Roadha Mihaaru
ފްރާންސް ކުޅުނު ތިންވަނަ މެޗުން ވެސް މޮޅެއް ނުވި

ނޭޝަންސް ލީގު: ޗެމްޕިއަން ފްރާންސް ކުޅުނު ތިންވަނަ މެޗުން ވެސް މޮޅެއް ނުވި

11 ޖޫން 2022

ވިއޭނާ (ޖޫން 11) - ޔޫއެފާ ނޭޝަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް، ރަލްފް ރަންގްނިކްގެ އިރުޝާދުގެ ދަށުން ލީގު އޭ ގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗު ވެސް 1-1 އިން އެއްވަރުވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ވިއޭނާ (ޖޫން 11) - ޔޫއެފާ ނޭޝަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް، ރަލްފް ރަންގްނިކްގެ އިރުޝާދުގެ ދަށުން ލީގު އޭ ގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗު ވެސް 1-1 އިން އެއްވަރުވެއްޖެ އެވެ.

އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަންކަން ވެސް ހޯދައިފައިވާ ފްރާންސް މި ފަހަރުގެ ނޭޝަންސް ލީގުގައި މިހާތަނަށް ތިން މެޗު ކުޅެފައި ވާއިރު އަދި މޮޅެއް ނުވެ އެވެ. ފުރަތަމަ މެޗުގައި ޑެންމާކު އަތުުން ބަލިވި އިރު، ދެވަނަ މެޗުގައި ކްރޮއޭޝިއާއާ ވާދަކޮށް ވެސް ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

އޮސްޓްރިއާގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖެހީ ވެސް އޮސްޓްރިއާ އިންނެވެ. މެޗުގެ 37 ވަނަ މިނިޓުގައި އާރުބީ ލައިޕްޒިގަށް ކުޅޭ ކޮންރަޑް ލައިމާގެ އެހީތެރިކަމާ އެކު މި ލަނޑު ކާމިޔާބުކުރީ އިނގިރޭސި ދެވަނަ ޑިވިޝަނުގެ ބްރިސްޓޮލް ސިޓީ އަށް ކުޅެމުން އަންނަ 30 އަހަރުގެ ފޯވާޑް އަންޑްރެސް ވީމަން އެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ފްރާންސަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނުކުތް ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. މެޗުގެ 83 ވަނަ މިނިޓުގައި އޭނާއަށް މި ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ، އޭގެ ހަތަރު މިނިޓު ކުރިން ކުޅެން ނުކުތް ފޯވާޑް ކްރިސްޓޮފާ އެންކޫންކޫ އެވެ.

އެމްބާޕޭ ފްރާންސް އަށް އޮސްޓްރިއާ ކައިރިން އެއްވަރު ކޮށްދިން ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

އެމްބާޕޭ ފްރާންސް އަށް އޮސްޓްރިއާ ކައިރިން އެއްވަރު ކޮށްދިން ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ނަތީޖާ އެއްވަރު ކުރުމަށް ފަހު ވެސް ފްރާންސް އިން ވަނީ ލީޑު ނަގަން ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. ނަމަވެސް އެމްބާޕޭ އާއި މިޑްފީލްޑަރު މަޓެއޯ ގުއެންޑޯޒީ ފޮނުވާލި ދެ ހަމަލާ ވެސް ދިފާއު ކުރީ އޮސްޓްރިއާގެ ކީޕަރު ގޯލްކީޕަރު ޕެޓްރިކް ޕެންޓްޒް އެވެ.

މި ނަތީޖާއާ އެކު ހޯދި ދެ ޕޮއިންޓާ އެކު ފްރާންސް އޮތީ ގުރޫޕުގެ ހަތަރު ވަނައިގަ އެވެ. އޮސްޓްރިއާ އާއި ކްރޮއޭޝިއާ އަށް ހަތަރު ޕޮއިންޓް ލިބިފައި ވާއިރު، ފައިދާ ގޯލުގެ ތަފާތުން ދެވަނައިގައި އޮތީ އޮސްޓްރިއާ އެވެ. ރަންގްނިކާ އެކު ފުރަތަމަ މެޗުގައި އޮސްޓްރިއާ ވަނީ ކްރޮއޭޝިއާ ބަލިކޮށްފަ އެވެ.

މި ގުރޫޕުގެ އެއްވަނައިގައި އޮތީ ޑެންމާކެވެ. ނަމަވެސް އަމިއްލަ ފަސްގަނޑުގައި ރޭ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ 1-0 އިން ބަލި ވެފަ އެވެ. އެޓީމު އެއްވަނައިގައި އޮތީ ރަށުން ބޭރުގައި ފްރާންސާއި އޮސްޓްރިއާ ބަލިކޮށްގެން ހޯދި ހަ ޕޮއިންޓާ އެކު އެވެ.

މެޗުގައި ކްރޮއޭޝިއާ އިން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ އެޓަލާންޓާ އަށް ކުޅޭ މިޑްފީލްޑަރު މާރިއޯ ޕަސަލިޗް އެވެ.

ޑެންމާކް އެންމެ އަވަހަށް ދެން ނުކުންނާނީ އަމިއްލަ ގައުމުގައި އޮސްޓްރިއާއާ ދެކޮޅަށެވެ. އަދި ފްރާންސް އަމިއްލަ ދަނޑުގައި ނުކުންނާނީ 2018 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދަން ފައިނަލުގައި ވާދަކުރި ކްރޮއޭޝިއާއާ ދެކޮޅަށެވެ.