Roadha Mihaaru
އެސްޓީއޯ ހޮޓަލަށް އެޗްޑީސީން އިންވެސްޓަރަކު ހޯދައިފި

އެސްޓީއޯ ހޮޓަލަށް އެޗްޑީސީން އިންވެސްޓަރަކު ހޯދައިފި: އަމްރު

31 މެއި 2022

ހުޅުމާލޭގައި އެސްޓީއޯއިން ހަދަން ފެށިތާ 15 އަހަރުވީ އިރު ވެސް ނުނިމި ހުރި ހޮޓާ ތަރައްގީކުރަަން އެޗްޑީސީން އިންވެސްޓަރަކު ހޯދާފައިވާ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހުޅުމާލޭގައި އެސްޓީއޯއިން ހަދަން ފެށިތާ 15 އަހަރުވީ އިރު ވެސް ނުނިމި ހުރި ހޮޓާ ތަރައްގީކުރަަން އެޗްޑީސީން އިންވެސްޓަރަކު ހޯދާފައިވާ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

ރޭ ކްރޮސްރޯޑްސްގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މެނެޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ، ކޮވިޑްގެ ކުރިން 2019 ވަނަ އަހަރު އެސްޓީއޯގެ ހޮޓާ ގަތުމަށް އިންވެސްޓަރަކު ހަމަޖެހުނަސް، އެގްރީމެންޓުގައި ސޮއިކުރުމުގެ މަރުހަލާގައި އޮއްވައި، ކޮވިޑުގެ ހާލަތު ދިމާވެ، އެ ހޮޓަލަށް އިންވެސްޓް ނުކުރަން އިންވެސްޓަރު ނިންމީ ކަމަށެވެ.

އެކަން އެހެން ދިމާވުމުމާ ގުޅިގެން، ހޮޓަލަށް އިންވެސްޓް ކުރާނެ ބަޔަކު ހޯދަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ، މިހާރު އިންވެސްޓަރަކު ހޯދުމުގެ މަސައްކަތް ކުރަނީ އެޗްޑީސީ މެދުވެރިކޮށް ކަމަށެވެ. އެގޮތަށް ނިންމީ އެ ހޮޓަލުގެ ބިމަކީ އެޗްޑީސީގެ މިލްކަކަށް ވާތީ އާއި އެތަނުގެ އެގްރީމެންޓްގެ މުއްދަތު ހަމަވާން ވެސް އޮތީ ވަރަށް ކައިރީގައި ކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯ ހޮޓާ ހަދަން އެޗްޑީސީން ބިން ހޯދީ 2007 ވަނަ އަހަރު އެވެ. އޭރު އެޗްޑީސީން އެ ބިން ދޫކުރީ 25 އަހަރަށެވެ. މިހާރު އެ އެގްރީމެންޓުގެ ބާކީ އޮތީ 10 އަހަރެވެ.

"އަޅުގަނޑުމެން މިހާރު ވާނީ އެޗްޑީސީއާ އެކު އެރޭންޖުމެންޓަކަށް އައިސްފައި. އެޗްޑީސީން އިންވެސްޓަރަކު ހޯދައިފި. އިރާދަކުރެއްވިއްޔާ އެކަން ނިމުމާ އެކު އެސްޓީއޯ އަށް އެ ހޮޓަލުން އަތް ދޫކޮށްލެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑު މެންބަރުން --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑު މެންބަރުން --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަމްރު ވިދާޅުވީ، އެޗްޑީސީއާ އެކު ކުރާ މަސައްކަތްތައް ނިންމައި އެސްޓީއޯ ހޮޓަލުގެ މައްސަލަ އަށް ވަރަށް އަވަހަށް ހައްލެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ހުޅުމާލޭގެ ޕްރައިމް ލޮކޭޝަނެއްގައި އެޅުމަށް އެސްޓީއޯ އިން އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާ އެކު 2008 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން 2012 ގައި އިމާރާތްކުރަން ފެށި ހޮޓަލުގެ މަސައްކަތް އެކި ސަބަބުތަކާ ހެދި ހުރީ ހުއްޓިފަ އެވެ. އެ ހޮޓާ ހިންގަން އޭރު ހަމަޖެހިފައި އޮތީ ހިލްޓަން ހޮޓަލުގެ ބްރޭންޑެއް ކަމަށްވާ "ރެޑިސަން ބްލޫ"ގެ ދަށުންނެވެ.

ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ހޮޓާ ތަރައްގީކޮށް ނިންމަން ކަނޑައެޅީ 2013 ވަނަ އަހަރުގެ ނިޔަލަށެވެ. ނަމަވެސް އެކަން ނާކާމިޔާބުވެ ހޮޓާ ވިއްކާލަން 2016 ވަނަ އަހަރު ނިންމި އެވެ. އެކަމަކު ހަ އަހަރު ވީ އިރު ވެސް އެތަން ގަންނާނެ ބަޔަކު ނުވި އެވެ.