Roadha Mihaaru
ޕީއެސްއައިޕީ މަޝްރޫއުތަކަށް 2.5 ބިލިއަން ހޭދަކޮށްފި

ޕީއެސްއައިޕީ މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާ ހޭދަކޮށްފި

18 ޖޫން 2022

މިދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ޕީއެސްއައިޕީ މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ޕީއެސްއައިޕީ މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކުރީ ނަރުދަމާގެ މަޝްރޫއުތަކާއި ބަނދަރުތައް ހެދުމަށެވެ. ނަރުދަމާގެ މަސައްކަތްތަކަށް 370 މިލިއަން ރުފިޔާ، ރަށްރަށުގެ ބަނދަރު ހެދުމަށް 360 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމާއި ކުނި މެނޭޖް ކުރުމުގެ މަޝްރޫއުތަކަށް ހޭދަކުރީ 350 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ހޭދަކުރީ 1.4 ބިލިއަން ރުފިޔާ އެވެ. އެހެންވެ، މި އަހަރުގެ މިހާތަނަށް ޕީއެސްއައިޕީ އަށް ހޭދަކޮށްފައިވަނީ މިދިޔަ އަހަރަށް ވުރެ 50 ޕަސެންޓް އިތުރު އަދަދެކެވެ.

ޕީއެސްއައިޕީ މަޝްރޫއުތައް ކަނޑައެޅުމުގައި މި އަހަރު އިސްކަންދޭނީ ދިވެހި ކުންފުނިތަކަށް ކަމަށް މިދިޔަ އަހަރުގެ ބަޖެޓު އިއުލާނުކުރި އިރު ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ. ދިވެހި ކުންފުނިތަކަށް ހަމައެކަނި ކުރިމަތިލެވޭ ގޮތަށް ޕްރޮކިއުމެންޓް ޕޮލިސީ އަށް ބަދަލު ވަނީ ގެނެސްފަ އެވެ.

ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހިންގުމަށް ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި 6.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެ މަޝްރޫއުތަކަށް ދެން ބާކީ ހޭދަކުރާނީ 3.9 ބިލިއަން ރުފިޔާ އެވެ.