Roadha Mihaaru
ހައި ކޯޓުގެ ފަނޑިޔާރަކަށް ހުޒައިފާ އައްޔަންކޮށްފި

ހައި ކޯޓުގެ ފަނޑިޔާރަކަށް ހުޒައިފާ އައްޔަންކޮށްފި

27 ޖޫން 2022

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފެމިލީ ކޯޓުގެ ކުރީގެ އިސްގާޒީ ހުޒައިފާ މުހައްމަދު މިއަދު އައްޔަންކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފެމިލީ ކޯޓުގެ ކުރީގެ އިސްގާޒީ ހުޒައިފާ މުހައްމަދު މިއަދު އައްޔަންކޮށްފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައި އޮތް ތިން މަގާމުގެ ތެރެއިން އެއް މަގާމަށް ހުޒައިފާ އައްޔަންކުރީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާއަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

ހައި ކޯޓުގެ ބެންޗަށް ހުޒައިފާ އައްޔަން ކުރުމާއެކު، އެ ކޯޓުގެ ބެންޗުގައި ދެ އަންހެން ބޭފުޅުން ތިއްބަވާނެ އެވެ. އެ ބެންޗުގައި ދެން އިންނެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.

ހުޒައިފާއަކީ 2007 ވަނަ އަހަރު ރާއްޖޭގައި ފަނޑިޔާރުކަމަށް އައްޔަންކުރި ފުރަތަމަ އަންހެން ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅާ އެވެ. އޭރުއްސުރެ ފެށިގެން މިއަދާ ހަމައަށް ވެސް އޭނާ ހުންނެވީ ފެމިލީ ކޯޓުގަ އެވެ. އެ ކޯޓުގެ އިސްގާޒީ ކަމަށް އޭނާ އައްޔަންކުރީ މި އަހަރުގެ ކުރީކޮޅެވެ.

ހައި ކޯޓުގެ ބެންޗުން ތިން މަގާމެއް ހުސްވީ އެ ކޯޓުގެ ދެ ފަނޑިޔާރަކު އިސްތިއުފާ ދެއްވުމާއި އެއް ބޭފުޅަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.