Roadha Mihaaru
އައި-ލީގަކީ އިންޑިއާގެ އެއްވަނަ ލީގުކަމަށް ކަނޑައަޅަނީ

އައި-ލީގަކީ އިންޑިއާގެ އެއްވަނަ ފުޓުބޯޅަ ލީގު ކަމަށް އަލުން ކަނޑައަޅަނީ

01 ޖޫން 2022

ނިއު ދިއްލީ (ޖޫން 1) - އިންޑިއާގެ ސުޕަ ލީގަކީ، އެ ގައުމުގެ އެއްވަނަ ފުޓުބޯޅަ ލީގު ކަމަށް ކަނޑައަޅާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އަލުން އައި-ލީގަށް އެ މަގާމު ދޭން ފުޓުބޯޅަ ފެޑެރޭޝަން ހިންގުމަށް ސްޕްރީމް ކޯޓުން ހަވާލުކުރި އިންޓަރިމް ކޮމިޓިން ތައްޔާރުވެއްޖެ އެވެ.

ނިއު ދިއްލީ (ޖޫން 1) - އިންޑިއާގެ ސުޕަ ލީގަކީ، އެ ގައުމުގެ އެއްވަނަ ފުޓުބޯޅަ ލީގު ކަމަށް ކަނޑައަޅާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އަލުން އައި-ލީގަށް އެ މަގާމު ދޭން ފުޓުބޯޅަ ފެޑެރޭޝަން ހިންގުމަށް ސްޕްރީމް ކޯޓުން ހަވާލުކުރި އިންޓަރިމް ކޮމިޓިން ތައްޔާރުވެއްޖެ އެވެ.

އިންޑިއާގެ އެފްއޭގެ އާ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް އެކޮމިޓީން ދަނީ ކުރަމުންނެވެ. އީއެސްޕީއެން އިންޑިއާ އިން ބުނީ އަސާސީ ގަވާއިދުގެ ޑްރާފްޓްގައިވާ ގޮތުން އަލުން، އައި-ލީގަށް އެއްވަނަ ދަރަޖަ ދިނުމަށް ވަނީ ހިމަނައިފަ އެވެ.

ސުޕަ ލީގަކީ، އިންޑިއާގެ އެންމެ ޓޮޕް ލީގު ކަމަށް ކަނޑައެޅީ 2019 ގަ އެވެ. އޭގެ ފަހުން، ސުޕަ ލީގު ޗެމްޕިއަން ޓީމަށް އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކޮލިފިކޭޝަނުން ޖާގަ ލިބޭ ގޮތަށް ހަމަޖެއްސި އެވެ. އޭގެ ފަހުން އައި-ލީގުގެ ޗެމްޕިއަން ޓީމަށް ފުރުސަތު ދެނީ، އޭއެފްސީ ކްލަބް ފުޓްބޯޅައިގެ ދެވަނަ ދަރަޖައިގެ މުބާރާތް، އޭއެފްސީ ކަޕުންނެވެ.

އާ ގަވައިދުގެ ޑްރާފްޓްގެ މަސައްކަތް ކުރަމުންދަނީ ސްޕްރީމް ކޯޓުން އައްޔަންކުރި ކޮމިޓީގެ މެންބަރުން ކަމަށްވާ، އިންޑިއާގެ އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް، ޝަހާބުއްދީން ޔައުގޫބް ގްރައިޝީ އާއި އިންޑިއާގެ ކުރީގެ ފުޓުބޯޅަ ކެޕްޓަން ބާޝްކާރު ގަންގްލީ އެވެ. އެ ޑްރާފްޓްގައި ބުނެފައި ވަނީ އިންޑިއާގެ އެއްވަނަ ލީގު ވާން ޖެހޭނީ އޭއެފްސީ ގަވާއިދުގައި ބުނާ ގޮތަށް ރެލިގޭޝަން އޮންނަ ލީގަކަށެވެ. އަދި އޭއެފްސީ ޗެމްޕިއަންސް ލީގުން ޖާގަ ލިބޭނީ އައި-ލީގުގެ ޗެމްޕިއަން ޓީމަށް ކަމަށް ވެސް އެ ޑްރާފްޓްގައި ބުނެފައިވެ އެވެ.

އިންޑިއާގެ ސުޕަ ލީގުގައި މި ވަގުތު، ރެލިގޭޝަނެއް ނޯވެ އެވެ. އެ ގަވާއިދު ފާސް ކުރުމަށް، އެސޯސިއޭޝަންގެ މެންބަރުން ވޯޓް ދީފި ނަމަ، އިންޑިއާގެ އެއްވަނަ ލީގުގެ މަގާމު ސުޕަ ލީގަށް ގެއްލޭނެ އެވެ.

އިންޑިއާގެ އެފްއޭގެ ކުރީގެ ރައީސް ޕްރަފުލް ޕަޓޭލް އާއި އޭނާގެ އެކްސްކޯ މިދިޔަ މަހު މަގާމުން ދުރުކޮށް، ސުޕްރީމް ކޯޓުން އެފްއޭ ހިނގުން އިންޓަރިމް ކޮމިޓީއަކާ ހަވާލުކުރީ އިންޑިއާގެ ގައުމީ ކުޅިވަރު ކޯޑްގައި ބުނާ މުއްދަތަށް ވުރެ އިތުރަށް އެފްއޭގެ ރައީސް ކަމުގައި އޭނާ ހުރުމުންނެވެ. އިންޑިއާގެ ކުޅިވަރު ކޯޑްގައި ބުނެފައި ވަނީ އިންޑިއާގެ ކުޅިވަރު ފެޑެރޭޝަން ނުވަތަ އެސޯސިއޭޝަންގެ ރައީސް ކަމުގައި އެކަކަށް ހުރެެވޭނީ ހަތަރު އަހަރުގެ ތިން ދައުރުގައި ކަމަށެވެ.

އިންޑިއާގެ އެފްއޭގެ ރައީސް ކަމަށް ޕްރަފުލް އެންމެ ފުރަތަމަ ވަޑައިގަތީ ޑިސެމްބަރު 2009 ގަ އެވެ. ސުޕްރީމް ކޯޓުން ހަމަޖެއްސި ކޮމިޓީގެ ޗެއަމަން އަކީ ކުރީގެ ފަނޑިޔާރެއް ކަމަށްވާ އަނިލް ރަމޭޝް ދޭވް އެވެ.