Roadha Mihaaru
ބީއެމްއެލް އިން 50،000 ގަސް ކޮންމެ އަހަރު އިންދަން ނިންމައިފި

ބީއެމްއެލް އިން 50،000 ގަސް ކޮންމެ އަހަރު އިންދަން ނިންމައިފި

22 ޖޫން 2022

ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމުގެ މަގްސަދުގައި 'ބީއެމްއެލް ފެހި ޕްރޮޖެކްޓް' ލޯންޗުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމުގެ މަގްސަދުގައި 'ބީއެމްއެލް ފެހި ޕްރޮޖެކްޓް' ލޯންޗުކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ ޕްރޮޖެކްޓް ކުރިއަށް އޮތް ފަސް އަހަރުގެ މުއްދަތަށް ހިންގާނެ ކަމަށެވެ.

މިއީ ނޮވެމްބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމައަށް ހިންގުމަށް ހަމަޖެހިފައިވާ، މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ ހަރަކާތެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި ހިންގާ ނާސަރީތަކުން ގަސް ހޯދުމަށް ފަހު ރަށްރަށުގައި ގަސް އިންދުމަށް ކަނޑައަޅާފައިވާ ބިންތައް ފާހަގަކޮށް ރަށް އިތުރަށް ފެހިކުރުމަށް ކޮންމެ އަހަރަކު ފަސް ރަށެއް ހޮވައި، ކޮންމެ ރަށަކަށް 10،000 ގަސް ހަދިޔާ ކުރާނެ އެވެ.

ބީއެމްއެލް ފެހި ޕްރޮޖެކްޓްގެ އެހީގައި ރަށްރަށަށް ބޭނުންވާ ފެހިކަން ގެނެވި މުޖުތަމައަށް އޭގެ ފައިދާކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ގޮތުން އަލުން ގަސް އިންދުމުގެ ސަބަބުން ރަށް ގިރުން ހުއްޓުމާއި، ހޫނު މިން ކުޑަވުމާއި ޖައްވަށް ދޫކުރެވޭ ކާބަންގެ މިންވަރު ދަށްކުރެވުމުގެ ސަބަބުން ތިމާވެއްޓަށް ހެޔޮ ބަދަލެއް ގެނުވާނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ފެހި ޕްރޮޖެކްޓްގެ އެހީގައި ރަށްރަށުގައި ގަސް އިންދުމަށް ކުރާ މަސައްކަތްތަކަށް އެހީވެ، ކާބަން ޕުޓް ޕްރިން ދަށްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީހުން ދިރިއުޅޭ ސަރަހައްދުތައް އިތުރަށް ފެހިވާނެ ކަމަށެވެ.

"ރަށު ކައުންސަލްތަކާ އެކު މަސައްކަތްކޮށް ރާއްޖޭގެ ނާސަރީތަކަށް އެހީވެ، ރަށްރަށާއި މުޖުތަމައުތަކަށް ފާހަގަކުރެވޭ ހެޔޮ ބަދަލެއް ގެނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް ފެހި ޕްރޮޖެކްޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށެވެ. އަންނަ މަހުގެ 20 އާ ހަމައަށް އެކުންފުނިން އެޕްލިކޭޝަންތައް ބަލައިގަންނާނެ އެވެ.