Roadha Mihaaru
ބާ ބަސްތަކަކާ ޓްރާންސްޕޯޓުން ހަވާލުވި މައްސަލައެއް!

ބާ ބަސްތަކަކާ ޓްރާންސްޕޯޓުން ހަވާލުވި މައްސަލައެއް ފެންމަތިވެއްޖެ!

16 ޑިސެމްބަރ 2020

ހދ. ކުޅުދުއްފުއްޓާއި އެ އަތޮޅު ހަނިމާދޫ އެއާޕޯޓަށް، ފަސިންޖަރުން އުފުލާ ދެ ބަސް ހޯދަން ހަވާލުކުރި ކުންފުނިން އެއްބަސްވުމާ ޚިލާފަށް ބާ ބަސްތަކެއް ގެނައި ކަމުގެ ޝަކުވާ ބޮޑުވުމުން، އެ ބަސްތައް މަރާމާތުކޮށްފައި ދިނުމުން ޓްރާންސްޕޯޓް މިނިސްޓްރީން އެއާ ހަވާލުވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހދ. ކުޅުދުއްފުއްޓާއި އެ އަތޮޅު ހަނިމާދޫ އެއާޕޯޓަށް، ފަސިންޖަރުން އުފުލާ ދެ ބަސް ހޯދަން ހަވާލުކުރި ކުންފުނިން އެއްބަސްވުމާ ޚިލާފަށް ބާ ބަސްތަކެއް ގެނައި ކަމުގެ ޝަކުވާ ބޮޑުވުމުން، އެ ބަސްތައް މަރާމާތުކޮށްފައި ދިނުމުން ޓްރާންސްޕޯޓް މިނިސްޓްރީން އެއާ ހަވާލުވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެއާޕޯޓުގެ ދަތުރުތަކަށް ދެ ބަސް ގެންނަން ރީޖަނަލް އެއާޕޯޓްސް އިން މިދިޔަ އަހަރުގެ ތެރޭގައި ހަވާލުކުރީ ފަޔަ ޕްރޯ މޯލްޑިވްސްއާ އެވެ. އެއް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު މި މަޝްރޫއުގައި، އަގު ހެޔޮކޮށް ބާ ބަސްތަކެއް ރާއްޖެ އެތެރެކޮށް ހަވާލުކުރި ކަމުގެ ތުހުމަތު ދޮގުކުރަމުން އެ ކުންފުނިން ބުނީ އެއީ "ސިޔާސީ އިލްޒާމެއް" ކަމަށެވެ.

މި މައްސަލަ ބަލަން އެކުލަވާލި އިންސްޕެކްޝަން ޓީމުގެ ރިޕޯޓުގައި ބަސްތަކުގެ ހާލަތު ފޮޓޯތަކާ އެކު ކިޔައިދީފައިވެ އެވެ. ދެ ބަހަކީ ވެސް ކުރިން ބޭނުންކުރުމުގެ ސަބަބުން އެތެރެ ހަޑިވެ ބޭރުން ގެއްލުން ލިބި، އިންޖީނުގައި ވެސް ދަބަރު ޖަހާފައިވާ ދެ ވެހިކަލް ކަމަށް ރިޕޯޓުގައިވެ އެވެ.

އާއްމުކޮށް ހުޅުވާލި ބީލަން ފަޔާ ޕްރޯ މޯލްޑިވްސްއާ ހަވާލުކުރީ އެންމެ ކުޑަ އަގު ހުށަހަޅައި ބީލަން ކާމިޔާބު ކުރުމުންނެވެ. އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި ގޮތުން ނަމަ، ދެ ބަސް ބޭރުން ގެންނަން ހުށަހެޅީ ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާ އަށެވެ. ޓްރާންސްޕޯޓުން ބޭނުންވާ ސްޕެސިފިކޭޝަނާ އެއްގޮތަށް، ކުޅުދުއްފުއްޓަށް 30 މީހުންގެ ޖާގަ އަދި ހަނިމާދު އަށް ހޯދަން އެއްބަސްވީ 15 މީހުންގެ ޖާގައިގެ ބަހެކެވެ.

އިންސްޕެކްޝަން ޓީމަށް ފެނުނީ ފަޔަ ޕްރޯއިން ހުށަހަޅައި ރީޖަނަލް އެއާޕޯޓްސް އިން އެއްބަސްވި ގޮތާ ޚިލާފުވެ، ބަސްތައް ގެނައުމުގައި ހުރިހާ ގޮތަކުން ވެސް އޮޅުވާލާފައި އޮތް ތަނެވެ.

ރިޕޯޓުގައި ހިމަނާފައިވާ ދެ ބަހުގެ ފޮޓޯތައް.

ރިޕޯޓުގައި ހިމަނާފައިވާ ދެ ބަހުގެ ފޮޓޯތައް.

ކުޅުދުއްފުއްޓަށް ގެނައި ބަހުގެ ސީޓިން ކެޕޭސިޓީ އަކީ ބަރިއެއްގައި ތިން މީހުންގެ ޖާގަ ކަމަށް ޖަހާފައި އޮތަސް އެއީ ދެ މީހުންގެ ޖާގައަށް ވާތީ 30 މީހުންނަކަށް އެއްފަހަރާ އޭގައި ދަތުރެއް ނުކުރެވޭނެ ކަމަށް ރިޕޯޓުގައިވެ އެވެ. ބަސްތަކުގެ ފޮޓޯތަކުން ވެސް ފެންނަ ގޮތުގައި ބަހުގެ އިންޖީނާ އެކު ބައެއް ތަންތަނުގައި ހުރީ ދަބަރު ޖަހައިފަ އެވެ. އެއީ، ކަނޑުމަގުން ގެނެސްގެން ޖެހި ދަބަރު ކަމަކަށް ނުބެލެވޭ ކަމަށް ރިޕޯޓުގައިވެ އެވެ.

ދޮރުތައް ވެސް ރަނގަޅަށް ނުލެއްޕުމާއި ދޮރުތަކުގެ ދޮރުފަތްތަކުގައި ހަރުކޮށްފައިވާ ޕެކިންތައް ބާވެ ބުރިވެފައިވުމާއި ބަހުގެ އަސްލު ކުލަ ފޮރުވަން ހުދު ދަވާދު ލާފައި ވުމާއި އެއްބަސްވި ސްޕެސިފިކޭޝަންގައި ކޮންމެ މީހަކަށް ވަކި ގޮނޑިއެއް ހުންނަން ޖެހުނު ނަމަވެސް ގެނައި ބަސްތަކުގައި ހުރީ ބެންޗް ސްޓައިލުގެ ދިގު ގޮނޑި ގޮނޑި އެވެ. ބަސް އުފެއްދި ތާރީޚް ހޯދަން އިންސްޕެކްޝަން ޓީމުން ކުރި މަސައްކަތް ވެސް ކާމިޔާބެއް ނުވި އެވެ. އޭގެ އެއްވެސް ދިމާލަކުން އެ ތާރީޚުގެ ލިއުމެއް ނުވަތަ ނިޝާނެއް ނުފެނުނު ކަަމަށް ރިޕޯޓުގައި ލިއެފައިވެ އެވެ.

ކުޅުދުއްފުއްޓަށް ގެންދިޔަ ބަހުގެ ފަހަތު ސިގްނަލް ލައިޓް ތެޅުމާއި ބަހުގެ އޭސީތަކަށް ގޭސް އަޅަން ބޭނުންކުރާ ހޮޅީގެ ކޮޅުގައި ހުންނަ ކެޕްތައް ނެތުމާއި ބަފަރު ތަނެއްގައި ޖެހި ހަލާކުވެފައި ހުރުމާއި ބަހުގެ މީޓަރަށް ބެލިއިރު އެއީ 3،573 ކިލޯ މީޓަރަށް ދުއްވާފައިވާ ބަހެއް ކަމަށް ރިޕޯޓުގައިވެ އެވެ.

އިންސްޕެކްޝަން ރިޕޯޓުގައި ހުރި ބަހުގެ ފޮޓޯތައް.

އިންސްޕެކްޝަން ރިޕޯޓުގައި ހުރި ބަހުގެ ފޮޓޯތައް.

ހަނިމާދު އަށް ގެންދިޔަ ބަސް 3741 ކިލޯ މީޓަރަށް ދުއްވާފައިވެ އެވެ. އޭސީ ނުކުރާ ގޮތަށް ހަދާފައިވާ އެ ބަސް އޭސީކޮށްފައިވާ އިރު، ބަހުގެ އެތެރޭގައި ލިއެފައިވާ ޕްލޭޓް ކޮޅުގައި އެ ބަހަކީ ނޮން އޭސީ ބަހެއް ކަން ކަނޑައި ނަަގައިގެން ލިއެފައިވާ ކަން ފާހަގަކުރެވޭ ކަމަށް ރިޕޯޓުގައިވެ އެވެ.

އެއްބަސްވި ސްޕެސިފިކޭޝަނަށް ނުފެތޭއިރު، އިންސްޕެކްޝަން ޓީމުން ބުނި ގޮތުގައި، ބަސްތަކުގެ އެތެރެ ވަރަށް ބޮޑަށް ހަޑިވެ ހިރަފުސްވެފައި ހުރުމުގެ އިތުރަށް ވެސް އެއީ ބޭނުންކޮށްފައިވާ ބަހެއް ކަން އެނގޭ ވަރުގެ ނިޝާންތައް ފެންނަން ހުއްޓެވެ. ބަހުގެ ދަށް ވެސް ވަރަށް ބޮޑަށް ޗަކަވުމަކީ އެއީ ކުރިން ވެސް ދުއްވަމުން އައި ބަހެއް ކަން އެނގޭ ހެއްކެއް ކަމަށް އިންސްޕެކްޝަން ޓީމުން ބުނެފައިވެ އެވެ.

އެ ޓީމުން ގަބޫލުކުރާ ގޮތުގައި 2010 ވަނަ އަހަރު އުފެއްދި ކަމަށް ބެލެވޭ އެ ބަހުގެ ބްރޭންޑަކީ ފަޔަ ޕްރޯއިން އެއްބަސްވި އެސްއެމްއެލް އައި ސޫޒޫއެއް ނޫނެވެ.

"މިހެން ކަމުން ބަސް ސަޕްލައިކޮށްދިނުމަށް ކުރެވުނު އެއްބަސްވުމުގައި ލާޒިމްކޮށްފައި ވަނީ މުޅިން އައު ބަހެއް ގެންނަން ކަމުގައި ވިޔަސް ގެނެސްފައިވާ ބަހަކީ އައު ބަހެއް ކަމަށް އިންސްޕެކްޝަން ޓީމަށް ގަބޫލުނުކުރެވޭތީ ހުށަހަޅާފައިވާ ޕްރޮޕޯސަލާ އެއްގޮތަށް އާ ބަހެއް ސަޕްލައިކޮށްދިނުމަށް ފަޔަ ޕްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެންގެވުމަށް ފެންނަ ކަމުގައި ދެކެމެވެ،" އިންސްޕެކްޝަން ރިޕޯޓުގައިވެ އެވެ.

ފަޔަ ޕްރޯއަށް ތުހުމަތުތަކެއް ކުރުމުން، މި އަހަރުގެ ތެރޭގައި ދެ ބަސް މާލެ ގެނެސް މިހާރު ވަނީ މަރާމާތުކޮށްފަ އެވެ. އޭގެ ފަހުން ޓްރާންސްޕޯޓުން އެ ވެހިކަލްތައް ބަލައިގަނެ، މިހާރު ވަނީ ކުޅުދުއްފުއްޓާއި ހަނިމާދޫ އެއާޕޯޓަށް ގެންގޮސްފަ އެވެ.

"ހަނިމާދު އާއި ކުޅުދުއްފުށިން ދެ ބަސް މިދިޔަ ލޮކްޑަައުންތެރޭ ހުޅުމާލެ ގެނެސްގެން، ސްޕްރޭކޮށް، ދަބަރު ޖަހާފައިވާ ތަންތަން ސާފުކޮށް ކުލަ ލައި ހަދާފައި އެވަނީ،" މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

ބަސްތައް ގެނައުމުގައި ހިންގީ ބޮޑު ކޮރަޕްޝަނެއް ކަމަށް ތުހުމަތު ކުރައްވަމުން އޭނާ ވިދާޅުވީ ބާ ބަސްތަކެއް ޓްރާންސްޕޯޓުން ގަބޫލުކުރީ ސިޔާސީ ނުފޫޒު ވަދެގެން ކަމަށެވެ. ހަމަ މިގޮތަށް، ފަޔަ ޕްރޯ އިން ވެސް ބުނަނީ ވެހިކަލްތައް ގެނައުމުގައި އެ ކުންފުންޏާ މެދު ތުހުމަތުތަކެއް ކުރަނީ ސިޔާސީ ކަންތައްތަކަކާ ގުޅުވައި ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ މައުލޫމާތަކުން އެނގޭ ގޮތުގައި ފަޔާ ޕްރޯ މޯލްޑިވްސްގައި ތިއްބަވަނީ ދެ ހިއްސާދާރުންނެވެ. އޭގެތެރެއިން އެއް ބޭފުޅަކީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)ގެ ކޮއްކޮ އަލީ އާރިފެވެ. ދެން ހުންނެވީ އިސްމާއިލް އާތިފް ކިޔާ ބޭފުޅެކެވެ.

ފިނޭންސް މިނިސްޓްރީގައި ކުރިން މަސައްކަތް ކުރެއްވި އާރިފަށް މީގެ ކުރިން ވެސް މިފަދަ މައްސަލައެއްގައި ތުހުމަތުކޮށް ދައުވާ ވެސް އުފުލާފައިވެ އެވެ. އެއީ، 2012 ވަނަ އަހަރު ދައުލަތުގެ ބޭނުމަށް ފަސް ކާރު ހޯދުމުގައި، ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެކެވެ. އޭނާގެ އިތުރުން، ފިނޭންސް މިނިސްޓްރީގެ ޓެންޑަ އިވެލުއޭޝަން ސެކްޝަނާ އޭރު ހަވާލުހުންނެވި ޓްރާންސްޕޯޓުގެ މިހާރުގެ ރީޖަނަލް ޑައިރެކްޓަރު ސާމީ އަގީލްގެ މައްޗަށް ކުރި މި ދައުވާއަށް ދެ މީހުން ވަނީ އިންކާރު ކުރައްވައިފަ އެވެ. ކޯޓުން އެ މައްސަލަ ނިންމީ ސާބިތުނުވާ ކަމަށެވެ.

ފަޔަ ޕްރޯގެ ރައްދު: ގެނައީ އާ ބަސްތަކެއް، ރިޕޯޓަކީ ސިޔާސީ ޖެއްސުމެއް!

ނަން ހާމަ ނުކުރަން އެދިވަޑައިގެން ފަޔަ ޕްރޯ އިން "މިހާރު"އަށް ވާހަކަ ދެއްކި އެތަނުގެ އިސްބޭފުޅަކު ވިދާޅުވީ އެއީ ބޭނުންކޮށްފައި ހުރި ބަސްތަކެއް ކަމުގެ ރިޕޯޓް ހެދީ ވަރަށް ބޮޑަށް ސިޔާސީ ވިސްނުމެއްގައި އިލްޒާމް އެޅުވުމުގެ ގޮތުން ކަމަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީން އިންސްޕެކްޝަނަށް ދިޔަ އެކަކާ ސުވާލުކުރުމުން މިނިސްޓްރީން ފޮނުވުމުން ދިޔައީ ކަމަށް ބުނި ކަމަށާއި ރިޕޯޓުގައި ބާ ބަސްތަކެއް ކަމަށް ލިއުނު ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި ކަމަށެވެ.

ކުޅުދުއްފުއްޓާއި ހަނިމާދު އަށް ގެނައި ދެ ބަސް އަލުން މަރާމާތުކޮށްފައި. --ފޮޓޯ/ފަޔަ ޕްރޯ މޯލްޑިވްސް

ކުޅުދުއްފުއްޓާއި ހަނިމާދު އަށް ގެނައި ދެ ބަސް އަލުން މަރާމާތުކޮށްފައި. --ފޮޓޯ/ފަޔަ ޕްރޯ މޯލްޑިވްސް

އިންސްޕެކްޝަން ޓީމުގައި ހިމެނިވަޑައިގަތީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސީނިއާ ދެ ބޭފުޅަކާއި ކުޅުދުއްފުއްޓާއި ހަނިމާދޫ އެއާޕޯޓުގެ އިދާރީ ހަ މުވައްޒަފަކެވެ.

ސިޔާސީ ގޮތުން އެފަދަ ރިޕޯޓެއް ނެރުނީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ސިޔާސީ ބައެއް ބޭފުޅުން މި ޕްރޮޖެކްޓް ދޭން ބޭނުންވާ ބަޔަކަށް ބީލަން ކާމިޔާބު ނުވުމުން ކަމަށް ފަޔަ ފްރޯ އިން ބުންޏެވެ.

"ޓްރާންސްޕޯޓުން އެދުނު ސްޕެސިފިކޭޝަނާ އެއްގޮތަށް އާ ބަސްތަކެއް ހަވާލުކުރީ. ބަސްތައް ކަނޑުމަގުން ގެނެސް ބޭލިއިރު، ހިރަފުސް އަރައި ލޮނުގެ އަސަރު ކޮށްފައި ހުރެދާނެ. ނުވަތަ އަރުވާ ބޭލުމުގައި މާކެއް ވެސް ހުރެދާނެ. އެކަމަކު އެއީ ބްރޭންޑް ނިއު އެއްޗެހިތަކެއް،" އޭނާ ވިދާޅުވި އެވެ.

"ދެ ބަހުގެ ވެސް ހުރިހާ ލިޔެކިޔުމެއް ހުންނާނެ އަޅުގަނޑުމެން އަތުގައި. މިކަމާ ހެދި އަޅުގަނޑުމެންނަށް ބޮޑު ގެއްލުމެއް ވެއްޖެ. ޓެކްނިކަލް އިންސްޕެކްޝަނެއް ވެސް ނޫން، ރިޕޯޓެއް ހަދާފައި ވަނީ މުޅިން އޮޅުންވާލައިގެން. އޭގައި ހުރި ފޮޓޯތަކަކީ ވެސް ރަނގަޅު ފޮޓޯތަކެއް ނޫން."

އޭނާ މިހެން ވިދާޅުވި ނަމަވެސް ޓްރާންސްޕޯޓުގެ އިންސްޕެކްޝަން ރިޕޯޓުގައި ހިމަނާފައިވާ ބައެއް ފޮޓޯތައް ( ބަހުގެ އެތެރެ ފެންނަ ފޮޓޯ) އެ ކުންފުނިން "މިހާރު"ން އެދިގެން ހިއްސާކުރި ފޮޓޯތަކާ އެއްގޮތެވެ. މި ފަހުން މަރާމާތުކޮށް ނަގާފައިވާ އެ ފޮޓޯތަކުން ފެންނަ ގޮތުގައި ގޮނޑިތަކުގެ ކަވަރުތައް ވެސް ހުއްޓެވެ.

ފަޔަ ޕްރޯ އިން ވާހަކަ ދެއްކި ބޭފުޅާ ވަނީ މި މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ބައެއް ބޭފުޅުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ. މައްސަލައިގެ ފެށުމަކީ އޭނާ ވިދާޅުވި ގޮތުން ނަމަ ބީލަމަށް ނުލައި، ވަކި ބަޔަކަށް މި ބަސްތައް ގެންނަން ހަވާލުކުރަން ކުރި ޕްލޭން ނާކާމިޔާބު ވުމެވެ.

ދެ ބަސް ވެސް މަރާމާތުކޮށްފައި: މިއީ އާ ވެހިކަލްތަކެއް ކަމުގެ ލިއުންތައް ހުރި ކަމަށް ފަޔަ ޕްރޯ އިން ބުނޭ. --ފޮޓޯ/ފަޔަ ޕްރޯ މޯލްޑިވްސް

ދެ ބަސް ވެސް މަރާމާތުކޮށްފައި: މިއީ އާ ވެހިކަލްތަކެއް ކަމުގެ ލިއުންތައް ހުރި ކަމަށް ފަޔަ ޕްރޯ އިން ބުނޭ. --ފޮޓޯ/ފަޔަ ޕްރޯ މޯލްޑިވްސް

ޓްރާންސްޕޯޓުގައި ތިއްބެވި ބޭފުޅުންތަކަކަށް "ކަޓެއް" ލިބޭ ގޮތަށް ހަވާލުކުރަން އުޅުނު މި ޕްރޮޖެކްޓް ބީލަމަށް ހުޅުވާލަން ޖެހުނީ ވަކި ބަޔަކާ ހަވާލުކުރަން ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ. މި ބީލަން ހުޅުވާލީ ވެސް މާ ކުރިން ގެނެސްފައި އޮތް ދެ ބަހެއްގެ ސްޕެސިފިކޭޝަނާ އެއްގޮތަށް ކަމަށާއި އެއީ މާފަރު އެއާޕޯޓަށް ބަޔަކު ގެނައި ބަސްތަކެއް ކަމަށް އޭނާ ވިދާޅުވި އެެވެ.

"އެންމެ ކުޑަ އަގެއް ހުށަހަޅައިގެން ބީލަން އަޅުގަނޑުމެންނަށް ވިން ވި ހިސާބުން ޓްރާންސްޕޯޓް މިނިސްޓްރީ ތެރެއިން ހިންގި ކަންތައްގަނޑެއް މިއީ. އެ ބޭފުޅުން މިނިސްޓްރީ ތެރެއިން ޖަހަން އުޅުނު ސަކަރާތް ގަނޑެއް ނުޖެހުނީމަ ސިޔާސީ ގޮތުން އަޅުގަނޑުމެންނަށް ކުރި ވަރަށް ބޮޑު ޖެއްސުމެއް މިއީ،" އޭނާ ވިދާޅުވި އެވެ.

އިންސްޕެކްޝަނަށް ފަހު ދެ ބަހާ ހަވާލުވާން ޓްރާންސްޕޯޓުން ދެކޮޅު ހެދުމުން، މާލެ ގެނެސް މަރާމާތުކުރި ކުންފުނިން ވެސް އެއްބަސްވެ އެވެ. އެއްބަސްވުުމުގައި ވެސް އޮންނަ ގޮތް ކަމަށާއި ބަސް ގެނައުމުގެ ތެރޭގައި ކަމެއް ދިމާވެފައި ހުރެއްޖެ ނަމަ އެކަމެއް އެ މީހުން ރަނގަޅު ކޮށްދިނުމެވެ.

ފަޔަ ޕްރޯ އިން ބުނިގޮތުގައި ހުޅުމާލޭގައި ބަސްތައް އޮއްވައި ޓްރާންސްޕޯޓުން ޓެކްނިކަލް ބޭފުޅަކު ފޮނުވައިގެން ބަހުގެ ހާލަތު ބެލި އެވެ. ދެ ބަހަކީ ވެސް މުޅިން އާ ބަހެއް ކަމަށް އޭނާގެ ނިންމުމާ އެއްގޮތަށް ޓްރާންސްޕޯޓުން ގަބޫލުކުރީ އެވެ.

އެ ކުންފުނިން ބުނީ އެސްއެމްއީ ބޭންކުގެ ލޯނެއްގެ ދަށުން ހިންގި މި ޕްރޮޖެކްޓުގައި މައްސަލަތަކެއް ފެންމަތިކޮށް، ހެދި ގޮތުން އެ ކުންފުންޏަށް މާލީ ގޮތުން ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެ ކުންފުނިން ބުނިގޮތުގައި ދެ ބަހުގެ ފައިސާ ސަރުކާރުން އަދި ނުދެ އެވެ.

ޓްރާންސްޕޯޓުގެ ރީޖަނަލް އެއާޕޯޓްސް ހިންގެވުމާ ހަވާލުވެ ހުންނެވި ސާމީ އަގީލްއާ މި މައްސަލައިގައި "މިހާރު"ން ސުވާލު ކުރުމުން ވިދާޅުވީ ދެ އެއާޕޯޓަށް ގެނައި "ބަސްތަކެއް ރިޖެކްޓްކުރި ކަމެއް އަޅުގަނޑަކަށް ނޭނގޭ" ކަމަށެވެ. މިނިސްޓްރީން ޓީމެއް ފޮނުވައިގެން އިންސްޕެކްޝަނެއް ހެދި ކަން އެނގިވަޑައިގަންނަވާތޯ އެހުމުން ވިދާޅުވީ އޭނާއަކަށް އެފަދަ އިންސްޕެކްޝަނެއްގެ ރިޕޯޓެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ.

ސާމީ ވިދާޅުވި ގޮތުގައި ފަޔަ ޕްރޯ އިން ބަސްތައް ގެނައީ އެއްބަސްވުމާ އެއްގޮތަށެވެ. އެއާޕޯޓުގައި ބަސްތައް ގެންގޮސްފައި އެ ވަނީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.