Roadha Mihaaru
އުޖޫރަ ބޮޑުނުކޮށްގެން ޕޭޕަރު މާކް ކުރުން ހުއްޓާލައިފި

އުޖޫރަ ބޮޑު ނުކުރުމުން، ޕޭޕަރު މާކް ކުރުން ހުއްޓާލައިފި

02 ޑިސެމްބަރ 2018

ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އެގްޒާމް (އެސްއެސްސީ) އިމްތިހާނުގެ ދިވެހި އަދި އިސްލާމް މާއްދާގެ ކަރުދާސް މާކް ކުރުމުން ދޭންޖެހޭ އުޖޫރަ ބޮޑުކޮށްދޭނެ ކަމަށް ކުރިން ބުނެފައި ވީ ނަމަވެސް މިހާތަނަށް އެކަން ކޮށްދީފައި ނުވާތީ، މި އަހަރުގެ އިމްތިހާނުގެ ކަރުދާސްތައް މާކް ނުކުރަން މާކަރުން މިއަދު ނިންމައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އެގްޒާމް (އެސްއެސްސީ) އިމްތިހާނުގެ ދިވެހި އަދި އިސްލާމް މާއްދާގެ ކަރުދާސް މާކް ކުރުމުން ދޭންޖެހޭ އުޖޫރަ ބޮޑުކޮށްދޭނެ ކަމަށް ކުރިން ބުނެފައި ވީ ނަމަވެސް މިހާތަނަށް އެކަން ކޮށްދީފައި ނުވާތީ، މި އަހަރުގެ އިމްތިހާނުގެ ކަރުދާސްތައް މާކް ނުކުރަން މާކަރުން މިއަދު ނިންމައިފި އެވެ.

އެސްއެސްސީ އިމްތިހާނުގެ ކަރުދާސް މާކް ކުރާ މީހުންނަށް އުޖޫރަ މިހާރު ދެނީ މާކް ކުރާ ކޮންމެ ކަރުދާހަކަށް 40ރ. ގެ ރޭޓުންނެވެ. ނަމަވެސް، މާކަރުން އެދެނީ އެ އަދަދު 60ރ. އަށް ބޮޑުކޮށްދިނުމަށެވެ.

މި އަހަރު އެކަން ކޮށްދޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން ބުނެފައިވީ ނަމަވެސް މާކަރުންންނާ އެކު މިއަދު އެއްބަސްވުން ގާއިމްކުރިއިރު، އުޖޫރަ އަށް ބަދަލެއް ގެނެސްފައި ނެތެވެ. މާކަރުން ހިތްހަމަނުޖެހި މަސައްކަތް ހުއްޓާލާފައި ދިޔައީ އެ ހިސާބުންނެވެ.

މާކަރެއްގެ ގޮތުގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ތަޖުރިބާކާރު ޓީޗަރަކު ނަން ހާމަނުކުރަން އެދި ބުނީ، މާކިން ފެށުމަށްޓަކައި މިއަދު އެގްރިމެންޓް ދިން އިރު، އުޖޫރަ ބޮޑުކޮށްދީފައި ނެތްކަން އެނގުމުން، ކުރީގެ އަގަށް އެކަން ނުކޮށްދޭން ނިންމައި މާކިން ހޯލުން އެ މީހުން ނުކުމެފައިވާ ކަމަށެވެ.

ޕޭޕަރުތައް މާކް ކޮށްގެން ޓީޗަރަކަށް ގާތްގަނޑަކަށް 10،000ރ. ރުފިޔާ ލިބޭއިރު އެއީ އަތޮޅުތެރެއިން އަންނަ ޓީޗަރުންނަށް އެކަށޭނެ އަގެއް ނޫން ކަމަށް ޓީޗަރުން ބުނެ އެވެ. ދެ މާއްދާގެ ޕޭޕަރު މާކް ކުރުމަށް 60 ޓީޗަރުން ވަނީ ނަގައިފަ އެވެ.

"ގިނަ މާކަރުންނަކީ އަތޮޅުތެރެއިން އައިސް މާލޭގެ ތަންތަން ހިފައި ހޮޓަލުން ކައިގެން އުޅޭ މީހުން. އެހެންވީމާ އޮންނަނީ ގެއްލުން ވެފައި. އެތައް ޒަމާނެއް ވެއްޖެ 60ރ. އަށް ބޮޑުކޮށްދޭން އެދޭތާ. އާނއެކޭ ބުނެފައި އެކަން ނުކޮށް އެ ވަނީ،" މާކަރަކު ބުންޏެވެ.

ޕޭޕަރު މާކް ކުރުމުގެ ކުރިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ވޯކްޝޮޕް މި ފަހަރު ވެސް ވަނީ ބާއްވައިފަ އެވެ. އެ ވޯކްޝޮޕަށް، އުޖޫރައިގެ މައްސަލަ ހުށަހަޅައި ހައްލެއް ނުލިބުމުން އެޑިއުކޭޝަން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަށް ވެސް މިދިޔަ ހަފުތާގައި ހުށަހެޅި ކަމަށް ޓީޗަރުން ބުނެ އެވެ.

"ދެން ބުނަނީ ބޮޑުކޮށްދޭނަމޭ އެގްރިމެންޓްގައި ޕޭޕަރަކަށް 40ރ. އޭ އޮތަސް. އެ އަގު 60ރ. އަށް ހަދައިދޭނަމޭ. އެއީ އެއްވެސް ޔަގީން ކަމެއް އޮތް ކަމެއް ނޫން. އަނެއްކާ ލިޔުމަކުން އެއްބަސްވާކަށް އެއްބަހެއް ނުވި،" މާކަރަކު ބުންޏެވެ.

ރަނގަޅު އުޖޫރައެއް ނުލިބޭތީ ފެންވަރު ރަނގަޅު ޓީޗަރުން އެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ވެސް ބައެއް ޓީޗަރުން ބުނެ އެވެ. މާކް ކުރުމުގެ މަސައްކަތަށް ކުރިން 200 އެއްހާ ޓީޗަރުން ކުރިމަތިލާއިރު، މި އަހަރު އެކަމަށް ހުށަހެޅީ މަދު ޓީޗަރުން ކަމަށާއި އޭގެ ތެރޭގައި ވެސް ގިނައީ އަލަށް އެކަމަށް ކުރިމަތިލި މީހުން ކަމަށް ޓީޗަރުން ބުނެ އެވެ.

އެސްއެސްސީ އިމްތިހާނުގެ ނަތީޖާ އަކީ ކެމްބްރިޖް ޔުނިވާސިޓީން މާކް ކުރާ އެހެން ޕޭޕަރުތަކުގެ ނަތީޖާއާ އެކު ކޮންމެ އަހަރެއްގެ ޖެނުއަރީގައި ކުދިންނަށް ދޫކުރާ ނަތީޖާ އެކެވެ.