Roadha Mihaaru
ދަ ގްރާންޑޭ އަތުން އީގަލްސް އަށް މުހިންމު މޮޅެއް

ދަ ގްރާންޑޭ އަތުން އީގަލްސް އަށް މުހިންމު މޮޅެއް

27 ޖޫން 2022

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސް އިން 2-1 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށް، އެއްވަނައިގައި އޮތް މާޒިޔާއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފި އެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސް އިން 2-1 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށް، އެއްވަނައިގައި އޮތް މާޒިޔާއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފި އެވެ.

މާޒިޔާ ވަނީ ރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، އެއްވަނައިގައި ވަގުތީ ގޮތުން އަށް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މާޒިޔާ އެއްވަނައިގައި އޮތީ 14 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ. އީގަލްސް ވަނީ މިއަދުގެ މެޗު ކާމިޔާބުކޮށް، ދެ ޓީމުގެ ދެމެދުގައި އޮތް ފަސް ޕޮއިންޓުގެ ފަރަގު ހިފަހައްޓައިފަ އެވެ.

ދަ ގްރާންޑޭގެ ގޯލު ބަލަހައްޓަނީ ކުރިން އީގަލްސް އަށް ކުޅުނު ލެބަލާންގެ ގޯލްކީޕަރު މުހައްމަދު ތަހާ އެވެ.

މިއަދުގެ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ޖަހައި އީގަލްސް އިން ލީޑު ނެގި އެވެ. މެޗުގެ 11 ވަނަ މިނިޓުގައި އިމްރާން ނަޝީދު (އިންމަ) ދިން ބޯޅައަކުން އެ ޓީމަށް ލީޑު ނަގައިދިނީ އަހުމަދު ހަސަން (އަންމަޑޭ) އެވެ.

އީގަލްސް ލީޑްގައި އޮވެ، ފުރަތަމަ ހާފު ނިންމައިލިއިރު، ދެވަނަ ހާފު ފެށިގެން ހަ ވަނަ މިނިޓުގައި ގްރާންޑޭ އިން ނަތީޖާ އެއްވަރުކުރި އެވެ. ކޯނަރެއްގެ އެހީގައި އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ ޖުނައިދު (ޖެންނެ) އެވެ.

އީގަލްސް އިން ދެވަނަ ފަހަރަށް ލީޑް ނެގީ މެޗުގެ 76 ވަނަ މިނިޓުގަ އެވެ. އެއީ އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ނެގި ހުރަހެއް ދިފާއު ކުރަަން އުޅުމުގެ ތެރޭގައި ގްރާންޑޭގެ ބިދޭސީ ޑިފެންޑަރު ޖޯޖް އިވާން ސައިސޭޑޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް، ދަ ގްރާންޑޭ އިން ނަތީޖާ އެއްވަރު ކުރަން ލަނޑެއް ވެސް ޖެހި އެވެ. ނަމަވެސް ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި އިސްމާއިލް ނަޒީހު ބޮލުން ޖެހި ބޯޅަ ގޯލަކަށް ބަލައި ނުގަތީ އޭނާ އޮފްސައިޑް ވުމުންނެވެ.

ލީގުގެ ފުރަތަމަ ބުރުގައި އެ ދެ ޓީމު ކުޅުނު މެޗު އީގަލްސް އިން ކާމިޔާބުކުރީ ފަހަތުން އަރައި 4-2 އިންނެވެ. އޭގެ ކުރިން ޕްރެޒިޑެންޓްސް ކަޕްގައި ގްރާންޑޭ، އީގަލްސް އަތުން ބަލިވީ 3-2 އިންނެވެ.

އީގަލްސް އަށް ވެސް ވަނީ މިއަދުގެ މެޗާއެކު، ލީގުގެ ދެވަނަ ބުރުގެ މެޗުތައް ނިމިފަ އެވެ. އެ ޓީމު ދެވަނައިގައި އޮތީ ކުޅުނު 14 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ. ދަ ގްރާންޑޭ އޮތީ ލީގުގެ ފުރަތަމަ މެޗުގަައި ކްލަބް ގްރީން ސްޓްރީޓްސް އަތުން ހޯދި ހަމައެކަނި ޕޮއިންޓާ އެކު އެންމެ ފުލުގަ އެވެ.

ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ފަހު މެޗުގައި މިރޭ 9 ޖަަހާއިރު ކުޅޭނީ ކްލަބް ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ.