Roadha Mihaaru
އިސްލާމް އާއި ގުރުއާން ފޮތް ނެރެނީ އަލުން ޗާޕުކޮށްގެން

އިސްލާމް އާއި ގުރުއާން ފޮތްތައް ނެރެނީ މައްސަލަ ހައްލުކޮށް އަލުން ޗާޕުކޮށްގެން: އެޑިއުކޭޝަން މިނިސްޓްރީ

23 ޖޫން 2022

ޗާޕްކުރުމުގައި މިދިޔަ އަހަރު ފާހަގަވި މައްސަލަތައް ރަނގަޅުކޮށް، އިސްލާމް އަދި ގުރުއާން މާއްދާގެ ޓެކްސްޓް ފޮތްތައް މި އަހަރު ނެރޭނީ އަލުން ޗާޕުކޮށްގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ޗާޕްކުރުމުގައި މިދިޔަ އަހަރު ފާހަގަވި މައްސަލަތައް ރަނގަޅުކޮށް، އިސްލާމް އަދި ގުރުއާން މާއްދާގެ ޓެކްސްޓް ފޮތްތައް މި އަހަރު ނެރޭނީ އަލުން ޗާޕުކޮށްގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ގްރޭޑް އެކެއްގެ ގުރުއާން ފޮތްތައް ޗާޕްކުރި އިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާ މައްސަލައެއް މިދިޔަ އަހަރު ފާހަގަވެފައި ވާއިރު، ގްރޭޑް 2 އަދި 12ގެ އިސްލާމް ފޮތްތަކުގައި ވެސް އެފަދަ މައްސަލަތަކެއް ހުރި ކަމަށް، ބައެއް އިލްމުވެރިން އޭރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެކަމާ ގުޅިގެން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ މުވައްޒަފުން ނުހިމެނޭ މިނިވަން، ފަންނީ ބޭފުޅުން ހިމެނޭ ކޮމިޓީއަކުން އިިސްލާމް އަދި ގުރުއާން، ދެ މާއްދާގެ ހުރިހާ ފޮތްތަކެއް ރިވިއު ކުރުމުގެ މަސައްކަތެއް ވެސް ފެށި އެވެ.

ކުރިއަށް އޮތް ދިރާސީ އަހަރަށް ފޮތްތައް ބަހަން ފެށުމުގެ ކުރިން ކުރީގެ އަރަބިއްޔާ ސްކޫލުގައި މިއަދު މީޑިއާއާ ވާހަކަ ދައްކަވަމުން، އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވީ، މިިދިޔަ އަހަރު ދިމާވި މައްސަލަތަކުގެ ސަބަބުން މި އަހަރު ފޮތްތައް ޗާޕްކުރުމުގެ ކުރިން ބަލާ ޗެކް ކުރި ކަމަށެވެ. އަދި ފާހަގަވި ހުރިހާ މައްސަލައެއް ވެސް ހައްލުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފާހަގަ ކުރެވުނު ހުރިހާ ކުށެއް ރަނގަޅު ކޮށްފައި މިހާރު ހުންނާނީ. އެހެން ނަމަވެސް އަދިވެސް އިމްލާ ކުށެއް ކަހަލަ އެއްޗެއް ނޯންނާނެއެކޭ ނޫން މި ދަންނަވަނީ،" އަހްމަދު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަހްމަދު އަލީ މީޑިއާއަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ | ނިޝާން އަލީ

އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަހްމަދު އަލީ މީޑިއާއަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ | ނިޝާން އަލީ

އެ މިނިސްޓްރީގެ، ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުޖާހިދު ވިދާޅުވީ ފޮތްތައް ނެރެނީ ވަރަށް ދިގު ޕްރޮސެސްއަކަށް ފަހުގައި ކަމަށާއި ޗާޕްކޮށްލަައިފައި ހަމަ ދޫކޮށްލަނީ ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، އެ މާއްދާއަކާ ގުޅޭ އިދާރާއަކުން ފޮތް ނެރުމުގެ ކުރިން އެޕްރޫވަލް ވެސް ހޯދާ ކަމަށެވެ.

"މިސާލަކަށް އިސްލާމް، ގުުރުއާން ފޮތެއް ވެއްޖިއްޔާ އިސްލާމިކް މިނިސްޓްރީން ވެސް އެ އޮންނަ ކޮމިޓީއަކުން ވެސް ބައްލަވާ. މި ހުރިހާ ޕްރޮސެސްއަކަށް ފަހު ފޮތް މި ނެރެނީ. އެކަމަކު އިންސާނުންކުރާ މަސައްކަތަކަށް ވީމާ ބައެއް ފަހަރަށް ހުރޭ އެހެން [ގޯސްކޮށް] ކަންކަން،" މުޖާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރު ދަރިވަރުންނަށް ފޮތްތައް ލިބޭއިރު މިދިޔަ އަހަރު ދިމާވި މައްސަލަތައް ހުންނާނީ ހައްލުވެފައި ކަމަށެވެ. އަދި އެ ކަންކަން އިސްލާހުކުރި އިރު ކަމާބެހޭ އިދާރާތަކުގެ ލަފާ ހޯދައިފައިވާނެ ކަން ފާހަގަ ކުރެއްވި އެވެ.

ކުރިއަށް އޮތް ދިރާސީ އަހަރަށް ފޮތްތައް ބެހުމުގެ މަސައްކަތް، ކުރީގެ އަރަބިއްޔާ ހުރި އިމާރާތުގައި މިއަދު ވަނީ ފަށާފަ އެވެ. މިނިސްޓްރީން ބުނީ، ދިރާސީ އަހަރު ފެށޭއިރަށް ހުރިހާ ދަރިވަރުންނަށް ފޮތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.