Roadha Mihaaru

ރަސޫލާ އަށް ފުރައްސާރަކުރި މައްސަލަ އެމްޑީޕީ އާއި ޕީޕީއެމުން ވެސް ކުށްވެރިކޮށްފި

އިންޑިއާގައި ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިސް ދެ ބޭފުޅަކު ކީރިތި ގުރުއާނާއި މާތް ނަބިއްޔާ އަށް ފުރައްސާރަކުރި މައްސަލައިގައި، ރާއްޖޭގެ ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމުން ވެސް މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފުރައްސާރަކުރުން އެމްޑީޕީ، ޕީޕީއެމުން ކުށްވެރިކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

06 ޖޫން 2022

އިންޑިއާގައި ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިސް ދެ ބޭފުޅަކު ކީރިތި ގުރުއާނާއި މާތް ނަބިއްޔާ އަށް ފުރައްސާރަކުރި މައްސަލައިގައި، ރާއްޖޭގެ ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމުން ވެސް މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ނެރުނު ކުރު ބަޔާނެއްގައި ބުނީ، ބީޖޭޕީގެ އިސް ތަރުޖަމާނަކު އިސްލާމީ އުއްމަތުގެ މާތް ނަބިއްޔާ އަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން އެ ޕާޓީން އިންތިހާ އަށް ނުރުހުންވެ، އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.

އެއީ އިސްލާމްދީނަށް ފުރައްސާރަކުރުމުގެ އަމަލެއް ކަމަށް އެމްޑީޕީން ދެކޭ ކަމަށާއި ބީޖޭޕީ ފަދަ ހުރިހާ ދީންތަކަކަށް އިހްތިރާމުކުރާ ޕާޓީއެއްގެ އިސް ބޭފުޅަކު އެފަދަ ނާތަހުޒީބީ އަމަލެއް ހިންގުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން ވަނީ، ރަސޫލާ އަށް ފުރައްސާރަކުރި މީހުންނަށް ފިޔަވަޅު އަޅާފައިވާތީ އެ ކަން ވެސް ފާހަގަކޮށްފަ އެވެ.

އެކަން ކުށްވެރިކޮށް މިއަދު ހެނދުނު ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި، ރަސޫލާ އަށް ފުރައްސާރަ ކުރުމަކީ ހުރިހާ މުސްލިމުންގެ ހިތްތަކަށް ދިން ހަމަލައެކެވެ. އެހެންވެ، އެކަމާ އަޅާނުލާއި ދޫކޮށްނުލެވޭނެ ކަމަށް ޕީޕީއެމުން ބުންޏެވެ.

އެ ޕާޓީން ބުނީ ނަސްލީ ތަފާތުކުރުންތަކާއި މުސްލިމުންނާ ދެކޮޅަށް ހިންގާ ކަންކަން އިތުރުވުމުގެ ސަބަބުން އިންޑިއާގައި ހަމަނުޖެހުން ބޮޑުވެފައިވާ ކަމަށެވެ. އަދި ފާއިތުވި 75 އަހަރުގެ ތެރޭގައި ވެސް އެ ކަހަލަ ކަންކަމަށް އިންޑިއާ އިން ފުރުސަތުދީފައި ނުވާ ކަމަށް ބުނެ އިދިކޮޅުން ވަނީ މުސްލިމުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ބީޖޭޕީ އަށް ގޮވާލައިފަ އެވެ.

ކީރިތި ގުރުއާނާއި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލަ ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ކުށްވެރި ކޮށްފައިވާއިރު، އިސްލާމީ ގައުމުތަކުން ވެސް ދަނީ އިންޑިއާއާ ދެކޮޅަށް ނުރުހުން ފާޅުކުރަމުންނެވެ. ދިވެހި ސަރުކާރުން ވެސް ވަނީ ބީޖޭޕީގެ އިސްބޭފުޅަކު ކީރިތި ރަސޫލާ އަށް ފުރައްސާރުކުރި މައްސަލަ ކުށްވެރިކޮށްފަ އެވެ.