Roadha Mihaaru
އިންޑިއާގެ ކުރީގެ ކޯޗު ކޮންސްޓަންޓީން އީސްޓް ބެންގާލަށް

އިންޑިއާގެ ކުރީގެ ކޯޗު ކޮންސްޓަންޓީން އެ ގައުމުގެ އީސްޓް ބެންގާލަށް

28 ޖުލައި 2022

ކަލްކަތާ (ޖުލައި 28) - އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ސްޓެފަން ކޮންސްޓަންޓީން އެ ގައުމުގެ އީސްޓް ބެންގާލްގެ ކޯޗަކަށް ހަމަޖައްސައިފި އެވެ.

ކަލްކަތާ (ޖުލައި 28) - އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ސްޓެފަން ކޮންސްޓަންޓީން އެ ގައުމުގެ އީސްޓް ބެންގާލްގެ ކޯޗަކަށް ހަމަޖައްސައިފި އެވެ.

މިއީ އިންޑިއާގެ ފުޓްބޯޅައިގައި ކޮންސްޓަންޓީން، 59، މަސައްކަތް ކުރާ ތިން ވަނަ ފަހަރެވެ. މީގެ ކުރިން އިންޑިއާގެ ގައުމީ ޓީމަށް ދެ ފަހަރު ކޯޗު ކޮށްދިން އިންގްލެންޑްގެ ކޯޗު ވަނީ އިންޑިއާގެ ގައުމީ ޓީމުގައި ފާހަގަ ކުރެވޭ މަސައްކަތްތަކެއް ކޮށްފަ އެވެ.

ގައުމީ ޓީމުގެ ކޯޗުކަމުގައި އޭނާގެ ދެވަނަ ދައުރު، ފީފާ ރޭންކިންގެ ގަދަ 100 ގެ ތެރެއަށް އިންޑިއާ ގެންގޮސް ދިނެވެ. ރޭނކިންގެ 173 ވަނައިގައި އިންޑިއާ ވަނިކޮށް އޭނާ ވަނީ އެއް އަހަރުތެރޭ ރޭންކިންގެ 97 ވަނަ އަށް ގެންގޮސް ދީފަ އެވެ.

އެރަބް އެމިރޭޓްސްގައި 2019 ވަނަ އަހަރު ބޭއްވި އޭޝިއަން ކަޕަށް އިންޑިއާ ކޮލިފައިކޮށްދީ، އެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ތައިލެންޑް ބަލި ކުރި އެވެ. އިންޑިއާގެ ކޯޗު ކަމުން އޭނާ ވަކީ އެ މުބާރާތަށް ފަހު އެވެ.

އިންޑިއާގެ ކޯޗު ކަމާ އޭނާ އެންމެ ފުރަތަމަ ހަވާލުވީ 2002 ވަނަ އަހަރު އެވެ. އެ އަހަރު ވިއެޓްނާމްގައި އޮތް އެލްޖީ ކަޕްގައި އޭނާ ވާދަކޮށް އެ މުބާރާތް އިންޑިއާ އަށް ކާމިޔާބު ކޮށްދިނެވެ. އެއީ އެހާތަނަށް އިންޑިއާގެ ފުޓްބޯޅައިގައި ދެކުނު އޭޝިއާއިން ބޭރުން ހޯދި އެންމެ ބޮޑު ކާމިޔާބުގެ ގޮތުގައި އޮތީ ފާހަގަ ވެފަ އެވެ.

ދެވަނަ ފަހަރަށް އިންޑީއާގެ ކޯޗު ކަމާ 2015 ގައި ހަވާލުވެ، އެ އަހަރު ޑިސެމްބަރު މަހު ޓްރިވަންޑްރަމްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް އިންޑިއާ އަށް ކާމިޔާބުކޮށް ދިނެވެ. އެކަމަކު ދެން ޖެހިގެން އައި ސާފް ޗެމްޕިއަންޝިޕްގައި ޒުވާން ޓީމަކާ އެކު ނުކުމެ ފައިނަލުގައި އޭނާގެ ޓީމު ބަލިވީ ރާއްޖެ އަތުންނެވެ. ގުރޫޕް ސްޓޭޖުގައި ރާއްޖޭގެ މައްޗަށް 2-0 ން ކާމިޔާބު ހޯދުނަސް، ފައިނަލުގައި ރާއްޖެ އަތުން ބަލިވީ 2-1 ންނެވެ.

"އަހަންނަށް ވަރަށް ބޮޑު އުފަލެއް އެއީ އީސްޓް ބެންގާލްގެ ކޯޗު ކަމާ ހަވާލުވުން. މަސައްކަތަށް ނުކުންނަން އަހަރެން މިހުރީ ކެތް މަދުވެފައި،" ޓްވިޓާގައި ކޮންސްޓަންޓީން ލިޔެފައި ވެއެވެ.

އިންޑިއާގެ ފުޓްބޯޅައިގައި އެންމެ ޒަމާންވީ ބާރުގެ ގޮތުގައި އޮތް އީސްޓް ބެންގާލް އިންޑިއާގެ ސުޕަ ލީގުގައި ވާދަކުރަން ފެށީ 2020-2021 ގެ ސީޒަނުގަ އެވެ. އެ ސީޒަންގައި އެ ޓީމު ނިންމާލީ ނުވަ ވަނައިގަ އެވެ. މިދިޔަ ސީޒަންގައި އެ ޓީމު ނިންމާލީ 11 ޓީމު ވާދަކުރާ ލީގުގެ އެންމެ ފުލުގަ އެވެ.