Roadha Mihaaru
ސްކޫލްތައް އަންނަ މަހުގެ 1 ގައި ހުޅުވަނީ

ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެކު ސްކޫލްތައް އަންނަ މަހުގެ 1 ގައި ހުޅުވަނީ

16 ޖޫން 2020

އަންނަ މަހުގެ އެކެއްގައި ސްކޫލުތައް އަލުން ހުޅުވާއިރު ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ މަހުގެ އެކެއްގައި ސްކޫލުތައް އަލުން ހުޅުވާއިރު ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ދެއްވައިފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ނިއު ނޯމަލްގައި ކިޔަވައިދިނުމުގެ ކަންކަން ހަމަޖައްސާފައިވާ ގޮތުގެ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ ސްކޫލަކީ ދަރިވަރުން ހަމައެކަނި ކިޔަވަން ދާ ތަނެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އިޖުތިމާއީ ކަންކަމާއި ރައްޓެހި ކުދިންނާ ދިމާވުމުގެ އިތުރުން އެ ތަންތަނަކީ ބައެއް ދަރިވަރުންނަށް ހަމައެކަނި ރައްކާތެރި މާހައުލު ފޯރުކޮށްދޭ ތަން ކަމަށެވެ.

އެ ސަބަބުތަކާ ހުރެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މި ހާލަތުގައި ސްކޫލުތައް ހުޅުވުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.

ކިޔަވައިދިނުން ފަށަން ހަމަޖައްސާފައިވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ފުރަތަމަ ކެޓަގަރީގައި، ފުލް ލޮކްޑައުންގައި ހިމެނޭ ރަށްރަށުގައި ކިޔަވައިނުދޭނެ ކަމަށާއި މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގައި ކިޔަވައިދޭނީ ގްރޭޑު ނުވަކުން ފެށިގެން މަތީގެ ދަރިވަރުންނަށް އެކަނި ކަމަށް މިނިސްޓްރީން ބުންޏެވެ. ބަލީގެ އެއްވެސް ނުރައްކަލެއް ނެތް ރަށްރަށުގައި، އަންނަ މަހުން ފެށިގެން ހުރިހާ ގްރޭޑަކަށް ކިޔަވައިދޭން ފަށާނެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސްކޫލުތަކަށް ދަރިވަރުން ވައްދާނީ ގޭޓު ކައިރިން ހުން ބެލުމަށްފަހުގަ އެވެ. އެކަން ކުރާނީ ތަމްރީނު ލިބިފައިވާ މުވައްޒަފުން ކަމަށް ވިދާޅުވި އެވެ.

"ބެލެނިވެރިންނަށް ކަށަވަރުކޮށްދޭން ބޭނުންވަނީ ސްކޫލު މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ވާނެކަން،" މިނިސްޓަރު ވިދާޅުވި އެވެ.

ގައިދުރުކަން ބެހެއްޓުމަށްޓަކައި މީގެ ކުރިން 30-32 ދަރިވަރުން ތިބި ކްލާސް ރޫމުތައް، 16 ދަރިވަރުންނަށް މަދުކޮށްފައިވާ ކަމަށާއި ގައިދުރުކަން ބެހެއްޓުމަށް ސްކޫލުގެ އެކި ހިސާބުތަކުގައި ހަނދާންކޮށްދީފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކިޔަވައިދިނުމަށް ޔުނިސެފްގެ އެހީތެރިކަމާއެކު އިމަޖެންސީ ރެސްޕޮންސް ޕްލޭނެއް ވަނީ ތައްޔާރުކޮށްފަ އެވެ. ފުރަތަމަ ކަމަކީ ސްކޫލުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. ދެ ވަނައަށް، މެދުނުކެނޑި ކިޔެވުން ކުރިއަށްގެންދިއުމާއި ވަލްނަރަބްލް ކުދިންނާ ހަމަށް ވާސިލްވުމުގެ އިތުރުން ބަލިން ރައްކާތެރިވުމާއި ރެޒިލިއަންސް ބިލްޑުކުރުމާއި ފަސް ވަނަ ކަމަކަށް މި ހާލަތުގައި ސްކޫލު ހިންގުމާއި ކޯޑިނޭޓްކުރުމަށް އަލިއަޅުވާލާފައިވާނެ ކަމަށް ވިދާޅުވި އެވެ.

މި ހާލަތުގައި ނަފްސާނީ މައްސަލަތައް ދިމާވާނެތީ އެކަމަށް ތައްޔާރުވާން ޓީޗަރުންނަށް ބޭސިކް ސައިކޯ ސޯޝަލް ތަމްރީނުތަކެއް ފޯރުކޮށްދޭން ވަނީ ހަމަޖައްސައިފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ފުރަތަމަ ބުރުގައި 11،000 ޓީޗަރަކަށް އޭގެ ތަމްރީނުތައް ދިނުމަށް ހަމަޖެހިފައިވެ އެވެ.

މިދިޔަ އަހަރުން ފެށިގެން ނާސްތާ ފޯރުކޮށްދިން ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލުތަކުގައި ހެނދުނުގެ ނާސްތާ ދިނުން ވަނީ މެދުކަނޑާލައިފަ އެވެ. އެއާއެކު ކުރިއަށް އޮތް މަހު ޔުނީފޯމްގެ ބައެއްގެ ގޮތުގައި މާސްކް ހަމަޖައްސައި، މިނިސްޓްރީގެ ގައިޑްލައިނާ އެއްގޮތަށް އެ ބޭނުންކުރުމަށް އެދިވަޑައިގަތެވެ.

އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ވިދާޅުވީ ކޮވިޑް ނެތް ރަށްރަށުގައި ހުރިހާ ގްރޭޑުތަކަށް ކިޔަވައިދޭނެ ކަމަށެވެ. ކިޔަވައިދިނުމުގެ އިތުރުން ތިން ވައްތަރެއްގެ ސްކޫލު އެބަ ގެންގުޅޭ ކަމަށް ވިދާޅުވި އެވެ. ފުރަތަމަ ކަމަކަށް، މިހާރު ވެސް ސިންގަލް ސެޝަނަށް ހިންގާ ސްކޫލުތަކާއި ދެވަނަ ބައިގައި ހިމެނެނީ ދެ ސެޝަނަށް ގެންދާ އަދި ތިން ވަނަ ބަޔަކީ ފިޒިކަލް ޑިސްޓެންސިިންގައި ދެ ދުވަހުން އެއް ދުވަހު ސްކޫލަށް ހާޒިރުވެގެން ހިންގާ ސްކޫލުތަކެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަރިވަރުންނަށް ކިޔަވައިދޭން ތިން ވައްތަރެއް ބޭނުންކުރާނެ އެވެ. އެއީ ސްކޫލަށް ހާޒިރުވެ ކިޔަވައިދިނުމާއީ އޮންލައިންކޮށް ކިޔަވައިދިނުމުގެ އިތުރުން ޓެލިކިލާސް މެދުވެރިކޮށް ކިޔަވައިދިނުމެވެ.

"ޓެލިކިލާސް ތަކަކީ، މައިގަނޑު އަމާޒަކީ ދެން ހުރި ފޭސްޓް ފޭސް އަދި އޮންލައިން ސެޝަންތަކަށް ކޮމްޕްލިމެންޓްރީ ނުވަތަ ސަޕޯޓިން ކްލާސްތަކެއްގެ ގޮތުގައި ކްލާސްތައް ގެންދާނީ،" މޫސަ ވިދާޅުވި އެވެ.

ކަރިކިއުލަމް ބަދަލުކޮށް، އެންމެ މުހިއްމު ބައިތަކާއެކު ކަރިކިއުލަމް ރިވައިޒްކޮށްފައިވާ ކަމަށާއި އެ މައުލޫމާތުތައް ސްކޫލުތަކާ ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓްރީން ނިންމާފައިވަނީ ހަފުތާގެ ހަތަރު ދުވަހު، ދުވާލަކު ހަތަރު ގަޑިއިރަށް ކިޔަވައިދިނުމަށެވެ. ކޮންމެ ދުވަހަކު ވެސް ގިނަ ވެގެން ހަތަރު މާއްދާ ކިޔަވައިދޭއިރު ބާކީ ހުރި ވަގުތުތައް ހަމަޖައްސާފައިވަނީ ބޭރަށް ނުކުތުމާއި އަތް ދޮވުން ފަދަ ކަންކަމަށެވެ.