނަވަނީ. އައްޑަނައެއް ވެސް ނޫނޭ. މިއީ އިގްތިސާދީ ބޮޑު ހަރަކާތެއް."

"ޓޫރިޒަމަކުން ނުބަލާނެ މީހާއަކަށް، ޓޫރިޒަމް މިނިސްޓްރީއަކީ ސިޔާސީ ހަތިޔާރެއް ނޫނޭ އަޅުގަނޑު މި ދަންނަވަނީ. އައްޑަނައެއް ވެސް ނޫނޭ. މިއީ އިގްތިސާދީ ބޮޑު ހަރަކާތެއް."

ފައިސާ ނުލިބި މިހާ ގިނަ ދުވަސްވެފައި އޮތީ ކީއްވެތޯ ދެންނެވުމުން މައުސޫމް ވިދާޅުވީ އެ 12 ޕްރޮޕަޓީގެ ތެރޭގައި ތަފާތު އިޝޫތައް އެބަހުރި ކަމަށެވެ. އެއް ކަމަކީ، އޭނާ ފާހަގަކުރެއްވި ގޮތުގައި އޭގެ ތެރޭގައި ހިމެނޭ ބައެއް ވިޔަފާރިވެރިން ގުޅިފައިވާ އެހެން ބައެއް ވިޔަފާރިތަކަށް ސަރުކާރުން ވެސް ދޭން އޮތް ބަދަލު ނުދީ އޮތުމެވެ.

"އެކި ހުކުމުތަކުގެ ތެރެއިން ސަރުކާރުން ވެސް ބަދަލު ދޭން ޖެހިފައި ހުރި ތަންތަން ވެސް އޭގެ ތެރޭގައި އެބަ ހިމެނޭ. ކޮވިޑާ އެކު ވަރަށް ބޮޑަށް އަޑިއަޅާލި ތަންތަން ވެސް އެބަ ހިމެނޭ. އަޅުގަނޑުމެން މިދަނީ އެކަންކަމާ މެދު މަޝްވަރާ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ސިޔާސަތަކީ ވިޔަފާރި ހުއްޓުވާލައި ބައެއްގެ ވަޒީފާތައް ގެއްލުވާލުމުގެ ބަދަލުގައި އެކަން ދާއިމީކޮށް ކުރެވޭނެ މަގުތަކެއް ހޯދައިދިނުން،" އޭނާ ވިދާޅުވި އެވެ.

ފަހުން ހެދި ގަވައިދުގެ ދަށުން ބޮޑެތި އަދަދުތަކުން ދައުލަތަށް ދަރާފައިވާ އެތައް ބައެއްގެ ނަން މީރާ އިން އަދި އާންމު ކުރާނެ އެވެ. އާންމުކުރި ފުރަތަމަ އަދަދު، ހަމައެކަނި 12 ރިސޯޓަކުން ގާތްގަނޑަކަށް 700 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން އޮތްއިރު، އެއީ ހަގީގަތުގައި ނިސްބަތުން ވަރަށް ކުޑަ އެއްޗެކެވެ.

މުހިންމީ ނަން އާންމުކުރުމެއް ވެސް ނޫނެވެ؛ ފިޔަވަޅު އެޅުމެވެ. ރިސޯޓަކުން ފަސް، ހަ އަހަރު ކުލި ނުދައްކާ އަދި ދެން ހުރި ޓެކްސްތައް ނުދައްކާ ހިންގުމަކީ އެއަށް އެހެން އެއްވެސް ހުއްޖަތެއް ދެއްކޭނެ ކަމެއް ނޫނެވެ. އެޅެން ޖެހޭ ފިޔަވަޅުތައް އެޅެން ޖެހޭނެ އެވެ.