Roadha Mihaaru
މުސާރައާއެކު ވެސް ޓީޗިންގެ ކޯސްތަކުގެ ޑިމާންޑަށް ބަދަލެއް ނާދޭ

މުސާރަ ބޮޑުކުރިޔަސް ޓީޗިންގެ ކޯސްތަކުގެ ޑިމާންޑަށް ބަދަލެއް ނާދޭ

18 ޖޫން 2022

ޓީޗަރުންގެ މުސާރަ ބޮޑުކުރި ނަމަވެސް ޓީޗިންގެ ކޯސްތަކަށް ކުރިމަތިލާ ދަރިވަރުންގެ އަދަދަށް ބަދަލެއް ނާންނަ ކަމަށް އެ ކޯސްތައް ހިންގާ ބައެއް ކޮލެޖު/ޔުނިވާސިޓީތަކުން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓީޗަރުންގެ މުސާރަ ބޮޑުކުރި ނަމަވެސް ޓީޗިންގެ ކޯސްތަކަށް ކުރިމަތިލާ ދަރިވަރުންގެ އަދަދަށް ބަދަލެއް ނާންނަ ކަމަށް އެ ކޯސްތައް ހިންގާ ބައެއް ކޮލެޖު/ޔުނިވާސިޓީތަކުން ބުނެފި އެވެ.

ފެންވަރު ރަނގަޅު ދިވެހި ޓީޗަރުން ނުލިބޭ މައްސަލަ ހައްލުކުރުމަށް މިދިޔަ މަހުން ފެށިގެން ޓީޗަރުންގެ މުސާރަ ބޮޑުކުރުމުން، ޓީޗިންގެ ކޯސްތަކަށް ތަރުހީބު ބޮޑުވާނެ ކަމަށް މަތީ ތައުލީމް ފޯރުކޮށްދޭ ބައެއް ތަންތަނަށް ގަބޫލުކުރެވުނެވެ.

ނަމަވެސް، ބޮޑު މުސާރަ އިއުލާނުކުރި ފަހުން ހުޅުވާލި އިންޓޭކުން މާ ބޮޑު ބަދަލެއް ނާންނަ ކަމަށް އެ ތަންތަނުން ބުނެ އެވެ.

ރާއްޖޭގައި ޓީޗަރުން ތަމްރީންކުރާ އެންމެ ޒަމާންވީ މަރުކަޒު، ގައުމީ ޔުނިވާސިޓީގެ ރަޖިސްޓްރާ އަހުމަދު ޟާމިރު ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުކުރުމުން، ޓީޗިންގެ ކޯސްތަކަށް ޑިމާންޑު ބޮޑުވާނެ ކަމަށް ބެލެވުނު ކަމަށެވެ. ނަމަވެސް އަންނަ އޮގަސްޓް މަހު ފަށާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލިތާ މަހެއް ވާން އުޅޭއިރު ވެސް އެއްވެސް ތަފާތެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންރޯލްމަންޓް އަދި ވެސް ވަރަށް ދަށް. އުއްމީދުކުރެވުނީ ސެކަންޑްރީ އަދި ޕްރައިމަރީ ޓީޗިންނަށް ވެސް މި ފަހަރު ގިނަ ކުދިން ކުރިމަތިލާނެ ކަމަށް،" ޟާމިރު ވިދާޅުވި އެވެ.

އެމްއެންޔޫގައި ޓީޗިންގެ ކޯސްތަކަށް ވެސް އެއް އަހަރުން އަނެއް އަހަރަށް ކުރިމަތިލާ ދަރިވަރުންގެ އަދަދު ދަނީ ދަށްވަމުންނެވެ. ޓީޗިންނާއި އެޑިއުކޭޝަންގެ އެކި ޕްރޮގްރާމްތަކުގައި 2017 ވަނަ އަހަރު 1،673 ދަރިވަރުން ތިއްބަސް މިދިޔަ އަހަރު ނިމުނުއިރު އެ އަދަދު ހުރީ 687ގަ އެވެ.

އެމްއެންޔޫގެ މި އަހަރުގެ ދެ ވަނަ އިންޓޭކް އަންނަ އޮގަސްޓް މަހު ފަށާނެ އެވެ.

ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވެސް ވިދާޅުވީ މިދިޔަ މެއި މަހު އިންޓޭކަށް ހުޅުވާލުމުން ޓީޗިންނަށް ޑިމާންޑެއް އޮންނާނެ ކަމަށެވެ. އެކަމަކު، އެ ކޮލެޖުގެ ޓީޗިން އެޑްމިޝަނަށް ވެސް ބަދަލެއް ނާންނަ ކަމަށް ޑރ. ނަޖީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކޮލެޖުގެ ކޯސްތަކަށް އިއުލާންކުރުމުން ކޮންމެ އިންޓޭކަކަށް ވެސް ޓީޗިންގެ އެކި ކޯސްތަކަށް 200 އެއްހާ ދަރިވަރުން ކުރިމަތިލާ ކަމަށެވެ.

"މި ފަހަރު ވެސް ބަދަލެއް އައިސްފައެއް ނެތް ވަކި. އަންނަ ސެޕްޓެމްބަރު އިންޓޭކުގައި ބަދަލެއް ފެނިދާނެ ކަމަށް ބެލެވޭ. އާއްމުކޮށް ޖެނުއަރީ އަދި ސެޕްޓެމްބަރު މަހުގެ އިންޓޭކަށް ކުރިމަތިލާ ދަރިވަރުންގެ އަދަދު ރަނގަޅު،" ޑރ. ނަޖީބު ވިދާޅުވި އެވެ.

އެކަމަކު އެވިޑް ކޮލެޖުން ބުނީ މިދިޔަ މަހު އިއުލާންކުރި އިންޓޭކްގެ ޓީޗިން ކޯސްތަކަށް، އެހެން ފަހަރުތަކަށް ވުރެ ގިނަ މީހުން ކުރިމަތިލި ކަމަށެވެ.

"ޕްރިންސިޕަލުން ވެސް ގުޅާފައި އެބަ ބުނޭ ތިމަންނަމެންގެ މިވެނި ވަރަކަށް މުވައްޒަފުން އެބަތިއްބޭ ކިޔަވަން ބޭނުންވޭ. ޑިގްރީއަށް އެންމެ ބާރުބޮޑީ،" އެ ކޮލެޖުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ރޭންކް އެކެއްގައި ހިމެނޭ ޑިޕްލޮމާ ލެވެލްގެ ޓީޗަރަކަށް 13،266ރ، ރޭންކް ދޭއްގައި ހިމެނޭ ޑިގްރީ ލެވެލްގެ ޓީޗަރަކަށް 19،467ރ. އަދި ރޭންކް ތިނެއްގެ މާސްޓާސް ލެވެލްގެ ޓީޗަރަކަށް 20،895ރ. ލިބޭނެ އެވެ.