Roadha Mihaaru
ކޮފީއަށް ހަކުރު އެޅިޔަސް ނޭޅިޔަސް ފައިދާ

ކޮފީއަށް ހަކުރު އެޅިޔަސް ނޭޅިޔަސް ފައިދާ

02 ޖޫން 2022

ކޮފީ ބޯ މީހުންނަށް މިއޮތީ ވަރަށް އުފާވެރި ވާހަކައެކެވެ. ކޮފީގެ ސަބަބުން ގެއްލުން ލިބޭ ކަމަށް ދައްކާ ވާހަކަ އެއްފަރާތް ކޮށްލަން ހިނގާށެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ކޮފީ ބޯ މީހުންނަށް މިއޮތީ ވަރަށް އުފާވެރި ވާހަކައެކެވެ. ކޮފީގެ ސަބަބުން ގެއްލުން ލިބޭ ކަމަށް ދައްކާ ވާހަކަ އެއްފަރާތް ކޮށްލަން ހިނގާށެވެ.

ކޮފީ ބުއިމަކީ ގިނަ ބައެއްގެ ދުވަހުގެ ފެށުމެވެ. ކޮފީ ނުބޮއެ ގިނަ މީހުންނަށް ދުވަސް ނުވެސް ފެށެ އެވެ. އެއްބައި މީހުން ކޮފީއަށް އެއްވެސް އެއްޗެއް ނާޅައި ބޯއިރު އަނެއް ބަޔަކަށް ކޮފީ ކަމުދަނީ ކޮންމެވެސް ވަރަކަށް ފޮނިކޮށްލައިގެންނެވެ.

.

.

ދާދި ފަހުން ހެދި ދިރާސާއަކުން އެނގުނު ގޮތުގައި ކޮންމެ ގޮތަކަށް ކޮފީ ބުޔަސް އޭގެ ސަބަބުން ސިއްހަތަށް ފައިދާކުރެ އެވެ.

އިނގިރޭސިވިލާތުގައި ކޮފީ ބޯ 17،000 އަށްވުރެ ގިނަ މީހުންގެ މައުލޫމާތު ނަގައިގެން ހެދި ދިރާސާއިން އެނގުނީ ކޮފީ ނުބޯ މީހުންނަށްވުރެ ކޮފީ ބޯ މީހުން ބަލިޖެހިގެން މަރުވުމުގެ ފުރުސަތު ކުޑަކަމެވެ.

ދުވާލަކު ދެތަށި ނުވަތަ ހަތަރު ތަށި ކޮފީ ބޯ މީހުންގެ ތެރެއިން ހަކުރު އަޅައިގެން ކޮފީ ބުއި ނަމަވެސް އަދި ހަކުރު ނާޅައި ބުއި ނަމަވެސް ލިބެނީ އެއް ނަތީޖާއެކެވެ.

.

.

"ކުރިން ހެދި ދިރާސާތަކުން އެނގޭކަށް ނެތް ކޮފީ ބޯއިރު ހަކުރު ބޭނުންކުރާ މިންވަރު މަދުކުރިޔަސް އަދި ގިނަ ކުރިޔަސް ފައިދާވާ ކަމެއް. އެކަމަކު މިހާރު އެނގޭ ހަކުރު އެޅިޔަސް ނޭޅިޔަސް ކޮފީ ބޯ ނަމަ ބަލިތައް ޖެހިގެން މަރުވުމުގެ ފުރުސަތު ކުޑަކަން،" ޗައިނާގެ ގުއަންޑޮންގްގެ ސްކޫލު އޮފް ޕަބްލިކް ހެލްތުގެ ލީޑް ލިޔުންތެރިޔެއް ކަމަށްވާ ޑޭން ލިއު ބުންޏެވެ.

އަލަށް އެނގުނު މައުލޫމާތާ އެކު ވެސް ރައްކާތެރިވުމަށް ސައިންސުވެރިން ލަފާދެ އެވެ. ހަކުރު އެޅުމުގެ ސަބަބުން ކޮފީގެ ފައިދާތައް ނުގެއްލުނަސް ހަކުރަކީ އޭގެ ޒާތުގައި ގެއްލުންވާ އެއްޗަކަށް ވާތީ އެކަމަށް ސަމާލުވާން ސައިންސުވެރިން ވަނީ އެދިފަ އެވެ. -- ވެބްއެމްޑީ