Roadha Mihaaru
އެސްއެސްސީގެ ދިވެހި ޕޭޕަރެއް އަލުން ޕްރިންޓްކުރަނީ

"މައްސަލައެއް ދިމާވެ" އެސްއެސްސީގެ ދިވެހި ޕޭޕަރު 1 އަލުން ޕްރިންޓުކުރަނީ

04 ޖޫން 2022

އެސްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު 1 އަލުން ޕްރިންޓުކުރަން ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނެފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

އެސްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު 1 އަލުން ޕްރިންޓުކުރަން ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނެފި އެވެ.

ޑީޕީއީގެ ހިންގުމާ ހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ، ދިވެހި ޕޭޕަރު 1 އަލުން ޕްރިންޓު ކުރަން ނިންމީ "ޕްރިންޓިންގައި ދިމާވި މައްސަލައަކާހުރެ" ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ކަނޑައެޅިފައި އޮތް ތާރީހުގައި [މާދަމާ] ދިވެހި ޕޭޕަރު ދެވޭތޯ،" އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ޕްރިންޓް ކުރުމުގައި ދިމާވި މައްސަލައިގެ ސަބަބުން އިސްލާމް އިމްތިހާނުގެ ނަތީޖާއަށް އަސަރެއް ނުކުރާނެ ކަމަށާއި އެކަމަކު ދިވެހި އިމްތިހާނުގެ ނަތީޖާއަށް އަސަރުކޮށްފާނެތީ އަލުން ޕްރިންޓްކުރަން ނިންމީ ކަމަށެވެ.

ދިމާވި މައްސަލައާ ގުޅޭ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އިއްޔެ އޮތް އެސްއެސްސީ އިމްތިހާނުގައި، އިސްލާމް ކަރުދާސް ދިންއިރު ދިވެހި ޕޭޕަރުގެ ބައެއް އޭގެ ތެރޭގައި ވަނީ ޕްރިންޓު ކުރެވިފަ އެވެ.

ޑީޕީއީ އިން ކުރި ޓްވީޓެއްގައި ބުނީ ދިވެހި ކަރުދާސް 1 ޕްރިންޓްކުރުމުގައި ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން މި ކަރުދާސް އަލުން ޕްރިންޓްކޮށް ކަނޑައެޅިފައިވާ ތާރިހްގައި އިމްތިހާނު ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށެވެ.

އެސްއެސްސީ އިމްތިހާނުގައި އިސްލާމް ކަރުދާސް 1 ގެ ބަދަލުގައި ދިވެހި ކަރުދާސް ކުދިންގެ މޭޒުމަތީގައި ބޭއްވުނު މައްސަލައެއް މިދިޔަ އަހަރު ވެސް ދިމާވި އެވެ. ނަމަވެސް އެއްވެސް ކުއްޖަކަށް އެ ސުވާލު ކަރުދާސް ނުފެންނާތީ، ދިވެހި ކަރުދާސް 1ގެ އިމްތިހާނު ތާވަލުގައި އޮތް ގޮތަށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.