Roadha Mihaaru
ޑިސްކަވާ ހޮސްޕިޓަލިޓީގެ ދަރިވަރުންނަށް ސެޓުފިކެޓު ދީފި

"ޑިސްކަވާ ހޮސްޕިޓަލިޓީ"ގެ ބެޗު 4ގެ ދަރިވަރުންނަށް ސެޓުފިކެޓު ދީފި

16 އޯގަސްޓް 2023

ޔުނިވާސަލް ފައުންޑޭޝަންއިން ވިލާ ކޮލެޖާ ގުޅިގެން ޓޫރިޒަމް ދާއިރާއަށް މީހުން ތަމްރީނުކުރުމުގެ ގޮތުން ކުރިއަށް ގެންދާ "ޑިސްކަވާ ހޮސްޕިޓަލިޓީ" ބެޗު 4ގެ ދަރިވަރުންނަށް ސެޓްފިކެޓު ދީފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޔުނިވާސަލް ފައުންޑޭޝަންއިން ވިލާ ކޮލެޖާ ގުޅިގެން ޓޫރިޒަމް ދާއިރާއަށް މީހުން ތަމްރީނުކުރުމުގެ ގޮތުން ކުރިއަށް ގެންދާ "ޑިސްކަވާ ހޮސްޕިޓަލިޓީ" ބެޗު 4ގެ ދަރިވަރުންނަށް ސެޓްފިކެޓު ދީފި އެވެ.

"ޑިސްކަވާ ހޮސްޕިޓަލިޓީ" އަކީ ޔުނިވާސަލްގެ ސްޕޮންސާޝިޕުގެ ދަށުން ހޮސްޕިޓަލިޓީ ދާއިރާއިން ކިޔަވަން ފުރުސަތު ދޭ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމުގެ ތިއަރީ ބައިގެ ފިލާވަޅުތައް ކުރިއަށް ގެންދަނީ ވިލާ ކޮލެޖުގަ އެވެ. އަދި އަމަލީ ބައި ކުރިއަށް ދަނީ ޔުނިވާސަލް ގްރޫޕުގެ ދަށުން ހިންގާ ރިސޯޓުތަކުގަ އެވެ.

"ޑިސްކަވާ ހޮސްޕިޓަލިޓީ" ބެޗު 4 ނިންމި ދަރިވަރުންނަށް ސެޓްފިކެޓު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޔުނިވާސަލް ފައުންޑޭޝަނުގެ ރައީސް އިޔާޒް ވަހީދު ވިދާޅުވީ ޓޫރިޒަމްގެ ދާއިރާގައި މީހުން ބިނާ ކުރުމަށް ފެށި އެ ޕްރޮގްރާމު ނިންމި ގިނަ ދަރިވަރުން ދާއިރާގެ އެކި ވަޒީފާތައް އަދާކުރަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް 102 ދަރިވަރުން އެ ޕްރޮގްރާމު ފުރިހަމަކޮށްފައި ވާއިރު، އެ ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

ރަސްމިއްޔާތުގައި ޔުނިވާސަލްގެ އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ރަސްމިއްޔާތުގައި ޔުނިވާސަލްގެ އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ރަސްމިއްޔާތުގައި ޔުނިވާސަލްގެ އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ވިދާޅުވީ ޓޫރިޒަމަކީ ރާއްޖޭގެ "ބެކްބޯން" އަށް ވާއިރު، އެ ދާއިރާ ކުރިއަރުވާ ތަރައްގީކުރުމަށް ތަމްރީނު ލިބިފައިވާ ދިވެހިން ބޭނުންވާ ކަމަށެވެ. އަދި އެ ދާއިރާ އަކީ ފުރުސަތުތައް ގިނަ ދާއިރާއަކަށް ވާއިރު، އެ ދާއިރާއަށް ބޭނުން ވަނީ ދިވެހިން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުއްމީދަކީ މި ޕްރޮގްރާމުގައި ވީހާ ވެސް ގިނަ ދަރިވަރުން ބައިވެރިވެ، މި ދާއިރާއިން ކެރިއާއެއް ބިނާ ކުރުން." އުމަރު މަނިކު ވިދާޅުވި އެވެ.

"ޑިސްކަވާ ހޮސްޕިޓާލިޓީ"ގެ ފަސް ވަނަ ބެޗުގެ ލިޔުން ލިބުނު ދަރިވަރުން. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"ޑިސްކަވާ ހޮސްޕިޓާލިޓީ"ގެ ފަސް ވަނަ ބެޗުގެ ލިޔުން ލިބުނު ދަރިވަރުން. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ކޯސް ފުރިހަމަ ކުރި ދަރިވަރުންނަށް ސެޓްފިކެޓު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ދަރިވަރުންނަށް ސެޓްފިކެޓު ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ. މި ސެޓްފިކެޓަކީ ހޮސްޕިޓަލިޓީ ދާއިރާގެ ލެވެލް ތިނެއްގެ އެމްކިއުއޭއިން ބަލައިގަންނަ ސެޓްފިކެޓެކެވެ. "ޑިސްކަވާ ހޮސްޕިޓާލިޓީ"ގެ ބެޗު 4 ފުރިހަމަ ކުރީ 37 ދަރިވަރުންނެވެ.

މި ރަސްމިއްޔާތުގައި ބެޗު 5ގެ ދަރިވަރުންނަށް ކޯހުގެ ސްޕޮންސާޝިޕް ލިޔުން ވެސް ވަނީ ހަވާލު ކޮށްފަ އެވެ. "ޑިސްކަވާ ހޮސްޕިޓަލިޓީ"ގެ ބެޗު 5ގައި ކިޔެވުމުގެ ފުރުސަތު ދީފައި ވަނީ 30 ދަރިވަރުންނަށެވެ.