Roadha Mihaaru
މަހިމާގެ ދިރިއުޅުމުގެ ހިތްދަތި ވާހަކަތަކެއް ކިޔައިދީފި

މަހިމާގެ އަމިއްލަ ދިރިއުޅުމުގެ ހިިތްދަތި ވާހަކަތަކެއް ކިޔައިދީފި

10 ޖޫން 2022

"ދިލް ހޭ ތުމްހާރާ" އާއި "ދަޅްކަން" ކަހަލަ ކާމިޔާބު ފިލްމުތަކުން ބެލުންތެރިންގެ މަގްބޫލުކަން ހޯދި، މަހިމާ ޗޯދްރީ އަށް އުރަމަތީގެ ކެންސަރު ޖެހިގެން ކުރަން ޖެހުނު ހިތްދަތި ތަޖުރިބާތައް ފުރަތަމަ ފަހަރަށް އޭނާ ފޭނުންނަށް ކިޔައިދީފި އެވެ.

"ދިލް ހޭ ތުމްހާރާ" އާއި "ދަޅްކަން" ކަހަލަ ކާމިޔާބު ފިލްމުތަކުން ބެލުންތެރިންގެ މަގްބޫލުކަން ހޯދި، މަހިމާ ޗޯދްރީ އަށް އުރަމަތީގެ ކެންސަރު ޖެހިގެން ކުރަން ޖެހުނު ހިތްދަތި ތަޖުރިބާތައް ފުރަތަމަ ފަހަރަށް އޭނާ ފޭނުންނަށް ކިޔައިދީފި އެވެ.

މަހިމާ، ކެންސަރުގެ ޝިކާރައަކަށްވި ކަން އިއްޔެ އެންމެ ފުރަތަމަ އިއުލާންކުރީ އަނުޕަމް ކޭރްގެ ސޯޝަލް މީޑިއާ އަށް ދޫކޮށްލި ވީޑިއޯއެއްގަ އެވެ. އިސްތަށިގަނޑު ތުނިކޮށްލައިގެން މަހިމާ އިންދާ ނަގާފައިވާ އެ ވީޑިއޯގައި އެލަން އަނުޕަމް އަށް އޭނާ ހިއްސާކުރި ގޮތް ވެސް ކިޔައިދިނެވެ.

އުމުރުން 48 އަހަރުގެ މަހިމާ ބުނީ އެމެރިކާގައި ކެންސަރުގެ ފަރުވާ ހޯދަމުންދަނިކޮށް އަނުޕަމް ގުޅި ކަމަށެވެ. އެ ވަގުތު އޭނާ ހުރީ ހޮސްޕިޓަލުގައި ކީމޯ ތެރަޕީ ނަގަން ގޮސް ކަމަށާއި އަނުޕަމް އެދުނީ ފިލްމެއްގައި މަސައްކަތްކުރުމަށް ކަމަށް މަހިމާ ބުންޏެވެ.

މަހިމާ ބުނި ގޮތުގައި، އަނުޕަމް އެ ރޭ ގުޅުމުން، އެ ފިލްމުގައި މަސައްކަތް ކުރެވޭނީ ވިގެއް ޖަހައިގެން ކަމަށޭ ބުނި ކަމަށެވެ.

"ވިގެއް ޖަހައިގެންނޭ މަސައްކަތްކުރެވޭނީ ބުނީމަ ބުނެފި ކީއްވެހޭ އެއީ. ދެން ކިޔައިދިނީ ކެންސަރު ޖެހިގެން ކީމޯ ނަގާ ވާހަކަ. އެ ވާހަކަތައް ކިޔައިދިނުމުން އަނުޕަމް ވަނީ އެގޮތަށް ހުރެގެން ވެސް މަސައްކަތް ކުރެވިދާނެ ކަމަށް ބުނެފައި،" މަހިމާ ކިޔައިދިނެވެ.

މަހިމާ އަށް ކެންސަރު ޖެހުނުކަން އެނގުނީ އާންމުކޮށް ކޮންމެ އަހަރަކު ވެސް އޭނާ ހަދާ މެޑިކަލް ޗެކަޕެއް ހަދައިގެން ޝައްކުކުރެވޭ ކަންތައްތަކެއް ފެނިގެންނެވެ. އެހެންވެ، އިތުރު ޓެސްޓުތަކެއް ހަދައި ބެލިިއިރު ހުރީ ކެންސަރުގެ ތަންކޮޅެއް ކުރީ ސްޓޭޖެއްގަ އެވެ.

މަހިމާ ބުނި ގޮތުގައި ފިލްމުތަކާއި ވެބް ސީރީޒްތަކުން އެ ދުވަސްވަރު ގިނަ ފުރުސަތުތަކެއް ލިބުނު ކަަމަށެވެ. އެކަމަކު ބޯ ތަލަކޮށްލާފައި ހުރުމުން ހުރިހާ މަސައްކަތަކަށް ވެސް ނޫނެކޭ ބުނީ އެވެ. އަދި އެއިން އެއްވެސް މީހެއްގެ ގާތުގައި ކެންސަރު ޖެހިގެން އުޅުނު ވާހަކަ ނުބުނެ އެވެ.

އެ ވާހަކަތައް ކިޔައިދެމުން ގޮސް މަހިމާ އަށް ރޮވުނެވެ. ކީމޯގެ ތަކުލީފުތަކުގައި އުޅުނުއިރު އެތަނުގައި އުޅުނު ކުޑަކުއްޖެއްގެ ފަރާތުން ވަރަށް ބޮޑަށް ހިތްވަރު ލިބުނު ކަމަށް ވެސް ބުންޏެވެ.

މަހިމާ ބުނި ގޮތުގައި އެ ވީޑިއޯ އާންމުކުރުމާ ހަމަ އަށް ވެސް އޭނާގެ މައިންބަފައިންނަށް ވެސް އޭނާ އަށް ކެންސަރު ޖެހުނުކަން ނޭނގޭނެ ކަމަށެވެ. އެމީހުން ދެރަވެދާނެތީ އެ ވާހަކަ ހިއްސާނުކުރާ ކަމަށް ބުންޏެވެ. އެކަމަކު އޭނާ މިހާރު ހުރީ ކެންސަރުން އެއްކޮށް ސަލާމަތްވެފަ އެވެ.

އަނުޕަމް އާއި އަނޫ ކަޕޫރާ އެކު މި ދުވަސްވަރު މަހިމާ ދަނީ "ދަ ސިގްނޭޗާ"ގެ މަސައްކަތްކުރަމުންނެވެ.