Roadha Mihaaru
"އިންޑިއާ ސިފައިން ތިބިކަން ނުވަތަ ނެތްކަމެއް ނޭނގޭ"

އިންޑިއާގެ ސިފައިން ތިބިކަން އަދި ނެތްކަމުގެ ހެއްކެއް ވެސް ނެތް: ހުކުމް

30 މެއި 2022

ރާއްޖޭގައި އިންޑިއާގެ ސިފައިން އަދި ގާއިމުވެ ތިބި ކަމުގެ އެއްވެސް ހެއްކެއް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދެއްކިފައި އަދި ސިފައިން ނެތް ކަމުގެ ހެއްކެއް ދައުލަތަށް ކޯޓުގައި ދެއްކިފައި ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައި ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރާއްޖޭގައި އިންޑިއާގެ ސިފައިން އަދި ގާއިމުވެ ތިބި ކަމުގެ އެއްވެސް ހެއްކެއް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދެއްކިފައި އަދި ސިފައިން ނެތް ކަމުގެ ހެއްކެއް ދައުލަތަށް ކޯޓުގައި ދެއްކިފައި ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައި ބުނެފި އެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް، އިދިކޮޅު ލީޑަރު ޔާމީން އިސްވެ ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިނުގައި އެ މަނިކުފާނުގެ ގެކޮޅުގައި ދެމި "އިންޑިއާ އައުޓް" ބެނާ ނެގުމަށް ފުލުހުން ހޯދި ކޯޓު އަމުރު ބާތިލްކޮށް، ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ "ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެތިބުމާ" ދެކޮޅަށް ކަމަށް ބުނާއިރު މިއީ ހަގީގަތެއްކަން ނުވަތަ ހިޔާލެއްކަން އެނގޭނެ ގޮތެއް ދެ ފަރާތުން ދެއްކި ވާހަކަތަކުގައި ވެސް އަދި ހުށަހެޅި ލިޔުންތަކުގައި ވެސް ނެތް ކަމަށެވެ.

"...އަދި އެކަމަށް ބާރު ދޭ ހެއްކެއް ވެސް ނެތެވެ. އެހެންވެ 'އިންޑިއާ ސިފައިން ގާއިމުވެ ތިބުމޭ ކިޔައިގެން އެ ދައްކާ ވާހަކަ' އަކީ ހަގީގަތެއް ނުވަތަ ހިޔާލެއްގެ މައްޗަށް ބިނާކޮށްގެން ދައްކާ ސިޔާސީ މަންފާއެއް ހޯދުމުގެ ގޮތުން ހިންގާ ނާޖާއިޒު ހަރަކާތެއް ހަރަކާތެއް ވުމާއި މި ދެ ގޮތް ވެސް ކޯޓުގެ ކުރިމަތީގައި ހަމަހަމަ އެވެ." ހުކުމުގައިވެ އެވެ.

މައްސަލަ ބެލި ބެންޗުގެ ރިޔާސަތުގައި އިންނެވި ހަސަން ޝަފީއުގެ ރައުޔު އަށް ތާއީދުކުރައްވައި ފަނޑިޔާރު މުހައްމަދު ނިޔާޒް ދެއްވި ރައުޔުގައި އެހެން ވިދާޅުވީ، ދިވެހިރާއްޖޭގައި "އިންޑިއާ ސިފައިން ގާއިމުވެ ތިބުމާ ދެކޮޅަށް" ދިވެހި ރައްޔިތަކު، ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ހިޔާލު ފާޅުކުރުމަކީ އާންމު މަސްލަހަތަށް އެއްވެސް އުނިކަމެއް އަންނާނެ ކަމެއް ނޫން ކަމަށް ބުނެފައި ވާތީ އެވެ.

އާންމު މަސްލަހަތު ކަނޑައަޅާނީ ކޯޓަކުން ނޫން

އެ ހުކުމުގައިވާ ގޮތުން، އާންމު މަސްލަހަތާއި އަމްނުއާންމާއި ގައުމީ ސަލާމަތާ ގުޅޭ ގޮތުން ނިންމަންޖެހޭ ނިންމުންތަކަކީ ކޯޓުގެ އިހްތިސާސުން ބޭރުގައިވާ، ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ތެރޭގައި ގާނޫނުން ކަނޑައަޅައި ހިމަނާފައިވާ ކަންކަމެވެ.

"ވީމާ އެވެނި މިވެނި ކަމަކީ އާންމު މަސްލަހަތާއި ނުވަތަ އަމްނުއާންމާއި ނޫނީ ގައުމީ ސަލާމަތާ ގުޅޭ ނުވަތަ ނުގުޅޭ ކަމެކޭ ބުނެ، ކޯޓުން އެ އަނެއް ދެ ބާރުގެ އިހްތިސާސް ތެރެއަކަށް ނުވަންނާނެ އެވެ،" ނިޔާޒްގެ ރައުޔުގައިވެ އެވެ.

ހުކުމުގައި ބުނިގޮތުގައި، ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހަވާލާދޭ މާއްދާތައް ފުލުހުން ބޭނުންކުރި ގޮތާ ގުޅޭ ގޮތުން ކޯޓަށް އެއްޗެއް ނުބުނެވޭނެ އެވެ. ގާނޫނުތައް ހުރި ގޮތުން، އަމަންއާންމަށް ގެއްލުމެއް ލިބިދާނެ ކަމެއްކަން އެކަމުގެ ގާނޫނީ ބާރު ލިބި އޮތް ފަރާތުން ކަނޑައަޅާ ކޮންމެ އަމަލަކީ ކުށުގެ އަމަލަކަށްވުން ލާޒިމް ނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެހެންވެ ގާނޫނުއަސާސީ އާއި ގާނޫނުގެ ދަށުން ފުލުހުން ކުރަންޖެހޭ ކަންކަމަށް ހުރަސްއެޅޭ ގޮތަށް ކުށަކާ ގުޅުވައިގެން ހުށަހަޅާފައިވާ އެ މައްސަލައިގެ ތެރެއިން އެ ކަމުގައި ގޮތެއް ނިންމިދާނެ ކަމަކަށް ނުދެކޭ ކަމަށް ހުކުމުގައި ބުންޏެވެ.

"އެ ގާނޫނަކީ ކިތަންމެ ދުވަސްވީ މުސްކުޅި ގާނޫނެއް ނަމަވެސް އަދި ގާނޫނުއަސާސީއާ ތައާރުޒުވާ ކަމަށް ބުނެ އެ ގާނޫނަކާ މެދު ގޮތެއް ކަނޑައަޅާފައި ނެތްއިރު އެފަދަ ގާނޫނުތަކަށް ނުބަލައި ގާނޫނުއަސާސީ އާއި ގާނޫނުން ފުލުހުންގެ މައްޗަށް މަތިކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބުތަކަށް ހަނިކަން އަންނަ ގޮތަށް ފުލުހުންގެ ހިދުމަތުގެ ގާނޫނަށް މާނައެއް ދީފި ނަމަ ފަނޑިޔާރުންނަކީ ގާނޫނުއަސާސީއަށާއި ގާނޫނަށް އަމަލު ނުކުރާ ބައެއް ކަމުގައި ވެދާނެ އެވެ،" ފަނޑިޔާރު ނިޔާޒް ލިޔުއްވި އެވެ.

ހުކުމުގައި ވަނީ އެ ކަންކަމުގައި ކޯޓުން ކުރާނެ ކަމަކީ ގާނޫނުގައިވާ ގޮތުގެ މަތިން ނިންމަންޖެހޭ ފަރާތްތަކުން ވަކި ކަމެއް އެއީ އާންމު މަސްލަހަތާއި އަމްނުއާންމާއި ގައުމީ ސަލާމަތާ ގުޅޭ ކަމެއް ކަމަށް ނިންމާފައިވާ ނިންމުމަކާ ގާނޫނުއަސާސީން ލިބޭ އަސާސީ ހައްގެއް ނުވަތަ މިނިވަންކަމަކާ ފުށުއަރާ ކަމަށް ބުނެ ހުށަހަޅާ ޝަކުވާއަކާ ގުޅިގެން ބަލަންޖެހޭ ހަމަތަކުން އެ ކަމެއް ބެލުމެވެ. އާންމު މަސްލަހަތާއި ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް އަސާސީ ހައްގުތައް ހަނިކޮށްފައި ހުންނަކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.