Roadha Mihaaru
"ދަރިއެއް ނެތަސް މިއީ 95،000 ކުދިންގެ މަންމަ"

އުފަން ދަރިއެއް ނެތް، އެކަމަކު މިއީ 95،000 ކުދިންގެ މަންމައެއް: މިނިސްޓަރު

02 ޖޫން 2022

ދަރިން ތަރުބިއްޔަތުކުރުމުގައި ހުރި ބެލެނިވެރިންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިއްޔެ ހަވީރު ވިދާޅުވި އެވެ؛

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރިން ތަރުބިއްޔަތުކުރުމުގައި ހުރި ބެލެނިވެރިންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިއްޔެ ހަވީރު ވިދާޅުވި އެވެ؛

"އަޅުގަނޑުގެ އަމިއްލަ ދަރިއަކު ނުހުރޭ. އެހެން ނަމަވެސް އަޅުގަނޑަކީ ރާއްޖޭގެ 95،000 އެއްހާ ދަރިވަރުންގެ މަންމަ،" ޔުނިސެފާ ގުޅިގެން ފެށި "ޖޮއިންޓް ޕޮޒިޓިވް ޕޭރެންޓިން ޕްރޮގްރާމް" ފެށުމުގެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި، ބެލެނިވެރިންނަށް އިޝާރަތްކުރައްވައި ވާހަކަދައްކަމުން މިނިސްޓަރު ވިދާޅުވީ އުފަން ދަރިއެއް ނެތަސް ދަރިން ތަރުބިއްޔަތުކުރުމަަށް ބެލެނިވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި ބުރަ މަސައްކަތް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި 21 ވަަނަ ގަރުނުގައި ދަރިން ތަރުބިއްޔަތުކުރުމަކީ ނިމުމެއް ނެތް، ގޮންޖެހުންތައް ބޮޑު މަސައްކަތެކެވެ. އެކަމަކު، ކުރިއަށް ދެވޭނެ މަގު ފަހިކޮށްދެވިއްޖެ ނަމަ އޭގެ ފައިދާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފަސް އަހަރު ދުވަހަށް ގެންދާ ޕްރޮގްރާމް ކާމިޔާބުކަމާ އެކު ތަންފީޒުކުރެވިއްޖެ ނަމަ ކުދިންނާއި އަންނަން އޮތް ޖީލެއް ހެޔޮ އަސަރުކުރާނެ ކަމަށް ވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގަތް ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

އެ ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ކަމާގުޅޭ އިދާރާތަކުގެ ސްޓިއަރިން ކޮމިޓީއެއް ވަނީ އުފައްދައިފަ އެވެ. އެ ކޮމިޓީގައި ޖެންޑާ މިނިސްޓްރީ، ހެލްތު މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ، ޕޮލިސް، ޖުވެނަލް ޖަސްޓިސް ޔުނިޓް، ނޭޝަނަލް ޑްރަގް އެޖެންސީ އަދި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ހިމެނެ އެވެ.

ޔުނިސެފާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ޖޮއިންޓް ޕޮޒިޓިވް ޕޭރެންޓިން ޕްރޮގްރާމް ފެށުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ރައީސް އޮފީސް

ޔުނިސެފާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ޖޮއިންޓް ޕޮޒިޓިވް ޕޭރެންޓިން ޕްރޮގްރާމް ފެށުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ރައީސް އޮފީސް

ޑރ. އައިޝަތު އަލީ ވިދާޅުވީ ވަކި ވިސްނުންތަކަކާއި ގަބޫލުކުރުންތަކުގެ ސަބަބުން ދަރިން ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިން ގެންގުޅޭ އުސޫލުތަކަށް އަސަރުކުރާ ކަމަށެވެ. އެހެންވެ، އަހުލާގަށް ނުފޫޒު ފޯރުވުން ފަދަ ކަންކަމަށް ސޯޝަލް އެންޑް ބިހޭވިއާ ޗޭންޖް ކެމްޕޭނުން ފަރުވާތެރިކަމާ އެކު ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޕްރޮގްރާމަކީ މިދިޔަ އަހަރު ގެންދިޔަ "ސިޗުއޭޝަން އެނާލިސިސް އޮފް ޗިލްޑްރަން އެންޑް ޔޫތު"ގައި ފާހަގަކޮށްފައިވާ ގޮތަށް ކުޑަކުދިންގެ ދިރިހުރުމާއި ތަރައްގީ އަށް ހުރި އެންމެ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އަމާޒުކޮށްފައިވާ ޕްރޮގްރާމެކެވެ.