Roadha Mihaaru
ކެޕިޓަލް ހަރަދު 1.5 ބިލިއަން ރުފިޔާ ދަށް

ރިކަރަންޓު ހަރަދު އިތުރު އެކަމަކު ކެޕިޓަލް ހަރަދު 1.5 ބިލިއަން ރުފިޔާ ދަށް

02 އެޕްރީލް 2024

މި އަހަރުގެ މިހާތަނަށް ދައުލަތް ހިންގުމުގެ ހަރަދު މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވި ނަމަވެސް ކެޕިޓަލް ހަރަދުތައް 1.5 ބިލިއަން ރުފިޔާ ދަށްވެފައިވާ ކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މި އަހަރުގެ މިހާތަނަށް ދައުލަތް ހިންގުމުގެ ހަރަދު މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވި ނަމަވެސް ކެޕިޓަލް ހަރަދުތައް 1.5 ބިލިއަން ރުފިޔާ ދަށްވެފައިވާ ކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހާ ހަމައަށް ޖުމްލަ ހަރަދުގެ ގޮތުގައި 8.94 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 1.45 ބިލިއަން ރުފިޔާގެ މަދުވުމެކެވެ.

އެކަމަކު ޖުމްލަ ހަރަދުން މި އަދަދު މަދުވެފައިވަނީ ކެޕިޓަލް ހަރަދު ވަރަށް ބޮޑަށް ކުޑަވެފައިވުމުގެ ސަބަބުންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ހަރަދަށް 3.64 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މި އަހަރު އެ އަދަދު ވަނީ 2.06 ބިލިއަން ރުފިޔާ އަށް ވެއްޓިފައި އެވެ.

މި މުއްދަތުގައި ކެޕިޓަލް ހަރަދުގެ ތެރޭގައި ހިމެނޭ ޕީއެސްއައިޕީ އަށް ކުރި ހޭދަ ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު، ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިދިޔަ އަހަރު ޕީއެސްއައިޕީ އަށް 2.88 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި ހޭދަކޮށްފައިވަނީ 1.13 ބިލިއަން ރުފިޔާ އެވެ.

ކެޕިޓަލް ހަރަދު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އިން ދަށްވެފައި ވިޔަސް، މިދިޔަ އަހަރާ އަޅާބަލާއިރު ރިކަރަންޓް ހަރަދުވަނީ އިތުރުވެފަ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ޖުމްލަ ރިކަރަންޓް ހަރަދު 6.75 ބިލިއަން ރުފިޔާގައި ހުރިއިރު، އެ އަދަދު މި އަހަރު ވަނީ 6.88 ބިލިއަން ރުފިޔާއަށް އިތުރުވެފައި އެވެ.

މި މުއްދަތުގައި ލިބުނު އާމްދަނީއަށް ބަލާއިރު، މިދިޔަ އަހަރަށް ވުރެ އާމްދަނީ ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު 7.75 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރު ވަނީ 7.88 ބިލިއަން ރުފިޔާ ލިބިފަ އެވެ. އެ ފަރަގުގެ ބޮޑު ބައެއް ހިއްސާކުރަނީ މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ޓެކްސް އާމްދަނީ ގާތްގަނޑަކަށް 500 މިލިއަނެއްހާ ރުފިޔާގެ އިތުރުވުމަށެވެ.

ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްފައިވަނީ 49.86 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.