Roadha Mihaaru
ކޮފީ ނުބޯން ވަކި ވަގުތެއް އޮވޭތަ؟

ކޮފީ ނުބޯން ވަކި ވަގުތެއް އޮވޭތަ؟

20 ޖެނުއަރީ 2019

ހެނދުނު ހޭލާ ގޮތަށް ކޮފީއަކުން ދުވަސް ނުފެށޭ ނަމަ، ބައެއް މީހުންގެ ދުވަސް އެ ހިސާބުން ޚަރާބުވީ އެވެ. އެހެންވެ ހިއްސުތައް ހޭލައްވާލަން ހެނދުނު ހެނދުނާ ކޮންމެހެން ވެސް ކޮފީއެއް މުހިއްމު ވާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހެނދުނު ހޭލާ ގޮތަށް ކޮފީއަކުން ދުވަސް ނުފެށޭ ނަމަ، ބައެއް މީހުންގެ ދުވަސް އެ ހިސާބުން ޚަރާބުވީ އެވެ. އެހެންވެ ހިއްސުތައް ހޭލައްވާލަން ހެނދުނު ހެނދުނާ ކޮންމެހެން ވެސް ކޮފީއެއް މުހިއްމު ވާނެ އެވެ.

ބައެއް މީހުންނަކީ ދުވަހުގެ ހަތަރުދަމު ކޮފީ އަށް ބަރޯސާ ވެސްވާ މީހުންނެވެ. އެކަމަކު ސުވާލަކީ ކޮފީއާ ދުރުވާން ޖެހޭ ވަގުތެއް އެބަ އޮތް ހެއްޔެވެ؟ މި ސުވާލަށް އައު ދިރާސާއަކުން މި ވަނީ ޖަވާބު ހޯދާފަ އެވެ.

ކްލިނިކަލް ސްލީޕް މެޑިސިން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނި ގޮތުގައި މެންދުރު ފަހު 2:00 ގެ ފަހުން ކޮފީ ބުއިން ރަނގަޅު ނޫނެވެ. އޭގައި ފާހަގަކޮށްފައިވާ ގޮތުގައި މެންދުރު ފަސްވުމުން ކޮފީން ބޯ ނަމަ، ކެފެއިންގެ ސަބަބުން ހަށިގަނޑަށް ކުރިމަތިވާ އުނދަގޫތައް ގިނަ ވާނެ އެވެ.

އެގޮތުން އެންމެ ބޮޑު މައްސަލައަކަށް ވާނީ ނިދުމަށް އަސަރު ކުރުމެވެ. އެހެންވެ ވަކިން ހާއްސަކޮށް ރޭގަނޑު ދަންވާ ފަހުން ކޮފީ ބުއިމަކީ ހަށިގަނޑުގެ "އިންޓާނަލް ކްލޮކް" އޮޅުންބޮޅުންކޮށްލާނެ ކަމެކެވެ.

ދިރާސާގައި ބުނި ގޮތުގައި ނިދުމުގެ ހަތް ގަޑިއިރު ކުރިން ކޮފީއާ ދުރުވުން ވަރަށް މުހިއްމެވެ. ކޮފީ ބޮއެގެން ނިދަން އުޅޭ ނަމަ، ކެފެއިންގެ ސަބަބުން ނިންޖާ ދުރުކޮށް، ނިދަން އުނދަގޫވެ، ސިކުނޑީގައި އުފެދޭ ހާޖާނު ބޮޑުވާނެ އެވެ. ނަތީޖާއަކީ ހިތުގެ މައްސަލަތަކާއި ހަނދާން ނެތުން ކަހަލަ ސިއްހީ ބޮޑެޔތި މައްސަލަތަކަށް މަގުފަހި ކުރުމެވެ.

މީހަކު ތަށްޓަކަށް ކޮފީ އަޅަނީ.

މީހަކު ތަށްޓަކަށް ކޮފީ އަޅަނީ.

އެހެންވެ ހަމަ ނިދި ވެސް ހޯދަން ބޭނުންވާ ނަމަ އެންމެ ރަނގަޅު ގޮތަކީ މެންދުރު ފަހު 2:00 ގެ ފަހުން ކޮފީއާ ދުރުވުން ކަމަށް ދިރާސާގައި ބުންޏެވެ. އޭގައި އަދި ވަނީ ދުވާލެއްގެ މައްޗަށް ބޭނުން ކުރާ ކޮފީގެ މިންވަރު 400 މިލިގްރާމަށް ވުރެ އިތުރު ނުކުރަން ލަފާ ދީފަ އެވެ.

އޭގެ މާނައަކީ ދުވާލެއްގެ މައްޗަށް 4 ތަށްޓަަށް ވުރެ އިތުރު ނުކުރާށޭ އެވެ.