Roadha Mihaaru
"ސްކޫލަށް ފޮނުވާ، ރައްކާތެރިކަން ޔަގީންކޮށްދޭނަން"

ދަރިވަރުން ސްކޫލަށް ފޮނުވާ، ރައްކާތެރިކަން ޔަގީންކޮށްދޭނަން: މިނިސްޓަރު

01 ޖުލައި 2020

ސްކޫލް މާހައުލުން ދަރިވަރުންނަށް އެނގެންޖެހޭ މުހިއްމު ކަންތައްތައް އެބަހުރި ކަމަށާއި އެހެންވެ އެ ކުދިން ސްކޫލަށް ފޮނުވައިދިނުމަށް، ބެލެނިވެރިންގެ ކިބައިން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރޭ އެދިވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްކޫލް މާހައުލުން ދަރިވަރުންނަށް އެނގެންޖެހޭ މުހިއްމު ކަންތައްތައް އެބަހުރި ކަމަށާއި އެހެންވެ އެ ކުދިން ސްކޫލަށް ފޮނުވައިދިނުމަށް، ބެލެނިވެރިންގެ ކިބައިން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރޭ އެދިވަޑައިގެންފި އެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް މާޗު 12 އިން ފެށިގެން ސްކޫލުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ދަރިވަރުންނަށް އެކި އަސަރުތައް ކޮށްފައިވާ ކަމަށެވެ. ގާތްގަނޑަކަށް ހަތަރު މަހަށް ފަހު ސްކޫލުތައް ހުޅުވާއިރު ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުންތައް ވެސް ހުންނާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މުޅި ސްކޫލު ކޮމިއުނިޓީ އޮތީ ކިޔެވުން ފެށުމަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.

"...ދުރުދުރުގައި ތިބެގެން ރައްޓެހިންނާ ވާހަކަދައްކައި ޓީޗަރުންނާ ހިޔާލު ބަދަލުކޮށް މިކަހަލަ ކަންކަން ސްކޫލުން ފަހިވެގެންދާނެ. ވަރަށް އުފާވެރި ވަގުތަށް ހަގީގަތުގައި ވާނީ މާދަމާ އަނބުރާ ދަރިވަރުން ސްކޫލަށް އަންނައިރު. އަޅުގަނޑުމެން ވެސް މި ތިބީ އެ މަންޒަރު ދެކޭ ހިތުން، ދުށުމަށް ދާން ހަމަ ތައްޔާރަށް. ސްކޫލަށް ފޮނުވައިދެއްވާށޭ ދަރިވަރުން. އަޅުގަނޑުމެން ރައްކާތެރިކަން ޔަގީންކޮށްދޭނަމޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ކުއްޖަކު ހެދިބޮޑުވަމުން އަންނައިރު އިޖުތިމާއީ ގުޅުންތަކާއި ކުޅިވަރު ވަރަށް މުހިއްމުކަމަށާއި ސްކޫލު މާހައުލުން އެ ކަންތައްތައް ފަހިކޮށްދެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހާ ގިނަ ދުވަހު ސްކޫލަށް ނުގޮސް ތިބުމުން ފިލާވަޅުތަކުގައި ފުރިހަމައަށް ބައިވެރިވުމަށް ވަގުތު ނަގާނެ ކަމަށާއި އާ ފިލާވަޅުތަކަށް ވަންނަން ވަގުތު ނަގާނެ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ނިއު ނޯމަލްގައި ދަރިވަރުންނަށް އެކަން އަހުލުވެރިކުރެވޭނެ ކަމަށެވެ.

މިނިސްޓްރީން ހަމަޖައްސާފައިވާ އުސޫލުގެ ތެރެއިން، ކޮވިޑް-19 ގެ ބިރުވެރިކަން ނެތް ރަށްރަށުގައި ހުރިހާ ގްރޭޑަކަށް ކިޔަވައިދޭނެ އެވެ. މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގައި ކިޔަވައިދޭނީ ގްރޭޑު 9 އިން ފެށިގެން މައްޗަށެވެ. އެހެންވެ މާލެ ސަރަހައްދު ފިޔަވައި އެހެން ހުރިހާ ހިސާބެއްގައި، ގްރޭޑު 1-12 އަށް ކިޔަވައިދޭނެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން، މާލެ ސަރަހައްދުގެ ސްކޫލުތަކަށް މި މަހު ހުއްދަދީފައި ވަނީ ގްރޭޑު 9 އިން ފެށިގެން މައްޗަށް ކިޔަވައިދިނުމަށެވެ. އެކަމަކު އެއީ ކޮންމެ 14 ދުވަހަކުން ރިވިއުކުރާނެ ނިންމުމެކެވެ. އެ މުއްދަތު ހަމަވުމުގެ ކުރިން، ސިއްހީ ކަންކަމުގެ ރައްކާތެރިކަން ބެލުމަށް އުފައްދާފައިވާ އެޖެންސީގެ ލަފައާ އެކު ވަކި ގޮތެއް ނިންމާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

"ދަރިވަރުންނަށް ހުރިހާ މުދައްރިސުން، ހުރިހާ ލީޑިން ޓީޗަރުން، ޕްރިންސިޕަލުން، މިނިސްޓްރީގެ ބޭފުޅުން، މުޅި ސްކޫލު ކޮމިއުނިޓީ ހަމަ ތިޔަ ކުދިންނަށްޓަކައި މަރުހަބާ ކިޔުމަށް ހަމަ ވަރަށް ބޮޑަށް ތައްޔާރުވެގެން މި ތިބީ. ތި ކުދިން އެނބުރި ސްކޫލަށް އަންނައިރު ކުރީގެ ހާލަތާއި މިހާރާ ތަފާތު ކަންތައްތަކެއް ހުންނާނެ. ސްކޫލުތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ފޮލޯކޮށްގެން ކުރިއަށްގެންދިޔައީމަ ރަނގަޅުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްކޫލުން ރައްޓެހި ކުދިންނާ ދިމާވުމުން ސަލާމްކޮށް ވާހަކަދައްކަން ބޭނުންވިއަސް ތިން ފޫޓުގެ ދުރުމިން ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެކަން ހަނދާންކޮށްދިނުމަށް ހުރިހާ ސްކޫލަކުން ވެސް ވަނީ، އެކި ދިމާލުގައި މާކުތައް ޖަހައިފަ އެވެ.

ސްޓޭޓް މިނިސްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ އާ އާއްމު ހާލަތުގައި ދަރިވަރުންގެ ރައްކާތެރިކަން ޔަގީންކުރަން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. ގައިދުރުކަން ބެހެއްޓުމަށްޓަކައި ކްލާސްތަކުގައި ދަރިވަރުންގެ އަދަދު 15 އަށް ވުރެ ގިނަ ނުވާނެ ގޮތަށް ވަނީ ކަންކަން ހަމަޖައްސައިފަ އެވެ. އޭގެ އިތުރުން އެއް ދަންފަޅިއަށް ހިންގި ބައެއް ސްކޫލުތައް ދެ ދަންފަޅިއަށް ބަދަލުކުރުން ވެސް ހިމެނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނިއު ނޯމަލްގައި ސްކޫލުތަކުގައި ތިން ގޮތަކަށް ކިޔަވައިދޭނެ އެވެ. ފުރަތަމަ، ޓައިޕް އެކެއްގައި ހިމެނެނީ ނިއު ނޯމަލް އަށް ބަދަލުވި ނަމަވެސް އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކެވެ. ދެ ވަނަ ޓައިޕްގައި ހިމެނެނީ، މީގެ ކުރިން އެއްދަންފަޅިއަށް ކިޔަވައިދިން ނަމަވެސް އާ އުސޫލާ އެކު ދެ ދަންފަޅިއަށް ކިޔަވައިދިނުން ބަދަލުކުރި ސްކޫލުތަކެވެ. ތިން ވަނަ ޓައިޕްގައި ހިމެނެނީ، ހަފުތާގެ ބައެއް ދުވަސް ދުވަހު ސްކޫލަށް ހާޒިރުވެގެން ކިޔެވުން ކުރިއަށްގެންދާ ސްކޫލުތަކެވެ.

ރަށްރަށުގައި ގިނައިން ކިޔަވައިދޭނީ ޓައިޕް 1 އަދި ޓައިޕް 2 ގެ ސްކޫލުތަކުގަ އެވެ. މާލޭގައި ގިނައީ ޓައިޕް 3 ގެ ސްކޫލުތަކެވެ.

"މިގޮތަށް ހަދަން ޖެހެނީ ދަރިވަރުންގެ ރައްކާތެރިކަން އަޅުގަނޑުމެންނަށް އެންމެ މުހިއްމު ކަމަކަށްވާތީ. ކުދިންގެ ރައްކާތެރިިކަން ޔަގީންކުރުމަށްޓަކައި ސެޝަންތަކަށް މި ބަދަލު ގެނެސްފައި ވަނީ،" ޑރ. ރަޝީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި ސްކޫލުތައް އަލުން ހުޅުވުމަށް އިމަޖެންސީ ރެސްޕޮންސް ޕްލޭން (އީއާރުޕީ) ގައި ހިމަނާފައިވާ ތަކެތި ސްކޫލުތަކަށް ފޮނުވާފައިވާ ކަމަށެވެ. އެންމެ ބޮޑު ސަމާލުކަމެއް ދެނީ އަތްދޮވުމުގެ ކަންކަން ހަމަޖެއްސުމަށެވެ. އޭގެ އިތުރުން ސެނިޓައިޒާ އާއި ތާމޯމީޓަރު ސްކޫލުތަކަށް ފޮނުވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ވަސްނުދުވާ، ޑިސްއިންފެކްޓެންޓް ރޭގައި ލިބިފައިވާ ކަމަށާއި އެ ތަކެތި ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

އާ އާއްމު ހާލަތުގައި ސްކޫލުތައް ކުރިއަށް ގެންދިއުމަށް ތިން މަހަށް ބޭނުންވާ ތަކެތި ވަނީ ފޮނުވައިފަ އެވެ.

ސްކޫލުތަކަށް ދަރިވަރުން ފޮނުވުމަށް، ބައެއް ބެލެނިވެރިންގެ އޮތް ކަންބޮޑުވުމަކީ ގައިދުރުކަން ރަނގަޅަށް ނުބެލެހެއްޓިދާނެތީ އެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ އެކަމަށް ޓީޗަރުން ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ.

ހަފުތާއަކަށް ބަލާނަމަ، ނިއު ނޯމަލްއާ އެކު ވެސް ޓީޗަރުން ކުރިން ނަގައިދޭ ވަރަށް ވުރެ ފިލާވަޅުތައް އިތުރެއް ނުވާނެކަމަށާއި އެ ބުރަ ނުވާނެ ގޮތަށް މަސައްކަތް ބަހާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ދަރިވަރުން ކިޔަވަން ހަމަޖައްސާފައިވަނީ ހަފުތާއަކު ހަތަރު ދުވަހު، ދުވާލަކު ހަތަރު ގަޑިއިރަށެވެ. ނަމަވެސް ބުރާސްފަތި ދުވަހު ޓީޗަރުން ސްކޫލަށް ހާޒިރުވެ ލެސަން ޕްލޭންގެ ކަންކަން ހަމަޖައްސަން ޖެހެ އެވެ.