Roadha Mihaaru
ޓެކްސް ނުދެއްކުމުން ލައިސަންސް އާކޮށްނުދީ ހިފެހެއްޓޭނެ

ޓެކްސް ނުދެއްކުމުން އޮޕަރޭޓިން ލައިސަންސް އާކޮށް ނުދޭން ކުރި ހުކުމް ރަނގަޅު: ހައި ކޯޓް

04 ޑިސެމްބަރ 2017

ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދައްކާ އޮތް ކުންފުންޏަކުން ދުއްވާ ސަފާރީއެއްގެ އޮޕަރޭޓިން ލައިސަންސް އާކޮށް ނުދޭން ޓޫރިޒަމް މިނިސްޓްރީން ނިންމި ނިންމުން ރަނގަޅު ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދައްކާ އޮތް ކުންފުންޏަކުން ދުއްވާ ސަފާރީއެއްގެ އޮޕަރޭޓިން ލައިސަންސް އާކޮށް ނުދޭން ޓޫރިޒަމް މިނިސްޓްރީން ނިންމި ނިންމުން ރަނގަޅު ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ޓްރެވަލް ލޭންޑް މޯލްޑިވްސްގެ ސަފާރީއެއްގެ އޮޕަރޭޓިން ލައިސަންސް އާކޮށް ނުދޭން ޓޫރިޒަމް މިނިސްޓްރީން 2009 ގައި ނިންމީ އެ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި ޖޫރިމަނާ ފައިސާތަކެއް ނުދައްކާ އޮތުމުން އެ ސަފާރީގެ އޮޕަރޭޓިން ލައިސަންސް އާކޮށް ނުދޭން މީރާއިން އެދުމުންނެވެ.

ފިނޭންސް މިނިސްޓްރީން 2011 ގައި ނެރެފައިވާ ސާކިއުލާއެއްގައިވާ ގޮތުން އެއްވެސް ފަރާތަކަށް އޮޕަރޭޓިން ލައިސަންސް ދޫކުރާއިރު ނުވަތަ ލައިސަންސް އާކުރާއިރު ނުވަތަ އެއަށް ބަދަލެއް ގެންނައިރު އެ ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްތޯ މީރާ މެދުވެރިކޮށް ބަލައި، ކަށަވަރު ކުރަންޖެހޭނެ އެވެ.

ޓްރެވަލް ލޭންޑުން ދައްކަންޖެހޭ ޓެކްސް ފައިސާ ނުދައްކާ އޮތުމުން މީރާގެ އެދުމުގެ މަތިން ޓޫރިޒަމް މިނިސްޓްރީން ނިންމީ ޓެކްސް ނުދައްކަނީސް އެ ކުންފުނީގެ ސަފާރީގެ އޮޕަރޭޓިން ލައިސަންސް އާކޮށް ނުދިނުމަށެވެ. އެ މައްސަލަ އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން 2015 ގައި ނިންމާފައި އޮތީ ޓެކްސް ނުދައްކަނީސް ލައިސަންސް އާކޮށްދޭން އަމުރުކޮށް ނުދެވޭނެ ކަމަށެވެ.

ސިވިލް ކޯޓުގެ އެ ހުކުމް ޓްރެވަލް ލޭންޑް ކުންފުނިން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް މިދިޔަ ބުދަ ދުވަހު ނިންމީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ ފިނޭންސް މިނިސްޓްރީއަކީ ދައުލަތުގެ މާލީ ސިޔާސަތު ތަންފީޒުކުރާ މިނިސްޓްރީ ކަމަށްވާއިރު އެ މިނިސްޓްރީން ނެރުނު ސާކިއުލާއަކީ މާލިއްޔަތު ގަވާއިދުގެ ދަށުން ބާރު ލިބިގެން ނެރުނު ސާކިއުލާއެއް ކަން އެނގޭ ކަމަށެވެ. އަދި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ މާލިއްޔަތު ގަވާއިދުގެ ދަށުން ކުރަންޖެހޭ ކަމެއް ކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ޓޫރިސްޓުން ހޭދަކުރާ ކޮންމެ ދުވަހަކަށް ބޮލަކަށް އަށް ޑޮލަރުގެ ރޭޓުން ޓެކްސް ދެއްކުމަކީ ޓޫރިޒަމްގެ ގާނޫނުގެ ދަށުން، ޓޫރިސްޓް ރިސޯޓްތަކާއި އުޅަނދުތައް އޮޕަރޭޓްކުރާ ފަރާތްތަކުގެ ޒިންމާއެއް ކަމަށްވާއިރު އެ ފައިސާ ނުދައްކާ ފަރާތެއްގެ އޮޕަރޭޓިން ލައިސަންސް ހިފެހެއްޓުމަކީ ގާނޫނާ ޚިލާފް ކަމެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ޓްރެވަލް ލޭންޑް ކުންފުނިން ދައްކަންޖެހޭ ޓެކްސް ދެއްކުމުން އޮޕަރޭޓިން ލައިސަންސް އާކޮށްދެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން އަންގާފައިވާ ކަން ވެސް އެ ހުކުމުގައިވެ އެވެ.

ޓެކްސް ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދަން މީރާއިން ގިނަ ފިޔަވަޅުތަކެއް އަޅަ އެވެ. އެގޮތުން ދައުލަތުގެ އިދާރާތަކުން އެ ފަރާތަކަށް ދޭ ޚިދުމަތްތައް ހުއްޓާލަން އެންގުމާއި އެކައުންޓް ފްރީޒްކޮށްގެން ފައިސާ އަތުލަ އެވެ. ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު ބުނާގޮތުން މީރާއިން ޓެކްސްގެ ގޮތުގައި ދައްކަން އަންގާ އަދަދަކާ މެދު ހިތްހަމަ ނުޖެހުނަސް މީރާގެ އެ ނިންމުމެއް އިސްތިއުނާފް ކުރެވޭނީ ޓެކްސް ފައިސާ ދެއްކުމަށް ފަހު އެވެ.

މިދިޔަ އަހަރު ހައި ކޯޓުން ނިންމާފައިވާ ގޮތުން ޓެކްސްގެ ގޮތުގައި ދައްކަން އަންގާ އަދަދު އިސްތިއުނާފް ކުރެވޭނީ އަމިއްލައަށް އެ ފައިސާ ދެއްކުމުންނެވެ. ޓެކްސް ދައްކަންޖެހޭ ފަރާތުން އެ ފައިސާ އަމިއްލައަށް ނުދައްކާ އޮއްވާ މީރާއިން އެ ފައިސާ އަތުލާ ހާލަތްތަކުގައި އިސްތިއުނާފް ކުރުމުގެ ހައްގު ނޯންނާނެ ކަމަށް ހައި ކޯޓުން އޭރު ވަނީ ކަނޑައަޅައިފަ އެވެ.