Roadha Mihaaru
މުސްލިމުން ކިބައިން މާފަށްއެދެން އެމްއެންޕީން ގޮވާލައިފި

އިންޑިއާ އިން މުސްލިމުންގެ ކިބައިން މާފަށް އެދެން އެމްއެންޕީން ގޮވާލައިފި

06 ޖޫން 2022

އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިސް ދެ ބޭފުޅަކު ކީރިތި ގުރުއާނާއި މާތް ނަބިއްޔާ އަށް ފުރައްސަރަކުރި މައްސަލަ ކުށްވެެރިކޮށް، އިންޑިއާ އިން މުސްލިމުންގެ ކިބައިން މާފަށް އެދުމަށް އެމްއެންޕީން މިއަދު ގޮވާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިސް ދެ ބޭފުޅަކު ކީރިތި ގުރުއާނާއި މާތް ނަބިއްޔާ އަށް ފުރައްސަރަކުރި މައްސަލަ ކުށްވެެރިކޮށް، އިންޑިއާ އިން މުސްލިމުންގެ ކިބައިން މާފަށް އެދުމަށް އެމްއެންޕީން މިއަދު ގޮވާލައިފި އެވެ.

ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އާދިއްތަ ދުވަހު ބީޖޭޕީގެ ތަރުޖަމާނު ނުފުރް ޝަރްމާ، އިސްލާމްދީނާއި ކީރިތި ރަސޫލާގެ ޒާތުފުޅަށް ބަދުބަސް ބުނެ އެކަލޭގެފާނުގެ ކައިވެނިފުޅުތަކާ ގުޅިގެން ދެއްކި ވާހަކަތަކަކީ ކަނޑައެޅިގެން އިސްލާމްދީނާ ދެކޮޅަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.

"މި ވާހަކަތަކަކީ މި އުއްމަތުގެ މާތް ނަބިއްޔާގެ އިތުރުން މުޅި އިސްލާމީ އުންމަތާ ދެކޮޅަށް ބުނެފައިވާ ބަސްތަކެއްކަމަށްވީ ހިނދު، މިކަން އެމްއެންޕީގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ބަޔާނުގައި ބުންޏެވެ.

މާތް ނަބިއްޔާއަކީ އިސްލާމީ އުއްމަތާއި މުސްލިމުންގެ އިތުރުން ޣައިރު މުސްލިމުންގެ ލޯތްބައި ގަދަރުލިބިގެންވާ ޝަހުޝިއްޔަތަކަށް ވާއިރު، ނަބިއްޔާ އަށް ބަދުބަސް ބުނުމަކީ އެއްވެސް މުސްލިމަކަށް ތަހައްމަލުކުރަން ކެތްވާނެ ކަމެއް ނޫން ކަމަށް އެމްއެންޕީން ބުންޏެވެ. އެހެންވެ، އެ ޕާޓީން ގޮވައިލީ، ބީޖޭޕީން އެންމެހައި މުސްލިމުންގެ ކިބައިން މާފަށް އެދުމަށެވެ.

އެމްއެންޕީގެ ބަޔާނުގައި ވަނީ މާތް ނަބިއްޔާއަކީ މުސްލިމުންގެ ހިތްތަކުގައި މާތްކަމާއި ލޯބިގެންވާ ބޭފުޅަކަށް ވެފައި، މުސްލިމުންގެ ހައްގުތައް ރައްކާތެރިކޮށް، ސާބިތު ނުހިފޭ ވާހަކަތައް ކުރިމަގުގައި ނުފެތުރުމަށް ގޮވާލައިފަ އެވެ. ދީނީ ތަފާތުކުރުންތަކުން އެއްކިބާވެ ޒިންމާދާރުކަމާއި އޯގާތެރިކަމާއެކު ރައްޔިތުންނާ މުހާތަބުކޮށް، އަމަލުކުރުމަށް ވެސް ބީޖޭޕީ އަށް އެމްއެންޕީން ގޮވައިލި އެވެ.

ކީރިތި ގުރުއާނާއި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން އިސްލާމީ ގައުމުތަކުން އަންނަނީ އިންޑިއާއާ ދެކޮޅަށް ނުރުހުން ފާޅުކުރަމުންނެވެ.

މިއަދު ހަވީރެއްހާއިރު ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނުގައި ވަނީ އިސްލާމް ދީނުުގެ މަތިވެރި އުސޫލުތަކާއި ކީރިތި ރަސޫލާ ދެއްކެވި ރިވެތި އުސޫލުތަކާ ދެކޮޅަށް ހިންގާ ކޮންމެ އަމަލެއް، ހުރިހާ ހާލަތެއްގައި ވެސް ދިވެހި ސަރުކާރުން ކުށްވެރިކުރާނެ ކަމަށެވެ.

ކީރިތި ގުރްއާނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައިގައި ބީޖޭޕީގެ ހަރަކާތްތަކުން ސްޕޯކްސްޕާސަންގެ މަގާމުގައި ހުންނެވި ނުޕުރް ޝަރުމާ ވަނީ ސަސްޕެންޑްކޮށްފަ އެވެ. ނިއު ދިއްލީގައި ހުނަން އެ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ވަނީ ޕާޓީން ވަކިކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން އަރަބި ގައުމުތަކުން ނުރުހުން ފާޅުކުރަން ފެށުމުން ބީޖޭޕީން ނެރުނު ބަޔާނެއްގައި ބުނީ ނުޕުރް ދެއްކި ވާހަކަތަކަކީ އެ ޕާޓީގެ ވިސްނުން ނޫން ކަމަށާއި އެއީ ހުރިހާ ދީންތަކަށް ފުރިހަމަ އަށް އިހުތިރާމްކުރާ ޕާޓީއެއް ކަމަށެވެ.