Roadha Mihaaru
ބީއެމްއެލްގެ ކިޔަވާ ލޯނުގެ އިންޓްރެސްޓް ރޭޓު ކުޑަކޮށްފި

ބީއެމްއެލްގެ ކިޔަވާ ލޯނުގެ އިންޓްރެސްޓް ރޭޓު ކުޑަކޮށްފި

12 ޖެނުއަރީ 2023

ބީއެމްއެލް އިން ތައުލީމު ހާސިލު ކުރާ ކުދިންނަށް ހާއްސަކޮށްދޭ "ކިޔަވާ ލޯނު"ގެ އިންޓްރެސްޓް ރޭޓު ފަސް ޕަސެންޓަށް ކުޑަކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބީއެމްއެލް އިން ތައުލީމު ހާސިލު ކުރާ ކުދިންނަށް ހާއްސަކޮށްދޭ "ކިޔަވާ ލޯނު"ގެ އިންޓްރެސްޓް ރޭޓު ފަސް ޕަސެންޓަށް ކުޑަކޮށްފި އެވެ.

އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ކްރޮސްރޯޑުގައި ބޭއްވި ހާއްސަ ޖަލްސާގައި ޗެއާޕާސަން ޔޫޝައު ސައީދު ވިދާޅުވީ، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ބޭންކުން ދޫކޮށްފައިވާ ލޯނުތަކާއި އަލުން ދޭ ކިޔަވާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ފަސް ޕަސެންޓަށް ކުޑަވާނެ ކަމަށެވެ.

މީގެ ކުރިން ކިޔަވާ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 9 ޕަސެންޓެވެ. އެ ލޯނުގެ އިންޓްރެސްޓް ރޭޓު 2021 ވަނަ އަހަރުގެ ޑިސެންބަރުގެ ކުރިން ހުރީ 11 ޕަސެންޓުގަ އެވެ.

ޔޫޝައު ވިދާޅުވީ، މި ބަދަލު ގެނެސްފައި ވަނީ އިންޓްރެސްޓް ބޮޑުވުމުން ބައެއް ބެލެނިވެރިންނާއި، ދަރިވަރުންގެ ފަރާތުން ޝަކުވާ ހުށަހަޅާފައިވާތީ އެކަން ބެލުމަށް ފަހު ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްރޮގްރާމްތައް ރާވައި ހިންގަމުންދަނީ، ވަކި ވަކި ފަރުދުންނާއި، ޖަމިއްޔާ އަދި ޖަމާއަތްތައް ވެސް ބާރުވެރިކުރުމަށް، ގިނަ ފުރުސަތުތައް ތަނަވަސްކޮށްދެވޭ ގޮތަށް. އަޅުގަނޑުމެންގެ އަމާޒަކީ، އަބަދުވެސް، ދިވެހި މުޖުތަމައު ބޭނުންވާ، ހެޔޮ ބަދަލު ގެނެސްދިނުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބީއެމްއެލް ހުޅުވީ އެންމެ 10 މުވައްޒަފުންނާ އެކު ނަމަވެސް، ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑު އެއް ބޭންކަށް ވުމަކީ ލިބުނު ބޮޑު ކާމިޔާބީ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ބޭންކުން މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ޓެކްނޮލޮޖީގެ އެހީގައި މިހާރަށް ވުރެ، ހިދުމަތްތައް ފަސޭހަކުރުން ކަމަށެވެ.

ބީއެމްއެލް އަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ޗެއަޕާސަން ޔޫޝައު ސައީދު ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބީއެމްއެލް އަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ޗެއަޕާސަން ޔޫޝައު ސައީދު ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އެންމެފަހުން ދިމާވި ދަތި އުނދަގޫ ހާލަތަކީ، ކޮވިޑްގެ ބަލިމަޑުކަމާ އެކު މުޅި ދުނިޔެއަށްވެސް ދިމާވި ގޮންޖެހުން. މި ހާލަތުގައި، އަޅުގަނޑުމެން އެންމެ އިސްކަމެއްދިނީ، އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި، މުވައްޒަފުންގެ ރައްކާތެރިކަމަށާއި، ބޭންކިން ފަދަ އަސާސީ ހިދުމަތެއް، މެދުނުކެނޑި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް. މި ގޮތުން މުހިންމު ހިދުމަތްތައް، އޮންލައިންކޮށް ދޭން ފެށުނު،" އޭނާ ވިދާޅުވި އެވެ.

ޔޫޝައު ވިދާޅުވީ، ކޮވިޑާ ގުޅިގެން ލިކުއިޑިޓީ ޕްރެޝަރު ކުޑަކުރުމަށް، ކޮންމެހެން ބޭނުންވާ ފަންޑިން ރާއްޖޭން ބޭރުން ހޯދައި 90 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެވުނު ކަމަށެވެ.

އޭނާ ވިދާޅުވީ، ދައުލަތާއި، ދިވެހި ރައްޔިތުންނަށް، މާލީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އިސްކަން ދޭނެ ކަމަށާއި ކޮންމެފަދަ ހާލަތެއްގައި ވެސް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

ބީއެމްއެލް އިން 20 އަތޮޅުގައި 35 ބްރާންޗް، 82 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި 140 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އެހީގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ބީއެމްއެލްގެ ހިދުމަތްތައް ދެމުންނެވެ.