Roadha Mihaaru
11 އަހަރުގައި ހާފިޒަކަށް ވެ ފައިނަށް ބޮޑު ފަހުރެއް

11 އަހަރުގައި ޔޫނުސް ހާފިޒަކަށް ވެ ފައިނަށް ބޮޑު ފަހުރެއް

23 ޖެނުއަރީ 2024

ގުރުއާން ކިޔަވަން ފަށާއިރަށް ދަރިފުޅު މުހައްމަދު ޔޫނުސް ޝައުގުވެރިކަމާ އެކު އަޑުއަހަން އިދެ އެވެ. އެ މަންޒަރު ފެންނަން ފެށުމުން، އަޑުދަށުން ކިއުއްވަން ފެއްޓީ އެވެ. ވަކި ހިސާބަކުން ދަރިފުޅަށް ގުރުއާން ހިތުދަސްކުރެވިދާނެ ކަމަށް އިބްރާހިމް ޒާހިރަށް ގަބޫލުކުރެވުމުން އެ މަސައްކަތް ފެށީ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގުރުއާން ކިޔަވަން ފަށާއިރަށް ދަރިފުޅު މުހައްމަދު ޔޫނުސް ޝައުގުވެރިކަމާ އެކު އަޑުއަހަން އިދެ އެވެ. އެ މަންޒަރު ފެންނަން ފެށުމުން، އަޑުދަށުން ކިއުއްވަން ފެއްޓީ އެވެ. ވަކި ހިސާބަކުން ދަރިފުޅަށް ގުރުއާން ހިތުދަސްކުރެވިދާނެ ކަމަށް އިބްރާހިމް ޒާހިރަށް ގަބޫލުކުރެވުމުން އެ މަސައްކަތް ފެށީ އެވެ.

އުމުރުން 11 އަހަރުގައި އޭނާގެ ދަރިފުޅު ޔޫނުސްއަކީ ހާފިޒެކެވެ. އަޑުދަށުން ކިޔަވައި ގުރުއާން ހިތުދަސްކޮށް ނިންމީ ދޮޅު އަހަރުންނެވެ.

ރ. ފައިނުގެ ރައްޔިތުން ފަހުރުވެރިވާ ކާމިޔާބީ ދަރިފުޅަށް ހޯދައިދޭން ފަސޭހަވީ ޒާހިރު ވެސް ގުރުއާން ކިޔަވަން ހުންނަ ޝައުގުވެރިކަމުންނެވެ. އޭނާ ވަނީ ގުރުއާން ޓީޗަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ. މިސްރުގައި އޮތް މުބާރާތަކުން ރާއްޖެއަށް ދެވަނަ ވެސް ހޯދައިދިނެވެ.

"އަޅުގަނޑު އެ ދާއިރާ ތެރޭގައި އުޅެވިފައި ހުރީމަ ދަރިފުޅަށް ކިޔަވައި ދިނުމުގެ ޝައުގު އަޅުގަނޑުގެ ހުރޭ. އެހެންވެ ކިޔަވައިދޭން ފެށީ. ދަރިފުޅު ވެސް ކިޔެވުމަށް ޝައުގު ހުންނާތީއާ އެކު،" ޒާހިރު ކިޔައިދިނެވެ.

ހާފިޒް މުހައްމަދު ޔޫނުސް ގުރުއާން ކިޔަވަނީ.

ހާފިޒް މުހައްމަދު ޔޫނުސް ގުރުއާން ކިޔަވަނީ.

ޔޫނުސް ހިތުދަސްކުރަން ފެށީ މީގެ ދެ އަހަރު ކުރިން 2022 ގަ އެވެ.

"ތަންކޮޅެއް އުނދަގޫވި ދަސްކޮށްދޭން، ކޮންމެވެސް ވަރަކަށް ސްޕެޝަލް ނީޑް ހުންނަ ކުއްޖެއް ވީމަ. ކިޔަވަން އިނދެފައި ހުއްޓިގެން އިނދެދާނެ. ދެން ޖެހޭނީ ހަމަ ގޮވާލާފައި ދަރިފުޅު އަވަހަށް ކިޔަވާށޭ ބުނަން. އެހެން ބުނީމަ ކިޔަވަން ފަށާނެ. އަނެއްކާ ކިޔަވަމުން ގޮސް އިނދެދާނެ އަނެއްކާ އިރުކޮޅަކު ހުއްޓިގެން. ކައިރީގަ އިނދެގެން ނޫނީ ފަސޭހައެއް ނުވި ދަސްކޮށްދޭކަށް. ފަހުން އެކަމަކު އިނދެދާނެ އިރުކޮޅަކަށް ދުރަށް ޖެހިލިޔަސް ކިޔަވަން އެކަނި ވެސް،" ޔޫނުސްގެ ބައްޕަ ކިޔައިދިނެވެ.

ދަރިފުޅު ޔޫނުސްގެ އެ ކަންކަން ހުއްޓަސް އެ ބައްޕަ އާއި މަންމަ ދަރިފުޅަށް ކުރި އުއްމީދު ކަނޑައެއް ނުލަ އެވެ. ކެތްތެރިކަމާ އެކު ދަރިފުޅަށް ފަސޭހައިން ދަސްވާ ގޮތަށް ވަގުތުދިނީ އެވެ.

ޔޫނުސް ސްކޫލުގެ ފުޓުބޯޅަ މުބާރާތެއްގައި ބައިވެރިވެ، ކުޅެނީ.

ޔޫނުސް ސްކޫލުގެ ފުޓުބޯޅަ މުބާރާތެއްގައި ބައިވެރިވެ، ކުޅެނީ.

ޔޫނުސް ގުރުއާން ހިތުދަސްކުރި ގޮތް

ގްރޭޑް ހައެއްގައި ކިޔަވަމުން އަންނަ ޔޫނުސް ގުރުއާން ހިތުދަސްކުރީ ލިބޭ ހުސް ވަގުތުތަކުގަ އެވެ. ސްކޫލުގެ އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވެ އެވެ.

ޔޫނުސް ކޮންމެ ރެއަކު 10 ޖެހުމުގެ ކުރިން ނިދަނީ، ދަސްކުރަން އޮންނަ ސޮފްހާ 10-20 ފަހަރު މަންމަ ނުވަތަ ބައްޕައަށް ކިޔައިދިނުމަށް ފަހު އެވެ.

ފަތިސް ނަމާދަށް ހޭލައި ނިދުމުގެ ކުރިން ފަރިތަކުރި ބައި 10 ފަހަރަށް ކިޔައި ހިތުދަސް ކުރުމަށް ފަހު މަންމަ ނޫނީ ބައްޕައަށް ކިޔައިދެ އެވެ. ސްކޫލުން ގެއަށް އައުމަށް ފަހު ވެސް ދަސްކުރަން އިނދެ އެވެ. އަސުރު ނަމާދުގެ ފަހުންނާއި ރޭ ގަނޑު ވެސް ކިޔަވަ އެވެ. އެއްކޮށް ދަސްވުމުން މުޅި ސޫރަތް ކިޔައިދެނީ އެވެ.

ޔޫނުސް، ހާފިޒަކަށް ވާން ގުރުއާން ކިޔަވައިދޭން މިނިސްޓްރީއަށް ގޮސް.

ޔޫނުސް، ހާފިޒަކަށް ވާން ގުރުއާން ކިޔަވައިދޭން މިނިސްޓްރީއަށް ގޮސް.

ހަތިމް ހިތުދަސްކޮށް ނިންމައި އޮންލައިންކޮށް މިނިސްޓްރީއަށް ކިޔައިދިނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

"ފުރަތަމަ ކިޔައިދިނީ އޮންލައިންކޮށް، ދެން އެ ބޭފުޅުން ވިދާޅުވީ އަކުރެއް ފިއްޔެއް ނޭނގިދާނޭ އެގޮތަށް ކިޔައިދިނީމަ. އެހެންވެ މާލެ އަންނަން ބުނީމަ އަޅުގަނޑުމެން ސްކޫލު ޗުއްޓީއާ ދިމާކޮށް މާލެ އައިސް 26 ޑިސެމްބަރުގައި ހާފިޒް ކަމުގެ އިމްތިހާނު ފެށީ. ނިމުނީ މި މަހުގެ 16ގައި،" ޔޫނުސްގެ ބައްޕަ ބުންޏެވެ.

ޔޫނުސް ރަށަށް ދިއުމުން ގިނަ ބަޔަކު މަރުހަބާ ކިޔަނީ.

ޔޫނުސް ރަށަށް ދިއުމުން ގިނަ ބަޔަކު މަރުހަބާ ކިޔަނީ.

މިއީ ޔޫނުސް ނިސްބަތްވާ ރ. ފައިނަށް ވެސް ލިބުނު ފަހުރެކެވެ.

ހާފިޒަކަށް ވެ ރަށަށް މިދިޔަ ހޮނިހިރުދުވަހު ދިއުމުން ގިނަ ބަޔަކު ނުކުމެ ރަތް ދޫލައިގެ މަރުހަބާއެއް ވަނީ ކިޔައިފަ އެވެ. ޔޫނުސްއަކީ ރ. އަތޮޅުގެ ދެ ވަނަ ހާފިޒެކެވެ.