Roadha Mihaaru
މޯލްޑިވިއަންގެ މައްސަލަތަކަށް ބަހުސް ކުރަން ފާހެއް ނުވި

މޯލްޑިވިއަން އެއާލައިންގެ މައްސަލަތަކާ ގުޅޭ ގޮތުން ހުށަހެޅި ކުއްލި މައްސަލަ ފާހެއް ނުވި

20 ޖޫން 2022

މޯލްޑިވިއަން އެއާލައިންސްގެ މާލީ ހާލަތު ދަށްވެ، މަތިންދާބޯޓުތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ހައްލު ނުކުރެވޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރަން ފާހެއް ނުވެ، މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މޯލްޑިވިއަން އެއާލައިންސްގެ މާލީ ހާލަތު ދަށްވެ، މަތިންދާބޯޓުތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ހައްލު ނުކުރެވޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރަން ފާހެއް ނުވެ، މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރަން ފެންނަ ކަމަށް ލިބުނީ އެންމެ ފަސް ވޯޓެވެ. އަދި 33 މެމްބަރުން ވޯޓު ދެއްވީ އެ މައްސަލަ ބަހުސް ކުރަން ނުފެންނަ ކަމަށެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ސައީދު ވިދާޅުވީ، ރާއްޖޭގެ ގައުމީ އެއާލައިންގެ މާލީ ހާލަތު މީގެ ކުރިން ނުދާހާ ވަރަށް ދަށަށް ގޮސްފައިވާ ކަމަށާއި އެ ކުންފުނި ބަނގުރޫޓުވާން ކައިރިވެފައިވާ ކަމަށެވެ.

މޯލްޑިވިއަން އެއާލައިނުން 2020 ވަނަ އަހަރު 400 މިލިއަން ރުފިޔާ އަދި މިދިޔަ އަހަރު ވެސް 159 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހިންގުމުގެ ހަރަދަށް އިންޑިއާ އިން 17.3 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވާ ކަމަށާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ދޫކޮށްފައިވާ އޯވާޑްރާފްޓް ފެސިލިޓީގެ ދަރަނީގެ އަދަދު ވެސް 46.2 މިލިއަން ރުފިޔާ އަށް އަަރާފައިވާ ކަމަށެވެ.

"މިހާރު ވެސް ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދެނީ ކޮންމެ މަހަކު މިނިސްޓްރީ އިން 15 އާއި 18 މިލިއަން ރުފިޔާގެ ލޯނު ނަގައިގެން،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އައިލެންޑް އޭވިއޭޝަނުން ހިންގާ މޯލްޑިވިއަން އެއާލައިނުން އެ ލޯނުތައް ނަގަން އެ ކުންފުނީގެ ހަ މަތިންދާބޯޓެއް ވަނީ ރަހުނު ކޮށްފަ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ވެސް 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ މޯލްޑިވިއަން އިން ދައްކަން ޖެހިފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

އެހާ ބޮޑަށް މާލީ ހާލަތު ދަށްވުމާ ގުޅިގެން މަތިންދާބޯޓުތަކުގެ ޓެކްނިކަލް ކަންކަން ބައިނަލްއަގްވާމީ މިންގަނޑުތަކަށް ނުހިފެހެއްޓޭ ކަމަށް އޭނާ ވިދާޅުވެ އެވެ. އޭގެ ސަބަބުން ޓެކްނިކަަލް ގިނަ މައްސަލަތަކެއް ދިމާވާ ކަމަށާއި ބޯޓުތަކުގެ ޓަޔަރުތައް ވެސް ބަދަލު ނުކުރެވި، ސްޕެއާ ނުލިބިގެން ބައެއް ފްލައިޓުތައް ގްރައުންޑް ކުރަން ޖެހިފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

"ކުންފުނީގެ މަތިންދާބޯޓުތަކުގައި ހުންނަން ޖެހޭ ސަލާމަތީ ކަންކަން ހިފެހެއްޓުމަށާއި ދަތުރު ކުރާ ފަރާތްތަކުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 170 ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލަ ހުށަހަޅަން،" މައްސަލަ ހުށަހަޅުއްވަމުން ސައީދު ވިދާޅުވި އެވެ.