Roadha Mihaaru
އެމްޓީޑީސީގެ އަމިއްލަ ރިސޯޓެއް ހަދަން ރަށެއް ހޯދަނީ

އެމްޓީޑީސީގެ އަމިއްލަ ރިސޯޓެއް ހަދަން ރަށެއް ހޯދަނީ

10 ޖޫން 2022

އެމްޓީޑީސީގެ އާމްދަނީ އިތުރު ކުރަން އިތުރު ރިސޯޓެއް ތަރައްގީކުރުމަށްޓަކައި ރަށެއް ހޯދުމުގެ މަސައްކަތް ކުރަން ފަށާފައިވާ ކަމަށް އެ ކުންފުނިން ރޭ ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޓީޑީސީގެ އާމްދަނީ އިތުރު ކުރަން އިތުރު ރިސޯޓެއް ތަރައްގީކުރުމަށްޓަކައި ރަށެއް ހޯދުމުގެ މަސައްކަތް ކުރަން ފަށާފައިވާ ކަމަށް އެ ކުންފުނިން ރޭ ބުނެފި އެވެ.

އަހަރީ އާންމު ޖަލްސާއަށް ފަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ، އެ ކުންފުންޏަށް މިދިޔަ ދެ އަހަރު ބޮޑު ކާމިޔާބީއެއް ލިބުނު ކަމަށެވެ. އަދި ބޭނުންވަނީ އެއީ އަބަދުވެސް ފައިދާވާ، ބޮޑު އާމްދަނީއެއް ވަންނަ ކުންފުންޏަކަށް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ކުރުމަށްޓަކައި އަންނަ އަހަރު އިތުރު ރިސޯޓެއް ތަރައްގީ ކުރުމަކީ އެންމެ ބޮޑު އަމާޒު ކަމަށް ތަޒްމީލް ވިދާޅުވި އެވެ.

"މި ގޮތަށް އަމިއްލަ ޕްރޮޕަޓީއެއް ތަރައްގީކޮށް، ޑައިރެކްޓްކޮށް އެމްޓީޑީސީން ހިންގާނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ ރޭ ކުރިއަށް ގެންދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ ރޭ ކުރިއަށް ގެންދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެމްޓީޑީސީން މިހާރު ވަނީ އެ ކުންފުނީގެ ދެ ރިސޯޓު ކުއްޔަށް ދީފަ އެވެ. އެއީ އަނަންތާރާ ކިހާވަށް އަދި އަޔާދާ މޯލްޑިވްސް އެވެ. އެ ދެ ރިސޯޓުން އާމްދަނީގެ ގޮތުގައި 4.1 މިލިއަން ޑޮލަރު އެމްޓީޑީސީ އަށް ލިބިފައިވެ އެވެ.

ތަޒްމީލް ވިދާޅުވިގޮތުގައި، މިހާރު އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ ލިބޭ ފައިދާ އިން އިތުރު އިންވެސްޓްމެންޓްތައް ކުރުމަށެވެ.

"ދައުލަތުން ވެސް އެބަހުރި ރަށްތައް އިއުލާނުކޮށްފައި. އަޅުގަނޑުމެން މި ދަނީ އެ ކަމަށް އެންމެ ރަނގަޅު ޕްރޮޕަޓީއެއް ބަލަމުން،" އޭނާ ވިދާޅުވި އެވެ.

ރިސޯޓެއް ތަރައްގީ ކުރަން ވިސްނާއިރު ބޭނުންވަނީ އެމްޓީޑީސީ އަށް ފަސޭހައިން ތަރައްގީކޮށް، އާމްދަނީއެއް އަވަހަށް ލިބޭނެ ފަދަ ރަށެއް ކަމަށް ތަޒްމީލް ވިދާޅުވި އެވެ.

އެމްޓީޑީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާއަކަށް 60 ލާރީގެ މަގުން 28 މިލިއަން ރުފިޔާ ބަހަން ރޭގެ އާންމު ޖަލްސާގައި ފާސްކުރި އެވެ.