Roadha Mihaaru
ވެޓް ކްލިނިކް އަލުން ހުޅުވުމުގެ ވިސްނުމެއް ނެތް

ވެޓެރިނަރީ ކްލިނިކް އަލުން ހުޅުވުމުގެ ވިސްނުމެއް ނެތް: ފިޝަރީޒް މިނިސްޓްރީ

09 ޖޫން 2022

ޖަނަވާރުންނަށް ފަރުވާ ދޭން ފިޝަރީޒް މިނިސްޓްރީން ކުރިން ހިންގި ވެޓެރިނަރީ ކްލިނިކް އަލުން ހުޅުވުމުގެ ވިސްނުމެއް ނެތް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ޖަނަވާރުންނަށް ފަރުވާ ދޭން ފިޝަރީޒް މިނިސްޓްރީން ކުރިން ހިންގި ވެޓެރިނަރީ ކްލިނިކް އަލުން ހުޅުވުމުގެ ވިސްނުމެއް ނެތް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ވެޓެރިނަރީ ކްލިނިކް ބަންދުކުރީ ކޮވިޑްގެ ލޮކްޑައުންއާ ހެދި 2020 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ކްލިނިކެއް ނުހުޅުވަ އެވެ.

ފިޝަރީޒް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ނަސްރުﷲ ހުސައިން "މިހާރު" އަށް ވިދާޅުވީ އަލުން ވެޓެރިނަރީ ކްލިނިކް ފެށުމުގެ ވިސްނުމެއް އެ މިނިސްޓްރީން ނުގެންގުޅޭ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިން މިނިސްޓްރީން އެކަން ކުރީ އަމިއްލަ އެއްވެސް ބަޔަކު އެކަން ނުކުރާތީ ކަމަށެވެ. ނަމަވެސް މިހާރު އަމިއްލަ ފަރާތްތަކުން އެކަން ކުރާތީ މިނިސްޓްރީން އެކަން ހުއްޓާލީ ކަމަށް ނަސްރުﷲ ވިދާޅުވި އެވެ.

ނަމަވެސް މިނިސްޓްރީން ހިންގި ވެޓެރިނަރީ ކްލިނިކުން ނަގާ އަގުތަކަށް ވުރެ އަމިއްލަ ފަރާތަކުން ހިންގާ ކްލިނިކްގެ އަގުތައް އެތައް ގުނައެއް ބޮޑެވެ.

"ސަރުކާރުން ކުރާ އަގެއްގައި އަމިއްލަ ފަރާތްތަކަކަށް ނުކުރެވޭނެ ދެއްތޯ. އަޅުގަނޑުމެންގެ މިނިސްޓްރީން ވަރަށް ރަނގަޅަށް މޮނީޓާކުރަމުން ގެންދާނީ އެ ކްލިނިކުން މަސައްކަތްތައް ކުރިއަށް ދާ ގޮތް ވެސް،" ނަސްރުﷲ ވިދާޅުވި އެވެ.

ވިލިމާލޭގައި 2018 ވަނަ އަހަރު ހުޅުވި މި ކްލިނިކަށް އެޕޮއިންޓްމަންޓްތައް އޭރު އޮންނަނީ އަބަދުހެން ފުލް ވެފަ އެވެ.

ބުޅާ ގެންގުޅޭ ގިނަ މީހުން ބުނާ ގޮތުގައި، ސަރުކާރުގެ ވެޓެރިނަރީ ކްލިނިކެއް ހުރުން މުހިންމެވެ.