Roadha Mihaaru
ބެނާއެއް ހަޖަމް ނުވުމަކީ ނުރައްކާ އޮތް ވަރު: އަދުރޭ

ކެތްނުވެގެން ބެނާ ކަނޑާލުމަކީ އިންޑިއާގެ ނުރައްކާ އޮތް ވަރު: އަދުރޭ

21 އެޕްރީލް 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ގެކޮޅުގައި އިންޑިއާ އައުޓް ބެނާއެއް ފެންނަން ހުރުން މި ސަރުކާރަށް ކެތްނުވުމަކީ އިންޑިއާގެ ނުރައްކާ މި ގައުމުގައި އޮތް ވަރު ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ގެކޮޅުގައި އިންޑިއާ އައުޓް ބެނާއެއް ފެންނަން ހުރުން މި ސަރުކާރަށް ކެތްނުވުމަކީ އިންޑިއާގެ ނުރައްކާ މި ގައުމުގައި އޮތް ވަރު ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ޔާމީން އިސްވެ އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕޭންގެ ބެނާއެއް ދެމީ އެ މަނިކުފާނުގެ ގެކޮޅު، ދޫވެހީގަ އެވެ. މިއީ ގައުމީ ސަލާމަތަށް ނުރައްކާވާ އަމަލެއް ކަަމަށް ބުނެ ބެނާ ނެގުމުގެ އިންޒާރު ފުލުހުން ދިނެވެ. އޭގެ ފަހުން ކޯޓު އަމުރެއް ހޯދައި މިއަދު ވަނީ ޔާމީންގެ ގެކޮޅުގައި ދެމި ބެނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ޕީޕީއެމްގެ އޮފީހުގައި ދެމި ބެނާ ވެސް ފުލުހުން ވަނީ ކަނޑާލައިފަ އެވެ.

ބެނާ ނެގުން ކުރިއަށް ގެންދިޔަ ވަގުތާ ދިމާކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގައި ވިދާޅުވީ، "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ރޭ ކަނޑައަޅާފައިވާ ކަމަށެވެ. އެހެންވެ، އެ ގަރާރުގައި ރައީސް ވަނީ އިންޑިއާއާ ދެކޮޅު އެ ހަރަކާތް ހުއްޓުވުމުގެ ކަންކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގަވައިފަ އެވެ.

"އިންޑިއާ އައުޓް" ބެނާ ނެގި މައްސަލައާ ގުޅުވައިގެން އަދުރޭ ވިދާޅުވި ގޮތުގައި އިންޑިއާގެ ސިފައިން މި ގައުމުގައި ބައިތިއްބައި ނުފޫޒު ގަދަކުރުމާ ދެކޮޅަށް ޔާމީންގެ ގެކޮޅުގައި ބެނާއެއް ދެމުމަކީ އެތައް ރައްޔިތުންނަށް ލިބޭ ހިތްވަރެކެވެ. ސަރުކާރުން އެ ބެނާ ފެންނަން ބޭނުން ނުވި ސަބަބަކީ އެއީ ކަމަށް ވިދާޅުވި އެވެ.

ފުލުހުން ގޮސް ދޫވެހީގެ އިންޑިއާ އައުޓް" ބެނާ ނަގަނީ: އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ރޭ ވަނީ ކަނޑައަޅާފައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފުލުހުން ގޮސް ދޫވެހީގެ އިންޑިއާ އައުޓް" ބެނާ ނަގަނީ: އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ރޭ ވަނީ ކަނޑައަޅާފައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަދުރޭ ވިދާޅުވީ ބެނާއެއް "ހަޖަމް" ނުވުމަކީ ދިވެހި ރައްޔިތުންނަށް ވުރެން އިންޑިއާ މި ސަރުކާރަށް މުހިއްމު ވަރު ކަމަށެވެ. އަމިއްލަ ގޭގައި ބެނާއެއް ދެމުމަކީ ގައުމީ ސަލާމަތަށް ނުރައްކާ އަމަލެއް ނޫން ކަމަށާއި އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ކޮންމެ ރައްޔިތަކަށް ލިބޭ ހައްގެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ އާރާއި ބާރެއް ނެތް ކަން މި ދައްކުވައިދެނީ. ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގާލައިފި، އަމިއްލަ ގޭގޭގައި ދަމާ މި ނަގަނީ އިންޑިއާގެ [ވެރިކަން ކުރާ ޕާޓީ] ބީޖޭޕީ ރުއްސަން،" އަދުރޭ ފާޑުވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މީހަކު ބޭނުންވާ ހިޔާލެއް އިންޑިއާއާ ދެކޮޅަށް ވިޔަސް ފާޅުކުރުމަކީ ގާނޫނުއަސާސީން ލިބިދީފައި އޮތް ހައްގެކެވެ. އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން ބޭނުން ވާހަކައެއް ދައްކައި އަމިއްލަ ގޭގައި ވެސް ބޭނުން ޝުއޫރެއްގެ ފޮތި ދެމޭނެ ކަމަށް ވިދާޅުވި އެވެ.

"ފުލުހުން ދެން ޖެހޭނީ އަބަދު ބެނާ ނަގަން، މިކަމެއް ނުހުއްޓޭނެ. ރަށްރަށުގައި ވެސް ފޯރީގައި އިންޑިއާ އައުޓް ހަރަކާޓް ދާނީ ކުރިއަށް،" އޭނާ ވިދާޅުވި އެވެ.