Roadha Mihaaru
އޯޕެކުން ރާއްްޖެއަށް 50 މިލިޔަން ޑޮލަރުގެ ލޯނެއް ދީފި

ފެނާއި ނަރުދަމާ އަދި ބަނދަރު ހަދަން އޯޕެކް ފަންޑުން 50 މިލިޔަން ޑޮލަރުގެ ލޯނެއް ދީފި

16 ޖެނުއަރީ 2020

އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮޕިޑް) އިން ރާއްޖެއަށް 50 މިލިޔަން ޑޮލަރު (771 މިލިއަން ރުފިޔާ) ލޯނެއް ދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮޕިޑް) އިން ރާއްޖެއަށް 50 މިލިޔަން ޑޮލަރު (771 މިލިއަން ރުފިޔާ) ލޯނެއް ދީފި އެވެ.

ހޮޓެލް ޖެންގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ލޯނު އެެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީނެވެ. އޮޕިޑްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ޑރ. އަބްދުލްް ހާމިދު އަލް ޚަލީފާ އެވެ.

އޭގެ ފަހުން އޮތް ނޫސްކޮންފަރެންސްގައި އަމީރު ވިދާޅުވީ މިއީ ހަތަރު ޕަސެންޓްގެ އިންޓަރެސްޓް ރޭޓަކާ އެކު 20 އަހަރު ދުވަހުން ދައްކާ ގޮތަށް ނެގި ލޯނެއް ކަމަށެވެ. ލޯން ދައްކަން ފަށަން ޖެހޭނީ ފަސް އަހަރު ފަހުންނެވެ.

އަމީރު ވިދާޅުވި ގޮތުގައި މި ލޯނުން ހަދަރުކުރާނީ އަށް ރަށެއްގެ ފެނާއި ނަރުދަމާ އާއި ފަސް ރަށެއްގެ ބަނދަރު މަރާމާތު ކުރާށެވެ. އެގޮތުން ފެނާއި ނަރުދަމާ އަޅާނީ ހދ. ނެއްލައިދޫ، ނޭކުރެންދޫ، މަކުނުދޫ، ށ. ފޭދޫ، ބ. ކެންދޫ، ދަރަވަންދޫ، ގދ. ވާދޫ އަދި އެ އަތޮޅު ފިޔޯރީގަ އެވެ.

ބަނދަރު މަރާމާތު ކުރަން ހަމަޖެހިފައި ވަނީ ބ. ކުޑަރިކިލު، ދޮންފަނު، ކިހާދޫ، ގއ. ކޮލަމާފުށި އަދި ގދ. ހޯޑެއްދޫގަ އެވެ.

އަމީރު ވިދާޅުވީ އެ މަޝްރޫއުގެ ފައިދާ 20،000 އަށް ވުރެ ގިނަ މީހުންނަށް ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ލޯނު ބޭނުންކުރަނީ މި އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ މަޝްރޫއުތަކަކަށް ކަމަށާއި އެ މަސައްކަތްތައް ބީލަމަށް ހުޅުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އޯޕެކް ފަންޑުން ރާއްޖެއަށް ދޭ 50 މިލިޔަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި އެޖަމާއަތުގެ ޑިރެކްޓަ ޖެނެރަލް އަބްދުލް ހާމިދު އާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވަނީ --ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އަޅުގަނޑުމެން މިހާރު ވަނީ ޓެންޑަރިން ޕްރޮސެސް ފަށާފައި. އެއީ މި ހުރިހާ ކަމެއް ވެސް މިއީ ބަޖެޓްގައި ހިމަނާފައި ހުރި ކަންތައްތައް ވީމާ. އަޅުގަނޑުުމެން ތިބީ ލޯނު ލިބެންދެން. އެހެންވީމާ މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.