Roadha Mihaaru
އާބާދީގެ 23 ޕަސެންޓް ދުންފަތުގެ އިސްތިއުމާލު ކުރޭ

ރާއްޖޭގެ އާބާދީގެ 23 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލުކުރޭ

31 މެއި 2022

ރާއްޖޭގެ އާބާދީގެ 23 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލުކުރާ ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހެދި ސާވޭއިން ދައްކައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ އާބާދީގެ 23 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލުކުރާ ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހެދި ސާވޭއިން ދައްކައިފި އެވެ.

މިދިޔަ އަހަރުން މިދިޔަ މާޗު މަހާ ހަމައަށް ކުރިއަށްގެންދިޔަ ސާވޭގައި 3،000 އަށްވުރެ ގިނަ މީހުން ބައިވެރިވި އެވެ. އެޗްޕީއޭއިން "މިހާރު"އާ ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކު ދުންފަތުގެ އިސްތިއުމާލުކުރެ އެވެ.

އޭގެތެރޭގައި ކުޑަކުދިންނާއި އަންހެނުންގެ އަދަދު ދަނީ ގިނަވަމުންނެވެ.

ހަގު އުމުރުގައި ދުންފަތުގެ އެކި ވައްތަރުތައް ބޭނުންކުރަން ފެށުމުން ޒުވާން އުމުރުގައި ބޮޑެތި ބަލިތައް ޖެހުމުގެ ފުރުސަތު އޮވެ އެވެ. އަދި ދުންފަތް ބޭނުންކުރާ އަންހެނުން ގިނަވާ ނަމަ، ދަރިމައިވުމުގެ މައްސަލަތަކާއި މާބަނޑު ދުވަސްވަރު އެކި އުނދަގޫތައް ދިމާވެދާނެ އެވެ.

ހިތުގެ ބައްޔާއި ކެންސަރާއި ފުއްޕާމޭގެ ބޮޑެތި ބަލިތައް ޖެހުމަށް މަގުފަހިވާ އެކައްޗަކީ ދުންފަތެވެ. ނަމަވެސް ދުންފަތް ބޭނުންކުރުން ހުއްޓާލައިފި ނަމަ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންގެ ރޭޓް 14 ޕަސެންޓަށް ދަށްކުރެވޭނެ ކަމަށް ވެސް އެޗްޕީއޭގެ ދިރާސާގައިވެ އެވެ.

މި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 35.6 ޕަސެންޓް އަންހެނުން ވަނީ ސިނގިރޭޓް ބޯ ކަމަށް ބުނެފަ އެވެ. ފިރިހެނުންގެ ރޭޓް ހުރީ 64.4 ޕަސެންޓުގަ އެވެ.

ދުންފަތާ ގުޅޭ ގްރެފިކްސް

ދުންފަތާ ގުޅޭ ގްރެފިކްސް

ސާވޭގައި ބުނާ ގޮތުން 15-29 އަހަރާ ދެމުދުގެ 20 ޕަސެންޓް މީހުންނާއި 30-44 އަހަރާ ދެމެދުގެ 29 ޕަސެންޓް އަދި 45-65 އަހަރާ ދެމެދުގެ 23 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލުކުރެ އެވެ. ޅައުމުރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ ކުދިން ވެސް ގާތްގަނޑަކަށް އަށް އަހަރުގައި އެ ބާވަތްތައް ބޭނުންކުރާ ފަށާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ގްލޯބަލް ޔޫޔު ޓޮބޭކޯ ސާވޭގައި ބުނީ އުމުރުން 13-15 އަހަރާ ދެމެދުގެ 45 ޕަސެންޓް ދަރިވަރުން ދުންފަތުގެ ބާވަތްތައް ބޭނުންކުރެ އެވެ. އަދި 4.7 ޕަސެންޓް ދަރިވަރުން މިހާރު ވެސް ސިނގިރޭޓް ބޯ ކަމަށް އެއްބަސްވެފައިވެ އެވެ. އެއީ 7.3 ޕަސެންޓް ފިރިހެން އަދި 1.8 ޕަސެންޓް އަންހެން ކުދިންނެވެ.

ދުންފަތުގެ އިސްތިއުމާލުކުރާ ކުދިންގެ 41 ޕަސެންޓް ދަރިވަރުން ވަނީ ދުންފަތް ބޭނުންކުރުން ހުއްޓާލަން ބޭނުންވާކަމަށް ބުނެފަ އެވެ. އަދި 36 ޕަސެންޓް ދަރިވަރުން ސާވޭގައި ބުނީ 36.5 ޕަސެންޓް ސިނގިރެޓް ގަންނަނީ ކައިރި ފިހާރަތަކާއި ގާޑިޔާތަކުންނެވެ. އަދި އެ ދަރިވަރުންގެ ތެރެއިން 59 ޕަސެންޓް ދަރިވަރުން ވަނީ އުމުރުގެ ގޮތުން ހަގުވިޔަސް ދުންފަތް ގަތުން ހުއްޓުވާކަށް އެއްވެސް ބަޔަކު މަސައްކަތް ނުކުރާ ކަމަށެވެ.