މިހާރު ކުރިއަށްދާ އެމްޓީސީސީ ނޯތު ލީގުގެ ދެވަނަ ޑިވިޝަނުހައި ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން ފަސޭހަ ކަމާ އެކު 7-0 އިން ޓީމެ ނެއްލައިދޫ ބަލިކުރި އިރު، ފަހުވަގުތު ހުސެއިން ޒިމްޔާނު ފުރިހަމަކުރި ހެޓްރިކުން ދިއްދޫ ބްލެކް ޒީނޯ (ބީއެކްސް) ސްޕޯޓްސް ކުލަބު، ޓީމް ހަނިމާދޫ އަތުން މުހިއްމު ތިން ޕޮއިންޓް ހޯދައިފި އެވެ.
19 ޖޫން 2022
މިހާރު ކުރިއަށްދާ އެމްޓީސީސީ ނޯތު ލީގުގެ ދެވަނަ ޑިވިޝަނުހައި ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން ފަސޭހަ ކަމާ އެކު 7-0 އިން ޓީމެ ނެއްލައިދޫ ބަލިކުރި އިރު، ފަހުވަގުތު ހުސެއިން ޒިމްޔާނު ފުރިހަމަކުރި ހެޓްރިކުން ދިއްދޫ ބްލެކް ޒީނޯ (ބީއެކްސް) ސްޕޯޓްސް ކުލަބު، ޓީމް ހަނިމާދޫ އަތުން މުހިއްމު ތިން ޕޮއިންޓް ހޯދައިފި އެވެ.
މި ނަތީޖާއާ އެކު ޒިގްޒެގް އޮތީ ކުޅުނު ފުރަތަމަ ދެ މެޗު ވެސް ކާމިޔާބުކޮށް، ހަ ޕޮއިންޓާ އެކު ގުރޫޕުގެ އެއްވަނައިގަ އެވެ. ދެވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ އިއްޔެ ޓީމް ހަނިމާދޫއާ ވާދަކޮށް 3-2 އިން މެޗު ކާމިޔާބުކުރި ދިއްދޫ ބީއެކްސް ސްޕޯޓްސް ކުލަބެވެ.
ހަނިމާދޫ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް ހަނިމާދޫންނެވެ. މެޗުގެ 30 ވަނަ މިނިޓުގައި އަބްދުﷲ ވާސިރު ހަނިމާދޫގެ ފުރަތަމަ ލަނޑު ޖަހައިދިން އިރު ދެވަނަ ލަނޑު 51 ވަނަ މިނިޓުގައި ޖެހީ، ޒިގްޒެގާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމަށް ލަނޑު ޖަހައިދިން އާސިފް ސަލީމެވެ.
ބީއެކްސް ސްޕޯޓްސް އަށް ފަހަތުން އަރައި ތިން ލަނޑު ޖަހައިދީ މެޗު ކާމިޔާބު ކޮށްދިނީ ހުސެއިން ޒިމްޔާނެވެ. އޭނާ ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްދިނީ އެޓީމުން ދެވަނަ ލަނޑު ޖެހިތާ ތިން މިނިޓު ތެރޭ؛ 54 ވަނަ މިނިޓުގަ އެވެ. އަދި ނަތީޖާ އެއްވަރު ކޮށްދިން ލަނޑު ޖަހައިދިނީ 77 ވަނަ މިނިޓުގަ އެވެ. ޒިމްޔާން އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ޓީމުގެ ފުރަތަމަ ތިން ޕޮއިންޓް ޔަގީން ކުރީ 89 ވަނަ މިނިޓުގަ އެވެ.
މެޗު ނިމެނިކޮށް ހަނިމާދޫ (ނޫކުލައިގެ ޖޯޒީގައި) ކޮޅަށް ބީއެކްސް ސްޕޯޓްސް މޮޅުވި ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: ޓީމް ހަނިމާދޫ
ދިއްދޫ ފުޓުބޯޅަ ދަނޑުގައި ތަފާތު ބޮޑުކޮށް އިއްޔެ ހަވީރު ޒިގްޒެގުން ނެއްލައިދޫ ބަލިކުރި މެޗުގައި އެޓީމުގެ މުހައްމަދު ނަޝީދު ވެސް ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.
ޒިގްޒެގަށް މެޗުގައި ލީޑު ލިބުނީ ހަތަރު ވަނަ މިނިޓުގައި ނެއްލައިދޫގެ މުހައްމަދު އާދަމް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. ބައިކޮޅަށް ވަން ލަނޑުން އެޓީމު ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑަކާ އެކު އެވެ. ނަމަވެސް ދެވަނަ ހާފުގައި ޒިގްޒެގުން ވަނީ ހަ ގޯލު ޖަހައި ފުރިހަމަ މޮޅެއް ހޯދައިފަ އެވެ.
ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި ޒިގްޒެގުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ، އުސެއިދު އަލީ އެވެ. އަދި ތިންވަނަ ލަނޑު 74 ވަނަ މިނިޓުގައި ޖަހައިދިނީ އުސެއިދުގެ ބަދަލުގައި ކުޅެން ނުކުތް އަހުމަދު ޝާހީން ބަޝީރެވެ.
ޒިގްޒެގަށް ހެޓްރިކް ހަދައިދިން ނަޝީދު ބޯޅަ ހިފައިގެން ކުރިއަށް ދާން މަސައްކަތް ކުރަނީ.-- ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް
ކުޅުދުއްފުށީ ޒިގްޒެގް ޓީމުގެ މުހައްމަދު ނަޝީދު އޭނާގެ ހެޓްރިކް ފުރިހަމަކުރީ އެންމެ އަށް މިނިޓު ތެރޭގަ އެވެ. އޭނާގެ ފުރަތަމަ ލަނޑު 84 ވަނަ މިނިޓުގައި ކާމިޔާބު ކުރި އިރު، ދެވަނަ ލަނޑު ޖެހީ 89 ވަނަ މިނިޓުގަ އެވެ. އަދި ތިންވަނަ ލަނޑާ އެކު ހެޓްރިކް ފުރިހަމަ ކުރީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓުތެރޭގަ އެވެ.
ނަޝީދުގެ ހެޓްރިކަށް ފަހު އެޓީމުގެ ހަތްވަނަ ލަނޑު އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ޒައިދު މުހައްމަދެވެ. ޒައިދާއި، ނަޝީދު އަދި އުސެއިދު ވަނީ އެޓީމުގެ ފުރަތަމަ މެޗުގައި ޓީމް ހަނިމާދޫ ކޮޅަށް ވެސް ލަނޑު ޖަހައިފަ އެވެ.
ނޯތު ލީގުގައި ދެން މެޗެއް ކުޅޭނީ މާދަމާ އެވެ. ހަނިމާދޫ ޒިގްޒެގުން އެޓީމުގެ ތިންވަނަ މެޗުގައި މާދަމާ ވާދަކުރާނީ އިހަވަންދޫ ކްލަބް ޕޯލް ސްޓާއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ ދިއްދޫ ދަނޑުގަ އެވެ. ހަނިމާދޫ ދަނޑުގައި ޓީމް ހަނިމާދޫ ނުކުންނާނީ ޓީމް ނެއްލައިދޫއާ ދެކޮޅަށެވެ.
ފަހަތުންއަރައި އިހަވަންދޫ ބަލިކޮށް ދިއްދޫ ލީޑުފުޅާކޮށްފި
މެޗަކުން މޮޅު ނުވެ ޓީމް ނެއްލައިދުއަށް ސީޒަން ނިމިއްޖެ
ކުޅުދުއްފުށި ބަލިކޮށް ދިއްދޫ އެއްވަނައަށް ޖެހިލައިފި
އުތުރު ލީގުގެ ފުރަތަމަ މޮޅު ކުޅުދުއްފުއްްޓަށް
ހއ. އާއި ހދ. ގައި އެމްޓީސީސީ ލޯންޗް ފެރީ ފަށައިފި
ހދ.ގެ ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އަތުވެއްޖެ
ރައީސަށް މަރުހަބާ ކިޔަން ގިނަ ބަޔަކު އެއްތަންވުން މަނާ
އުތުރުގެ ތިން ރަށަކަށް ރައީސް ވަޑައިގަންނަވަނީ
ބާ ބަސްތަކަކާ ޓްރާންސްޕޯޓުން ހަވާލުވި މައްސަލައެއް!
އުތުރުގެ ތިން ރަށެއްގައި ހިނގާލުމާއި ހަވާ އެރުވުން