Roadha Mihaaru
ކްރެޑިޓް ކާޑުގެ ބޭރުގެ މުއާމަލާތުތައް މަތިކުރަނީ

ކްރެޑިޓް ކާޑުން ބޭރުގެ މުއާމަލާތުތައް ހިންގޭ ލިމިޓް މަތިކުރަނީ

15 ޖުލައި 2021

ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖެ އިން ބޭރުން ފައިސާ ނެގޭ އަދަދު އަންނަ ހޮނިހިރު ދުވަހުން ފެށިގެން މަތިކުރާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ ޓިމް ސޯޔާ މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖެ އިން ބޭރުން ފައިސާ ނެގޭ އަދަދު އަންނަ ހޮނިހިރު ދުވަހުން ފެށިގެން މަތިކުރާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ ޓިމް ސޯޔާ މިއަދު ވިދާޅުވެއްޖެ އެވެ.

އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި އޭނާ ވިދާޅުވީ، ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ބޭންކަށް ކުރިމަތިވި އުނދަގޫ ހާލަތަށް ފަހު އަނެއްކާ ވެސް ކުންފުނީގެ ހިންގުމަށް ކުރިއެެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ. އަދި ކުރިމަގުގައި އާންމުންނަށް ފަސޭހަވާނެ އިތުރު ހިދުމަތްތައް ބީއެމްއެލް އިން ތައާރަފުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކްރެޑިޓް ކާޑު ލިމިޓަށް ބަދަލު ގެންނާނެ ކަމަށް ސީއީއޯ ވިދާޅުވި ނަމަވެސް ރާއްޖެ އިން ބޭރުން ފައިސާ ނެގޭނެ އާ ލިމިޓް އަދި އާންމެއް ނުކުރެ އެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ބޭންކުން ވަނީ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު ބޭނުންކޮށްގެން، ދިވެހި ރުފިޔާ އެކައުންޓުން ބޭރުގައި މުއާމަލާތު ކުރުމަށް ވަގުތީ ލިމިޓުތަކެއް ކަނޑައަޅައިފަ އެވެ. އެގޮތުން ރާއްޖޭގައި ތިބެގެން ބޭރުގެ މުއާމަލަތު ކުރާ ކަސްޓަމަރުންނަށް މަހެއްގެ މައްޗަށް 250 ޑޮލަރު ކަނޑައަޅާފައިވާއިރު ބޭރު ގައުމުތަކުގައި ތިބި ދިވެހިންނަށް އެންމެ ގިނަ ވެގެން މަހަކު ނެގޭނީ 750 ޑޮލަރެވެ.

މިގޮތަށް ލިމިޓުތަކެއް ކަނޑައެޅި ނަމަވެސް ބޭސްފަރުވާ އަށް ބޭރަށް ދާ މީހުންނަށާއި ދަރިވަރުންނަށް ބޭންކުން ލިމިޓު އިތުރުކޮށްދެ އެވެ.

މިފަދަ ބަދަލެއް ބޭންކުން ގެނެސްފައިވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދަށްވެ އިގްތިސާދަށް ކުރި ނޭދެވޭ އަސަަރާއެކު، ބޭންކުގައި ހުރި ޑޮލަރު ވެސް މަދުވެ، ލިކުއިޑިޓީއަށް ވަރަށް ބޮޑަށް އަސަރު ކުރުމުންނެވެ.