Roadha Mihaaru
ވެޓަށް ގެންދާ ބުޅާތައް މަރުވާ މައްސަލަ ބޮޑުވެއްޖެ

ވެޓް ހޮސްޕިޓަލަށް ގެންދާ ބުޅާތައް މަރުވާ މައްސަލަ ބޮޑުވެއްޖެ

03 އޮކްޓޯބަރ 2022

އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް ފަރުވާދޭ، އޮއޭސިސް ވެޓް ހޮސްޕިޓަލަށް އޮޕަރޭޝަން ކުރަން ގެންދިޔަ ބައެއް ބުޅާތަކަށް ބައްޔެއް ޖެހި، މަރުވާ މައްސަލަ ބޮޑުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް ފަރުވާދޭ، އޮއޭސިސް ވެޓް ހޮސްޕިޓަލަށް އޮޕަރޭޝަން ކުރަން ގެންދިޔަ ބައެއް ބުޅާތަކަށް ބައްޔެއް ޖެހި، މަރުވާ މައްސަލަ ބޮޑުވެއްޖެ އެވެ.

އެ މައްސަލާގައި އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ ބައެއް ކަސްޓަމަރުން ދަނީ ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގޭގެގައި ބުޅާ ގެންގުޅޭ ބައެއް މީހުން ބުނި ގޮތުގައި އެ ހޮސްޕިޓަލުން އޮޕަރޭޝަން ކުރުމަށް ފަހު، ބުޅާތަކުގެ ކެހެރި ބާލާ ތަނުގައި ބޮޑެތި ބިހިތަކެއް ނަގައި، އިންފެކްޓުވާ ކަމަށެވެ. އަދި ބައެއް ބުޅާތަކުގެ ހާލު ވަރަށް ގޯސްވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ބުޅާތައް އިންފެކްޓުވުމަށް ފަހު، މަރުވެފައިވާ ކަމަށް އެ މީހުން ބުނެ އެވެ. މިދިޔަ ހަފުތާގައި އެކަނި ވެސް އެ ހޮސްޕިޓަލުން ފަރުވާ ދިން ހަތް ބުޅާ އެގޮތަށް މަރުވެފައިވެ އެވެ.

އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް ފަރުވާދިނުމަށް ރާއްޖޭގައި ހުންނަ ހަމައެކަނި ހޮސްޕިޓަލުން ބައެއް ކަސްޓަމަރުން ގާތުގައި ބުނެފައިވާ ކަމަށް ވަނީ، އެ ބުޅާތަކުގެ ހާލު ދެރަވީ މި ދުވަސްވަރު އެ އެއްޗެހީގެ މެދުގައި ވައިރަލް އިންފެކްޝަނެއް ފެތުރެމުން ދާތީ އެވެ.

ވައިރަލް އިންފެކްޝަނެއް އުޅޭ ކަމަށް ނުބުނޭ

އެ ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހުން މަރުވި ބުޅަލެއްގެ ވެރިޔަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އޭނާ ގެންގުޅޭ ބުޅާ ނިއުޓާކުރަން (ނުވިހާ އޮޕަރޭޝަން ކުރުމަށް) ގެންދިޔައީ މިދިޔަ މަހުގެ 24 ގަ އެވެ. އޭރު ވެސް ވައިރަލް އިންފެކްޝަނެއް އުޅޭ ކަމަށް ހޮސްޕިޓަލުން ނުބުނާ ކަމަށެވެ.

"ސާޖަރީއަށް ފަހު ޝޭވްކޮށްފައި ހުރިތަނުން ބިހި ނަގަން ފެށީ. ދެން ވަރަށް ގަދަ އަށް ހުން އަންނަން ފެށީ،" އޭނާ ބުންޏެވެ.

ސާޖަރީއަށް ފަހު އެ ސޮރުގެ ހާލު ބަލަން އެކި ފަހަރު މަތިން ހޮސްޕިޓަލުން ގުޅި ކަމަށާއި އަދި އޭގެ ތިން ދުވަސް ފަހުން ޗެކަޕްއަކަށް ގެންދަން ބުނި ކަމަށެވެ. އެކަމަކު ސާޖަރީއަށް ފަހު ޗެކަޕް ހެދުމަކީ، އޭނާ ނެގި ޕެކޭޖުގައި ހިމެނޭ ބައެއް ނޫން ކަމަށެވެ.

އެ ހޮސްޕިޓަލުގައި ބުޅާތަކަށް ފަރުވާދިނުމަށް އެކި ޕެޖޭޖުތައް ހަދާފައި ހުރެ އެވެ. އޭގެ ތެރެއިން އޭނާ ނެގީ ސިލްވާ ޕެކޭޖެކެވެ. ސާޖަރީ އަށް ފަހު ޗެކަޕް ހެދުން އޮންނަނީ ޕްލެޓިނަމް ޕެކޭޖުގަ އެވެ.

"ޗެކަޕް އަށް ދިޔައިރު ބުޅާގެ ހާލު ވަރަށް ގޯސްވެފައި އޮތީ. އެހެންވެ، އެޑްމިޓްކޮށްފައި ތިން ދުވަސް ވަންދެން އައިވީ ވެސް ދިން،" އޭނާ ބުންޏެވެ.

"އައިވީ ދޭން އެޑްމިޓްކުރީ އަންގާރާގައި. އެ ދުވަހު އެޑްމިޓްކުރަމުން ބުނީ ވައިރަސްއެއް އެބަ އުޅެޔޭ، އަޅުގަނޑުގެ ބުޅަލާ އެކު މިދިޔަ މަހު 24 ގައި އެޑްމިޓްކުރި އެހެން ބުޅާތަކުގެ މެދުގައި ވެސް އެ ވައިރަލް އުޅެޔޭ."

އެކަމަކު ހޮސްޕިޓަލުގެ ވާހަކަތައް އޭނާ ދޮގުކުރި އެވެ. އޭނާ ބުނީ ނިއުޓާކުރަން އޭނާގެ ބުޅާ އެޑްމިޓްކުރި ދުވަހު އެހެން މީހެއްގެ ބުޅަލެއް ވެސް އެތަނުގައި މަރުވި ކަމަށެވެ. އަދި އެ ހޮސްޕިޓަލުން، ފަރުވާ ގެންދާ ބުޅާތަކުގެ ވެރިންގެ ގާތުގައި އެކި ގޮތްގޮތަށް ވާހަކަދައްކަމުން އަންނަ ކަމަށް ވެސް ތުހުމަތުކުރި އެވެ.

އެޑްމިޓްކޮށްފައި އޮއްވާ އޭނާގެ ބުޅާ މަރުވީ މިދިޔަ ހުކުރު ދުވަހު ހަވީރެވެ. ބުޅަލުގެ މަރާ ގުޅޭގޮތުން އެ ހޮސްޕިޓަލުން ދިން ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ސޮރު ވަރަށް ގަދަ އަށް ރޮއެ ހެދި ކަމަށެވެ. އެކަމަކު، އެ ވާހަކަ ހޮސްޕިޓަލުން ކުރިން އަންގާފައި ނުވާ ކަމަށް ބުންޏެވެ.

"ޝޭވްކުރިތަނުން ނަގާފައި ހުރި ބިހިތަށް ހީވަނީ ފަހުން ކަހާފައި ހުރިހެން. އެހެންވެ ތަދުވެގެން ކަންނޭނގެ އެ ރުއީ އެވަރަށް. އެކަމަކު އެކަން ކުރަން އަޅުގަނޑުގެ ހުއްދަ ވެސް ހޮސްޕިޓަލުން ނުހޯދާ،" އޭނާ ބުންޏެވެ.

"ބުޅާ މަރުވީ އަޅުގަނޑުގެ ކުރިމަތީގައި."

މާލޭގެ މަގުމަތީގައި އުޅޭ ބުޅާލެއް: އޮއޭސިސް ވެޓް ހޮސްޕިޓަލަށް އޮޕަރޭޝަން ކުރަން ގެންދާ ބައެއް ބުޅާތަކަށް ބައްޔެއް ޖެހި، މަރުވާ މައްސަލަ ވަނީ ބޮޑުވެފައި -- ފައިލް ފޮޓޯ: މިހާރު

މާލޭގެ މަގުމަތީގައި އުޅޭ ބުޅާލެއް: އޮއޭސިސް ވެޓް ހޮސްޕިޓަލަށް އޮޕަރޭޝަން ކުރަން ގެންދާ ބައެއް ބުޅާތަކަށް ބައްޔެއް ޖެހި، މަރުވާ މައްސަލަ ވަނީ ބޮޑުވެފައި -- ފައިލް ފޮޓޯ: މިހާރު

ބުޅާ ގެންގުޅޭ އެހެން ބައެއް މީހުން ބުނި ގޮތުގައި، މާލޭގެ ބުޅާތަކުގެ މެދުގައި ވައިރަލް އިންފެކްޝަނެއް ފެތުރެން ފެށި ކަމަށް ބެލެވެނީ މިދިޔަ މަހު ކުރީކޮޅުގަ ކަމަށެވެ. އެކަމަކު ވެސް އެ ހޮސްޕިޓަލުން އެކަން އާންމުންގެ ސަމާލުކަމަށް ގެނައުމަށް އެއްވެސް ކަމެއް ކޮށްފައެއް ނުވާ ކަމަށެވެ.

ބުޅަލަށް ފަރުވާދޭ ވެޓެރިނަރީ ސާޖަންއެއް ބުނި ގޮތުގައި މަރުވި ބުޅާތަކަށް ނުބައި ބޭހެއްދީފައި ހުރުމާއި ނުވަތަ ސެނިޓައިޒްނުކޮށް އެއް ކްލިޕާއެއް ބޭނުންކޮށްގެން ސާޖަރީކޮށްފައި ހުރުމަކީ ވެސް އެ ބުޅާތައް އިންފެކްޓްވުމަށް މެދުވެރިވި ސަބަބަކަށް ވުން އެކަށިގެންވާ ކަމަށެވެ.

ކަސްޓަމަރުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ބަހެއް ހޯދުމަށް އޮއޭސިސް ވެޓް ހޮސްޕިޓަލަށް "މިހާރު" އިން ގުޅި ނަމަވެސް، މީޑިއާއާ ވާހަކަދައްކަވާނެ ބޭފުޅަކާ ދިމާވާ ގޮތެއް ނުވި އެވެ.