Roadha Mihaaru

ދީނާ ގުޅޭ ވާހަކައެއް މަޖިލީހުގައި މިހާރަކު ނުދެއްކޭ: އިދިކޮޅު

ރައްޔިތުންގެ މަޖިލީހުގައި، އިސްލާމް ދީނާ ގުޅޭ އެއްވެސް ވާހަކައެއް މިހާރަކު ނުދެއްކޭ ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

"ދީނާ ގުޅޭ ވާހަކައެއް މަޖިލީހުގައި މިހާރަކު ނުދެއްކޭ"
އާމިނަތު ޝިފްލީން
އާމިނަތު ޝިފްލީން

03 މާޗް 2020

ރައްޔިތުންގެ މަޖިލީހުގައި، އިސްލާމް ދީނާ ގުޅޭ އެއްވެސް ވާހަކައެއް މިހާރަކު ނުދެއްކޭ ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާފަންނު ހުޅަނގު ދާއިރާ އަށް ޕީޕީއެމުން ވާދަކުރާ ކެންޑިޑޭޓް އިބްރާހިމް އަބޫބަކުރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ސައީދު ވަނީ، ރާއްޖޭގެ ބައެއް ރަށްރަށުގައި އިސްލާމް ދީނާ ހިލާފު ވޯކްޝޮޕްތަކެއް ހިންގި ކަމަށް ބުނާ މައްސަލަ މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު ބޭރުކޮށްލާފައިވާތީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.

ކުއްލި މައްސަލައެއްގެ ގޮތުގައި، ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެ މައްސަލަ މަޖިލީހަށް އިއްޔެ ފޮނުވީ، ހދ. ހަނިމާދު އާއި އައްޑޫގައި، ދީނާ ހިލާފު ވޯކްޝޮޕްތަކެއް ނަގައިދިން ކަމަށް ބުނެ އެކަން މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށެވެ. އެކަމަކު އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އެޖެންޑާކޮށް، ކުރިއަށް ނުގެންދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވައިފަ އެވެ.

މި އަށް ވުރެ ކުދިކުދި މައްސަލަތައް ވެސް، މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުންގެ އެހީތެރިކަމާ އެކު، މަޖިލީހަށް އެޖެންޑާކޮށް، ބަހުސް ކުރިޔަސް ރާއްޖޭގައި އިސްލާމްދީނާ ޚިލާފު ވޯކްޝޮޕްތަކެއް ބޭއްވި ކަމަށް ބުނާ މައްސަލަ އެޖެންޑާ ނުކުރުމުން ނަޝީދަށާއި މަޖިލީހަށް ވަނީ ފާޑުކިޔުން އިތުރުވެފަ އެވެ.

ދީނާ ޚިލާފު ވާހަކަތަކެއް ދައްކައި، ރަށްރަށުގައި ވޯކްޝޮޕްތަކެއް ބޭއްވިކަމުގެ ޝަކުވާ ލިބުމުން އެކަން އިސްލާމިކް މިނިސްޓްރީން ވަނީ ބަލަން ފަށައިފަ އެވެ. އެކަމަކު، އަދި އެކަމާ މެދު އެ މިނިސްޓްރީން ގޮތެއް ނިންމި ކަމެއް ނޭނގެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ރޭ ވިދާޅުވީ، އެމްޑީޕީގެ ބާރު އޮތް މަޖިލީހަކުން، ދީނާ ގުޅޭ އެ ފަދަ އެއްވެސް ވާހަކައެއް ދެއްކުމުގެ ފުރުސަތު ނުދޭނެ ކަމަށާއި މާދަމާ ނޫނީ އަނެއް ދުވަހުން އެ މައްސަލަ ހުށަހެޅިޔަސް ބޭރުކޮށްލާނެ ކަމަށެވެ. އަދި އިސްލާމްދީނާ ޚިލާފު ވޯކްޝޮޕްތަކެއް ބޭއްވި މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެންނަން ހުށަހެޅުމުން އެ ބޭރުކޮށްލަން، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕް ކުރިން ވެސް އޮތީ ތައްޔާރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގައި ހަނު ހުންނަވާތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ސައީދު ފާޑު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި "ކިތަންމެ ބާރަށް ބަޔަކު އެއްޗެއް ކިޔަސް، އެ މަނިކުފާނު ކަހާތަން ވެސް ހިރުވާ ނުލައްވަ" އެވެ.

"ރައީސަށް ހީނުވޭ ކަމެއް ވެގެން އުޅޭހެން ވެސް. ބޮޑު މައްސަލައަކަށް ވެގެން އެ ވާހަކަ ބަޔަކު ދެއްކިޔަސް، ނުދެއްކިޔަސް ވާކަމެއް ނެތް،" ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، އިސްލާމްދީނާ ޚިލާފު ވޯކްޝޮޕްތަކެއް ބޭއްވި ކަމަށް ބުނާ މައްސަލަ މަޖިލީހުން ދެކެނީ ހަރުކަށި ވިސްނުމުގެ ގޮތުގައި ކަމަށާއި އެހެންވެ، އެ މައުލޫ އަށް ވާހަކަ ދައްކަން މެމްބަރުން ބޭނުންވެ ވަޑައިނުގަންނަވާ ކަމަށެވެ. އަދި ގާނޫނުއަސާސީގައި ކޮންމެ ގޮތަކަށް އޮތް ނަމަވެސް މިހާރު ރާއްޖޭގައި އޮތީ، ދީނާއި ދައުލަތް ވަކިވެފައި ކަމަށް ސައީދު ތުހުމަތު ކުރެއްވި އެވެ.

"ރައީސަށް ހީނުވޭ ކަމެއް ވެގެން އުޅޭހެން ވެސް. ބޮޑު މައްސަލައަކަށް ވެގެން އެ ވާހަކަ ބަޔަކު ދެއްކިޔަސް، ނުދެއްކިޔަސް ވާކަމެއް ނެތް،" ސައީދު

ސައީދު ގަބޫލު ކުރައްވާ ގޮތުގައި އެކަމަށް ހައްލު ގެނެވޭނީ، މިހާރު ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް ޔާމީން މިނިވަން ކޮށްގެންނެވެ. އެހެންވެ، އެ މަނިކުފާނުގެ ދިފާއުގައި އެންމެން ވެސް ތެދުވުމަށް އެދިވަޑައިގަތެވެ.

އެނގިފައިވާ ގޮތުގައި، ހަނިމާދު އާއި އައްޑޫގައި އެ ވޯކްޝޮޕްތައް ބޭއްވީ ކުއިލިއަމް ފައުންޑޭޝަން ކިޔާ ޖަމިއްޔާއަކުންނެވެ. އެ ވޯކްޝޮޕްތަކުގައި ޝިރުކު ކުރުމާއި އިސްލާމް ދީނާއި ޓެރަރިޒަމް ގުޅުވައިގެން ވާހަކަދެއްކި ކަމަށް ވެ އެވެ. ވޯކްޝޮޕްތަކުގައި ސްކޫލް ކުދިންނާއި ބެލެނިވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.