Roadha Mihaaru

އާ ކަންތައްތަކާ އެކު ތައުލީމީ އާ އަހަރު ފަށައިފި

13 ޖެނުއަރީ 2019

ދޮޅު މަހަށް ވުރެ ދިގު ބޮޑު ޗުއްޓީއަށް ފަހު، 73،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު މިއަދު ތައުލީމީ އާ އަހަރުގެ ކިޔެވުން މުޅި ރާއްޖޭގައި މި ވަނީ ފަށައިފަ އެވެ. ސަރުކާރުން ދަރިވަރުންނަށް ހިލޭ ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ވެސް މިއަދު ބައެއް ސްކޫލްތަކުގައި އިފްތިތާހުކޮށްފި އެވެ. ތާރީހީ އެ ހޭދައާ އެކު، އާ ސަރުކާރުގެ ފުރަތަމަ ތައުލީމީ އަހަރާ މެދު އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހުންނެވީ އުއްމީދުގަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދޮޅު މަހަށް ވުރެ ދިގު ބޮޑު ޗުއްޓީއަށް ފަހު، 73،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު މިއަދު ތައުލީމީ އާ އަހަރުގެ ކިޔެވުން މުޅި ރާއްޖޭގައި މި ވަނީ ފަށައިފަ އެވެ. ސަރުކާރުން ދަރިވަރުންނަށް ހިލޭ ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ވެސް މިއަދު ބައެއް ސްކޫލްތަކުގައި އިފްތިތާހުކޮށްފި އެވެ. ތާރީހީ އެ ހޭދައާ އެކު، އާ ސަރުކާރުގެ ފުރަތަމަ ތައުލީމީ އަހަރާ މެދު އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހުންނެވީ އުއްމީދުގަ އެވެ.

"ވަރަށް ބޮޑަށް މަސައްކަތް ކޮށްދޭނަން ވަށައި ޖެހޭ ތައުލީމެއް ލިބިފައިވާ ކުދިންތަކަކަށް އެ ކުދިން ހަދައިދޭން،" އާ ތައުލީމީ އަހަރުގެ ތައްޔާރީތަކާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު މިދިއަ ބުރާސްފަތިދުވަހު، "މިހާރު" އަށް ޑރ. އައިޝަތު ވިދާޅުވި އެވެ.

އަހުމަދިއްޔާ ސުކޫލުގެ ދަރިވަރުންތަކެއް މިދިޔަ އަހަރުގެ ފަހު ޓާމުގެ ރިޕޯޓު ފޮތާ އެކު--- ފޮޓޯ: ނިޝާން އަލީ/މިހާރު

އަހުމަދިއްޔާ ސުކޫލުގެ ދަރިވަރުންތަކެއް މިދިޔަ އަހަރުގެ ފަހު ޓާމުގެ ރިޕޯޓު ފޮތާ އެކު--- ފޮޓޯ: ނިޝާން އަލީ/މިހާރު

ދަރިވަރުންނަށް މަރުހަބާ ކިޔަން ސްކޫލްތަކުގެ މުވައްޒަފުން ތިބީ ތައްޔާރުވެގެންނެވެ. ގިނަ ސްކޫލްތަކަކަށް ބޭނުންވާ މަރާމާތުތައް ނިންމައި، އާ ބައެއް ވަސީލަތްތައް ވެސް ބައެއް ސްކޫލްތަކުގައި ގާއިމްކުރި އެވެ. އެންމެ ފަހުގެ މަސައްކަތްތައް ނިންމަން ރޭ ވެސް، ބައެއް ސްކޫލްތަކުގައި މަސައްކަތްކުރި އެވެ.

އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް އަހުމަދު މުޖާހިދު ވިދާޅުވީ ތައުލީމީ އާ އަހަރަށް ކުރިމަތިލާއިރު، އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް، ވަރަށް ގިނަ އަމާޒުތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި އިތުރު ހަރަކާތްތަކުގެ މަގުސަދު ހާސިލްކުރެވޭނެ ގޮތަށް ކަންކަން ރޭވުމާއި ރާއްޖޭގެ ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ އަސާސްތައް ކުދިންނަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުން ހިމެނެ އެވެ.

އެކަމަށްޓަކައި އެ ސްކޫލްގެ ޓީޗަރުން ތިބީ ތައްޔާރުވެގެންނެވެ. އިމާދުއްދީންގެ ލީޑިން ޓީޗަރު އަބްދުﷲ އަބްދުލްކަރީމްގެ ނަޒަރުގައި ކުރީ އަހަރުތަކަށް ވުރެ މި އަހަރު އެ ސްކޫލުން ތަފާތުތަކެއް ފެނިގެންދާނެ އެވެ. އެގޮތުން ފިލާވަޅުތަކަށް ކުދިންގެ ޝައުގު ބޮޑުކުރުމުގެ ބައެއް ފިޔަވަޅުތަކަށް ޓީޗަރުން ތައްޔާރުވި ތައްޔާރުވުން އޭނާ ކިޔައިދެއްވި އެވެ.

"ޓީޗަރުންނަށް މިހާރު ވާނީ ކޯޑިނޭޝަން މީޓިންތައް ބާއްވާފައި. ފިލާވަޅުތަކަށް ޝައުގުވެރިކުރުމަށް ގެންދާނެ ތަފާތު އެކްޓިވިޓީތައް ރާވައި ކްލާސްރޫމުގަ އާއި ކްލާސްރޫމުން ބޭރުގައި އެ ކުދިން ޝައުގުވެރިކުރުވާނެ ކަންތައްތައް ކުރެވިފައި މިހާރު ވާނީ،" ގްރޭޑް 1-4 ގެ ލީޑިން ޓީޗަރު ވިދާޅުވި އެވެ.

ހަމައެކަނި އިމާދުއްދީން ސްކޫލެއް ނޫނެވެ. އެހެން ސްކޫލްތަކުން ވެސް އާ އަހަރުގެ ކިޔެވުމަށް ތަފާތު ވިސްނުންތަކުގެ ބޭނުންހިފަން ޓީޗަރުންނާއި މެނޭޖްމަންޓުން ރާވާފައިވެ އެވެ.

އިމާދުއްދީން ސްކޫލުގެ ދަރިވަރުން -ފޮޓޯ: ނިޝާން އަލީ/ މިހާރު

އިމާދުއްދީން ސްކޫލުގެ ދަރިވަރުން -ފޮޓޯ: ނިޝާން އަލީ/ މިހާރު

އިސްކަންދަރު ސްކޫލުގެ ލީޑިން ޓީޗަރު އިބްރާހިމް މުޒާހު އުއްމީދުކުރައްވަނީ މިިދިޔަ އަހަރަށް ވުރެ މި އަހަރު ހުރިހާ ގޮތަކުން ވެސް ކާމިޔާބު ވާނެ ކަމަށެވެ. ތައުލީމާއި އިތުރު ހަރަކާތްތަކުން ވެސް ބޭނުންވަނީ، އޭނާ ވިދާޅުވި ގޮތުގައި، މިދިއަ އަހަރަށް ވުރެ މި އަހަރުގެ ކާމިޔާބީތައް މަތިކުރާށެވެ.

ސްކޫލްގެ "ޑިޕާޓްމަންޓްތައް ބައިވެރިވެގެން ސަބްޖެކްޓުތަކާއި ކުދިންނާ ގުޅޭ އެކިއެކި ކަންތައްތައް ކުރަން ނިމިފައި މިވަނީ،" މުޒާހު ވިދާޅުވި އެވެ.

އިސްލާމީ އަގީދާ އާއި ރަނގަޅު އަހުލާގެއްގެ މަތީގައި!

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ވިދާޅުވި ގޮތުގައި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ އިސްލާމީ އަގީދާގެ މަތީގައި ދެމިތިބި، އަޚުލާގު ރަނގަޅު ކުދިންތަކެއް ބިނާކުރުމެވެ. އޭގެ އިތުރުން ކުޅިވަރާއި އެހެން ހުނަރުތައް ތަރައްގީކުރުމުގެ ބަޔަށް އިތުރު ސަމާލުކަމެއް ދޭން، މިނިސްޓްރީން ބޭނުންވެ އެވެ.

"ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭނަން ކުޅިވަރު ވެސް ކިޔެވުމުގެ ތެރެއަށް ވައްދަން. ހަމައެކަނި ކިޔެވުމަކީ އިމްތިހާނަށް ތައްޔާރުވުމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

"ބޭނުންވަނީ އޭގެ އިތުރުން ދަރިވަރަށް ބޭނުންވާ ހުނަރުތައް، ރަނގަޅު ދިރިއުޅުމެއް އުޅުމަށް އެ ކުއްޖާއަށް ބޭނުންވާ ހުރިހާ ހުނަރުތަކެއް ތައުލީމީ ނިޒާމުގެ ތެރެއިން، ސްކޫލުގެ ތެރެއިން އެ ކުއްޖާއަށް ދަސްކޮށްދިނުން."

އޭނާ ވިދާޅުވި ގޮތުގައި އަބަދުވެސް އެންމެ ބޮޑު ގޮންޖެހުމަކީ ހުރިހާ ހިސާބެއްގައި އެއް ފެންވަރަކަށް ތައުލީމް ފޯރުކޮށްދިނުމެވެ. ރާއްޖެ އުފެދިފައިވާ ގޮތުން އެކަމަށް ހުރަސްތަކެއް ދިމާވިޔަސް، ޑރ. އައިޝަތު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އެއް ފެންވަރެއްގެ ތައުލީމް ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ދިރާސީ އާ އަހަރާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިރާސީ އާ އަހަރާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި އަހަރުގެ ތައުލީމީ ބަޖެޓަކީ ތިން ބިލިއަން ރުފިޔާ އެވެ. ބައެއް ސްކޫލްގައި ހިލޭ ހެނދުނުގެ ނާސްތާ ދޭން ފެށުމުގެ އާ ސަރުކާރުން ވަނީ ގިނަ ސްކޫލުތަކެއްގެ ކިޔެވުން އެއް ދަންފަޅިއަށް ވެސް ބަދަލުކޮށްފަ އެވެ.

މި އަހަރު 200 ދުވަހު ކިޔަވައިދޭ ގޮތަށް، ތައުލީމީ ކަލަންޑަރުގައި ވަނީ ހަމަޖައްސައިފަ އެވެ.