Roadha Mihaaru
ޕޯޗުގަލް ކުރީގައި، ސްޕެއިން އަށް ފުރަތަމަ މޮޅު

ނޭޝަންސް ލީގު: ޕޯޗުގަލް ކުރީގައި، ސްޕެއިން އަށް ފުރަތަމަ މޮޅު

10 ޖޫން 2022

ލިޒްބަން (ޖޫން 10) - ޔޫއެފާ ނޭޝަންސް ލީގުގައި ޕޯޗުގަލް 2-0 އިން ޗެކް ރިޕަބްލިކް ބަލިކޮށް ގުރޫޕުގެ ކުރީގައި މަގާމް ދެމެހެއްޓައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލިޒްބަން (ޖޫން 10) - ޔޫއެފާ ނޭޝަންސް ލީގުގައި ޕޯޗުގަލް 2-0 އިން ޗެކް ރިޕަބްލިކް ބަލިކޮށް ގުރޫޕުގެ ކުރީގައި މަގާމް ދެމެހެއްޓައިފި އެވެ.

ހަނި ގޮތަކަށް ސްވިޒަލެންޑް ބަލިކޮށް، ސްޕެއިން އިން މި ސީޒަނުގެ ޔޫއެފާ ނޭޝަން ލީގުގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ.

މިދިޔަ އަހަރުގެ ނޭޝަންސް ލީގު ފައިނަލުގައި ފްރާންސާ ވާދަކޮށް ބަލިވި ސްޕެއިން މި ސީޒަނުގެ ނޭޝަންސް ލީގު ފެށީ، ކުޅުނު ފުރަތަމަ ދެ މެޗު އެއްވަރު ކޮށްގެންނެވެ. ފުރަތަމަ މެޗުގައި މުބާރާތުގެ ފުރަތަމަ ސީޒަން ކާމިޔާބުކުރި ޕޯޗުގަލްއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރު ވީ އެވެ. ދެވަނަ މެޗުގައި ސްވިޒަލެންޑާ ވާދަކޮށް އެއްވަރުވީ 2-2 އިންނެވެ.

މި މޮޅާ އެކު ތިން މެޗުން ފަސް ޕޮއިންޓް ހޯދާފައިވާ ސްޕެއިން މިވަގުތު އޮތީ ގުރޫޕް 2 ގެ ދެވަނައިގަ އެވެ. ސްވިޒަލެންޑް ކުޅުނު ތިން މެޗުން ވެސް ބަލި ވީ އެވެ. ތިންވަނައިގައި އޮތީ ހަތަރު ޕޮއިންޓް ހޯދާފައިވާ ޗެކް ރިޕަބްލިކެވެ. އެއްވަނައިގައި އޮތީ ހަތް ޕޮއިންޓް ހޯދާފައިވާ ޕޯޗުގަލް އެވެ.

ސްޕެއިންގެ ހަމައެކަނި ލަނޑު ޖަހައިދިން ސަރާބިއާ (22)، ސްވިޒަލެންޑް ކުޅުންތެރިއެއް ކައިރީގައި ބޯޅައަށް މަސައްކަް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސްޕެއިންގެ ހަމައެކަނި ލަނޑު ޖަހައިދިން ސަރާބިއާ (22)، ސްވިޒަލެންޑް ކުޅުންތެރިއެއް ކައިރީގައި ބޯޅައަށް މަސައްކަް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސްވިޒަލެންޑުގެ ޖެނީވާގަައި ސްޕެއިން ކުޅުނު ލީގުގެ ތިންވަނަ މެޗު އެޓީމު ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ސްޕެއިން އިން ޖެހި ހަމައެކަނި ލަނޑު 13 ވަނަ މިނިޓުގައި މާކޮސް ޔޮރެންޓޭ ހުރަސްކޮށްލި ބޯޅައަކުން ޖެހީ ޕަބްލޯ ސަރާބިއާ އެވެ. ރެފްރީ މި ލަނޑު ބަލައިގަންނަން ނިންމީ އޭނާ އޮފްސައިޑުގައި ހުރިކަމަށް ޝައްކު ވެގެން ވީއޭއާރު ބެލުމަށް ފަހު އެވެ.

މެޗުގެ ފަހު ވަގުތު ސްވިޒަލެންޑަށް ނަތީޖާ އެއްވަރުކުރަން ދެ ފުރުސަތެއް ލިބުނު ނަމަވެސް ހަމަލާތައް ގޯލާ އަމާޒުކޮށެއް ނުލެވުނެވެ.

ރަށުން ބޭރުގައި ކުޅުނު ފުރަތަމަ މެޗް އެއްވަރުވި ނަމަވެސް ޕޯޗުގަލް ވަނީ އަމިއްލަ ފަސްގަނޑުގައި ދެން ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ސްވިޒަލެންޑާ ވާދަކޮށް ދެވަނަ މެޗު 4-0 އިން ކާމިޔާބު ކުރި އެވެ. ރޭގެ މެޗުގައި ޗެކް ރިޕަބްލިކް ބަލިކުރީ 2-0 އިންނެވެ.

ޕޯޗުގަލް އިން ޖެހި ދެ ލަނޑު ވެސް ޖަހާފައި ވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 33 ވަނަ މިނިޓުގައި ހަނި އޭންގަލަކުން ޔާއޯ ކަންސެލޯ ޖެހި ގޯލުން ލީޑު ނެގި އެވެ.، އޭގެ ފަސް މިނިޓު ފަހުން ދެވަނަ ލަނޑު ޖަހައިދިނީ ގޮންސާލޯ ގުއޭޑޭސް އެވެ. މި ދެ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސް ކޮށްދިނީ ބެނާޑޯ ސިލްވާ އެވެ.

ކަންސެލޯ ވަނީ ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ލަނޑު ޖަހައިފަަ އެވެ. ނަމަވެސް އެ މެޗުގައި ދެ ލަނޑު ޖެހި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ރޭގެ މެޗުގައި މާ ރަނގު ކުޅުމެއް ނުދެއްކުނެވެ.

ޔޫއެފާ ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތް ކާމިޔާބު ކުރި ޕޯޗުގަލް، މުބާރާތުގައި މިހާތަނަށް ބަލި ވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ މިދިޔަ ސީޒަނުގައި، ޗެމްޕިއަންކަން ހޯދި ފްރާންސް އަތުން ގުރޫޕް ސްޓޭޖުގައި އަމިއްލަ ގައުމުގައި ކުޅުނު މެޗެވެ.

ލީގުގައި މި މަހު ޕޯޗުގަލް ކުޅޭ ފަހު މެޗު އާދީއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ކުޅޭނީ ސްވިޒަލެންޑާ ދެކޮޅަށެވެ. އަދި އެރޭ ސްޕެއިން އާއި ޗެކް ރިޕަބްލިކް ކުޅޭނީ ސްޕެއިންގެ މަލާގާގެ ދަނޑުގަ އެވެ.