Roadha Mihaaru
އެމްޓީޑީސީ އިން ހުޅުމާލެ 2 ގައި ސިޓީ ހޮޓަލެއް އަޅަނީ

އެމްޓީޑީސީ އިން ހުޅުމާލެ 2 ގައި ސިޓީ ހޮޓަލެއް އަޅަނީ

22 ޖުލައި 2024

އެމްޓީޑީސީގެ އެސެޓުތަކާއި އާމްދަނީ އިތުރުކުރުމުގެ ބޭނުމުގައި ސިޓީ ހޮޓަލެއް ހަދަން އެ ކުންފުނިން ނިންމައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެމްޓީޑީސީގެ އެސެޓުތަކާއި އާމްދަނީ އިތުރުކުރުމުގެ ބޭނުމުގައި ސިޓީ ހޮޓަލެއް ހަދަން އެ ކުންފުނިން ނިންމައިފި އެވެ.

ރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒް ވިދާޅުވީ، ވިސްނުން ހުރީ ހުޅުމާލެ 2 ގެ ޓޫރިޒަމް ޒޯނުގައި އެ ސިޓީ ހޮޓާ އަޅަން ކަމަށެވެ. އެޗްޑީސީއާ އެކު، އެ ކަމާ ގުޅޭ މަޝްވަރާތައް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ، ސިޓީ ހޮޓަލެއް ހެދުމުގެ އިތުރުން މިހާރު ހުޅުމާލެ 1 ގައި އަޅަމުން އަންނަ އޮފީސް އިމާރާތަކީ ވެސް އެމްޓީޑީސީ އަށް ބޮޑު ފައިދާއެއް ހޯދޭނެ ވަސީލަތެއް ކަމަށެވެ.

އެމްޓީޑީސީން ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ބޯޑު މެމްބަރުން ބައިވެރިވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެމްޓީޑީސީން ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ބޯޑު މެމްބަރުން ބައިވެރިވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މިއީ ޒަމާނީ އެންމެ ފަހުގެ ވަސީލަތްތަކާ އެކު ހުޅުމާލޭގެ އެންމެ ޑިމާންޑު ބޮޑު ސަރަހައްދުގައި ހަދާ ތަނެއް. މި ތަނުން ބޮޑު ފައިދާއެއް ލިބޭނެ ކަމަށް ގަބޫލު ކުރެވޭ،" މިދިޔަ ފަސް އަހަރު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މިހާރުގެ މެނޭޖިން ޑިރެކްޓަރު ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެމްޓީޑީސީގެ އޮފީސް އިމާރާތުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އަދި މި ޕްރޮޖެކްޓުގެ މަސައްކަތް ލަސްވީ، މީގެ ކުރިން ހުޅުމާލޭގައި އިމާރާތް ކުރުމަށް ގެނައި ބަދަލާ ގުޅިގެން ކުރިން 7 ބުރިއަށް އިމާރާތް ކުރަން ކުރެހި ކުރެހުން ބާތިލުކޮށް 10 ބުރީގެ އިމާރާތެއް އެޅުމަށް ބޭނުންވާ ކުރެހުމާއި މަސައްކަތްތައް ފުރިހަމަކުރަން ވަގުތު ނެގުމުން ކަމަށް ވިދާޅުވި އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ހަދާ އެ އިމަރާތުގެ ބިން އެމްޓީޑީސީއާ ހަވާލުކޮށްފައި ވަނީ 2022 ވަނަ އަހަރު އެވެ. ޖުމުލަ 3،500 އަކަފޫޓުގެ ބިމުގައި ހަދަން ޕްލޭން ކޮށްފައި ވަނީ ގްރައުންޑް ފްލޯގައި ކެފޭއަކާއި ޕާކިން ސަރަހައްދަކާއި ފުރަތަމަ ފްލޯގައި ޖަލްސާކުރާ ހޯލެއް ހިމެނޭ ބޮޑު އިމާރާތެކެވެ. މި އިމާރާތުގެ ބާކީ ފްލޯތައް އިދާރީ މަސައްކަތްތައް ކުރެވޭ ގޮތަށް ފަރުމާކުރުމަށް ވަނީ ނިންމައިފަ އެވެ.

އެމްޓީޑީސީން ނިންމާފައި ވަނީ އެ އިމާރާތުގެ އެކި ފްލޯތައް ކުއްޔަށް ދޫކޮށްގެން ކުންފުންޏަށް އާމްދަނީ ހޯދުމަށެވެ.