Roadha Mihaaru
ޓުއަރިޒަމް ދާއިރާ އަށް 50 މީހުން ތަމްރީން ކުރަނީ

ވިލާ ކޮލެޖާއި ޔުނިވާސަލް ގުޅިގެން ޓުއަރިޒަމް ދާއިރާ އަށް 50 މީހުން ތަމްރީނު ކުރަނީ

15 ޖޫން 2022

ވިލާ ކޮލެޖާއި ޔުނިވާސަލް ފައުންޑޭޝަން ގުޅިގެން ޓުއަރިޒަމް ދާއިރާ އަށް 50 މީހުން ތަމްރީނު ކުރަން ނިންމައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ވިލާ ކޮލެޖާއި ޔުނިވާސަލް ފައުންޑޭޝަން ގުޅިގެން ޓުއަރިޒަމް ދާއިރާ އަށް 50 މީހުން ތަމްރީނު ކުރަން ނިންމައިފި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު، ފަށަން ހަމަޖެހިފައިވާ "ޑިސްކަވާ ހޮސްޕިޓަލިޓީ" ޕްރޮގްރާމްގެ ދަށުން 50 މީހުން ތަމްރީނު ކުރަން ނިންމީ ރާއްޖޭގެ ޓުއަރިޒަމަށް 50 އަހަރު ފުރުމާ ގުޅިގެންނެވެ.

އަންނަ ސެޕްޓެމްބަރު މަހު ފަށާ އެ ޕްރޮގްރާމްގެ މަގްސަދަކީ ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ ޒުވާނުންނަށް ތައުލީމު ދިނުމަށް ފަހު، ވަޒީފާ ފަހިކޮށްދިނުމެވެ.

އެ ކޯހުގައި ކިޔަވައިދޭނީ ޓުއަރިޒަމް ދާއިރާގެ މުހިއްމު ތިން ބައި ކަމަށްވާ ފްރޮންޓް އޮފީސް، ހައުސް ކީޕިން އަދި ފުޑް އެންޑް ބޭވަރޭޖް ސާވިސް އެވެ.

ކޯހުގެ ތިއަރީ ކްލާސްތައް ވިލާ ކޮލެޖުގައި ކުރިއަށް ގެންދާއިރު، އަމަލީ ތަޖުރިބާ ހޯދާނީ ޔުނިވާސަލްގެ ރިސޯޓުތަކުގަ އެވެ. ކޯހުގެ ހުރިހާ ހަރަދެއް ކުރަނީ ޔުނިވާސަލް ފައުންޑޭޝަނުންނެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެ އަށް އިއްޔެ ވަނީ ހުޅުވާލައިފަ އެވެ. ބައިވެރިވާން ބޭނުންވާ ނަމަ، އަންނަ އޮގަސްޓު މަހުގެ 11 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރީ ވާން ޖެހެ އެވެ. ވިލާ ކޮލެޖުންނާއި ޔުނިވާސަލް ފައުންޑޭޝަނުން ވެސް ފޯމު ބަލައިގަންނާނެ އެވެ. އަދި ވިލާ ކޮލެޖަށް އޮންލައިންކޮށް ވެސް ފޯމު ލެވޭނެ އެވެ.

ޔުނިވާސަލް ފައުންޑޭޝަނުން 2017 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ "ޑިސްކަވާ ހޮސްޕިޓާލިޓީ" ޕްރޮގްރާމްގެ ދަށުން 2019 ވަނަ އަހަރާ ހަމައަށް ތިން ބެޗެއްގެ 65 ޒުވާނުން ވަނީ ކޯސް ފުރިހަމަކޮށްފަ އެވެ. އޭގެ ތެރެއިން 85 ޕަސެންޓް މީހުން މިހާރު އުޅެނީ ޓުއަރިޒަމް ދާއިރާގެ ވަޒީފާތަކުގަ އެވެ.