Roadha Mihaaru
ޑެންމާކު ކީޕަރުގެ މޫނަށް ލޭޒޭ އެޅުވި މައްސަލަ ބަލަނީ

ޑެންމާކު ކީޕަރުގެ މޫނަށް ލޭޒާ އެޅުވި މައްސަލަ ޔޫއެފާއިން ބަލަނީ

08 ޖުލައި 2021

ލަންޑަން (ޖުލައި 8) - ޔޫރޯގެ ދެ ވަނަ ސެމީ ފައިނަލުގައި، އިންގްލެންޑާއި ޑެންމާކު ރޭ ކުޅުނު މެޗުގައި، ޑެންމާކުގެ ކީޕަރު ކެސްޕާ ޝުމައިކަލްގެ މޫނަށް އިންގްލެންޑުގެ ސަޕޯޓަރުން ލޭޒޭ އަލި އެޅުވި މައްސަލަ ޔޫއެފާއިން ތަހުގީގުކުރަން ފަށައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލަންޑަން (ޖުލައި 8) - ޔޫރޯގެ ދެ ވަނަ ސެމީ ފައިނަލުގައި، އިންގްލެންޑާއި ޑެންމާކު ރޭ ކުޅުނު މެޗުގައި، ޑެންމާކުގެ ކީޕަރު ކެސްޕާ ޝުމައިކަލްގެ މޫނަށް އިންގްލެންޑުގެ ސަޕޯޓަރުން ލޭޒޭ އަލި އެޅުވި މައްސަލަ ޔޫއެފާއިން ތަހުގީގުކުރަން ފަށައިފި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވުމުން، ކުޅުނު އިތުރު ވަގުތުގެ 15 މިނެޓްގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފުގައި އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. ޕެނަލްޓީ ޖަހަން އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ގޮސް ހުރިއިރު، އިންގުލެންޑުގެ ސަޕޯޓަރުން ވަނީ ޝުމައިކަލްގެ މޫނަށް އަމާޒުކޮށްގެން ފެހި ކުލައިގެ ލޭޒާގެ އައްޔެއް އަޅުވައިފަ އެވެ.

ޔޫރޯގެ މެޗުތައް އިނގިރޭސި ވިލާތަށް ބްރޮޑްކާސްޓް ކުރާ އައި ޓީވީން ވަނީ އެ ފުޓޭޖުތައް ދައްކައިފަ އެވެ.

"އެއީ ކޮންމެ ބަޔަކު ކުރާ ކަމަކަށް ވިޔަސް އެކަން އެ ކުރަނީ ގަމާރުންތަކެއް،" އެ މަންޒަރު ޓީވީން ދައްކަމުން ދިޔައިރު އައިޓީވީ ޕްރެޒެންޓަ، މާކު ޕުގާޗު ބުންޏެވެ. "އޭނާ [ޝުމައިކަލް] އަށް އެހެން ހެދުން ހައްގެއް ނޫން. މިކަހަލަ ކަންކަމަކީ އެއްވެސް މީހަކު ދެކެން ބޭނުން ވާނެ ކަންތައްތަކެއް ނޫން."

ވެމްބްލީގައި ކުޅުނު މެޗުގައި އިނގިރޭސި އެފްއޭ އާއި ޔޫއެފާގެ ސައިޓް ޓީމުން ވަނީ ލޭޒާއެއް އޮތީ ކާކުގެ އަތުގައިތޯ ބަލަން މަސައްކަތްކޮށްފަ އެވެ.

ކޭން ޖެހި ޕެނަލްޓީ ޝުމައިކަލް ދިފާއުކުރި ނަމަވެސް ރީބައުންސްވި ބޯޅަ ދެ ވަނަ ފަހަރަށް ކޭން ފޮނުވާލީ ގޯލްގެ ތެރެއަށެވެ.

ރޭގެ މެޗުގައި އިންގްލެންޑްގެ ސަޕޯޓަރުން ހިންގި ގަވައިދާ ހިލާފު ކަންތައްތަކުގެ ތެރެއިން އިތުރު ދެ މައްސަލައެއް ވެސް ޔޫއެފާއިން ވަނީ ބަލަން ފަށައިފަ އެވެ.

އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ މެޗުގެ ކުރިން ދެ ޓީމުގެ ގައުމީ ސަލާމް ކުޅެމުން ދިޔަ ވަގުތު، ގައުމީ ސަލާމަށް މަލާމާތް ކުރުމުގެ ގޮތުން ތުނބުން ފުމެ މަލާމަތުގެ ބަސް މަގު ބޭނުން ކޮށް އިނގިރޭސި ސަޕޯޓަރުން އަޑު ގަދަކުރި މައްސަލަ އެވެ. އަދި އިންގްލެންޑުގެ ސަޕޯޓަރުން ދަނޑުގައި އަލިފާން ބޯޅަ ރޯކުރި މައްސަލަ ވެސް ޔޫއެފާއިން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މައްސަލަ ބެލުމަށް ފަހު ޔޫއެފާއިން ފިޔަވަޅު އަޅާނީ، އެ ޓީމާ ދެކޮޅަށެވެ. މައްސަލަ ތަހްގީގު ކުރަމުންގެންދަނީ ޔޫއެފާގެ އެތިކްސް އެންޑް ޑިސިޕްލިނަރީ ކޮމިޓީންނެވެ.