Roadha Mihaaru
ބީއެމްއެލް އިން ސަރުކާރަށް ރެކޯޑު އަދަދެއްގެ ޑިވިޑެންޑް

ބީއެމްއެލް އިން ސަރުކާރަށް ޑިވިޑެންޑާއި ޓެކްސްއާ އެކު 700 މިލިއަން

29 މެއި 2022

މިދިޔަ އަހަރު ބީއެމްއެލް އިން ސަރުކާރަށް ޑިވިޑެންޑާއި ޓެކްސްގެ ގޮތުގައި ގާތްގަނޑަކަށް 700 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އެ ބޭންކްގެ ސީއީއޯ ޓިމޮތީ ސޯޔާ (ޓިމް) ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރު ބީއެމްއެލް އިން ސަރުކާރަށް ޑިވިޑެންޑާއި ޓެކްސްގެ ގޮތުގައި ގާތްގަނޑަކަށް 700 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އެ ބޭންކްގެ ސީއީއޯ ޓިމޮތީ ސޯޔާ (ޓިމް) ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި އޭނާ ވިދާޅުވީ، މިދިޔަ އަހަރު ބޭންކުގެ އާމްދަނީ 470 ޕަސެންޓަށް އިތުރު ކަމަށެވެ. މިދިޔަ އަހަރު ޓެކްސް ކެނޑުމަށްފަހު އެކުންފުންޏަށް 1.9 ބިލިއަން ރުފިޔާގެ ފައިދާ ވަނީ ލިބިފަ އެވެެ.

ޓިމް ވިދާޅުވީ މި ފައިދާ އިން ސަރުކާރަށް ބޮޑު އަދަދެއް ދީފައިވާ ކަމަށެވެ. ބޭންކުން ވަނީ ޕްރޮފިޓް ޓެކްސްގެ ގޮތުގައި 543 މިލިއަން ރުފިޔާ ސަރުކާރަށް ދީފަ އެވެ. އަދި ޑިވިޑެންޑގެ ގޮތުގައި 131 މިލިއަން ރުފިޔާ ސަރުކާރަށް ދީފައިވެ އެވެ.

ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ފައިދާގެ 25 ޕަސެންޓް ދޭން ޖެހެ އެވެ.

ބޭންކުން 2019 ވަނަ އަހަރު ސަރުކާރަށް ޑިވިޑެންޑާއި ޓެކްސްގެ ގޮތުގައި ދިނީ 423 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ބޭންކުން ސަރުކާރަށް ލިބިފައި ވަނީ 2019 ވަނަ އަހަރަަށް ވުރެ 251 މިލިއަން ރުފިޔާ އިތުރުގެ އަދަދެކެވެ.

"މިދިޔަ އަހަރަކީ ބޭންކުގެ ތާރީހުގައި ވެސް އެންމެ ރަނގަޅު ފައިދާއެއް ލިބުނު އަހަރު،" އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާގައި ބޭންކަށް ފައިދާގެ ގޮތުގައި 554 މިލިއަން ރުފިޔާ ލިިބިފައިވެ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 55 ޕަސެންޓުގެ އިތުރުވުމެކެވެ.

ޓިމް ވިދާޅުވީ، މިދިޔަ އަހަރު ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށްފައިވާ ކަމަށެވެ. އެގޮތުން އަށް ލައްކައަށް ވުރެ ގިނަ ކަސްޓަމަރުންގެ ކޯލްތަކަށް ޖަވާބުދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ 2019 ވަނަ އަހަރަށް ވުރެ ގާތްގަނޑަކަށް ދެ ލައްކަ އިތުރު އަދަދެކެވެ.