Roadha Mihaaru
ތެލުގެ އަގާ އެކު ދަތުރުތަކުގެ އަގު ވަރަށް ބޮޑުވެއްޖެ

ތެލުގެ އަގާ އެކު ދަތުރުތަކުގެ އަގު ވަރަށް ބޮޑުވެއްޖެ

29 ޖޫން 2022

އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ލޯންޗު ފެރީތަކުގެ އަގުތައް، ތެލުގެ އަގާ އެކު ވަރަށް ބޮޑަށް އުފުލިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ލޯންޗު ފެރީތަކުގެ އަގުތައް، ތެލުގެ އަގާ އެކު ވަރަށް ބޮޑަށް އުފުލިއްޖެ އެވެ.

ތެލުގެ އަގު އުފުލުމާ އެކު މިދިޔަ މަހެއްހާ ދުވަސް ތެރޭ ފެރީ ތަކުގެ އަގުތަކަށް ވަނީ ބަދަލު އައިސްފަ އެވެ. ޖުމްލަކޮށް ބަލާއިރު 100ރ. އާއި 200ރ. އާ ދެމެދުގެ އުފުލުމެއް އަގުތަކަށް އައިސްފައިވެ އެވެ.

މާލެއިން އެންމެ ގިނައިން ދަތުރުތައް ކުުރަނީ މެދު ރާއްޖެ އާއި އުތުރުގެ ބައެއް އަތޮޅުތަކުންނެވެ.

ޅ އަތޮޅުގެ ކައުންސިލްގެ ރައީސް ޔާސީން އަބްދުﷲ ވިދާޅުވީ، އެ އަތޮޅުގެ ލޯންޗު ފެރީތަކުގެ އަގުތައް ވެސް އުފުލިފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިން 450ރ. އާއި 500ރ. އާ ދެމެދުގައި ކުރި ދަތުރުގެ އަގުތައް 600ރ. އަށް ވަނީ ބޮޑުވެފަ އެވެ.

"ބޮޑަށް ބެލެވެނީ ތެލުގެ އަގަށް އާއި ބަދަލުތަކާ ހެދި އައި ބަދަލެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.

އދ، ރ އަދި ބ އަތޮޅަށް ދަތުރުކުރާ "ނަސްރު ސްޕީޑު" އިން ބުނީ އެ ލޯންޗު ޓިކެޓްގެ އަގު މިދިޔަ ތިން މަހެއްހާ ދުވަސް ތެރޭ އެވްރެޖުކޮށް 200ރ. ބޮޑުކުރަން ޖެހުނު ކަމަށެވެ. އެ ލޯންޗުން ބުނީ ބ. ދަރަންދުއަށް ކޮޅަކަށް ކުރިން 500ރ. އަށް ދަތުރުކުރި ނަމަވެސް މިހާރު ދަތުރު ކުރަނީ 700ރ. އަަށް ކަމަށެވެ. ރ. އަތޮޅުގެ ރަށްތަކަށް މިހާރު ދަތުރުކުރަނީ 800ރ. އާއި 900ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އެ އަތޮޅަށް ކުރިން ދަތުރުކުރަނީ 600ރ. އާއި 700 އާ ދެމެދުގެ އަގުތަކެއްގަ އެވެ.

ލޯންޗު ފެރީގެ އަގުތަކަށް އައިސްފައިވާ ބަދަލު

ލޯންޗު ފެރީގެ އަގުތަކަށް އައިސްފައިވާ ބަދަލު

ނަސްރު ސްޕީޑުން ތޮއްޑުއަށް ދަތުރުކުރަނީ 250ރ. އަށެވެ މިހާރު ވަނީ 300ރ. އަށް ބޮޑުކޮށްފަ އެވެ. މީގެ އިތުރުން ނ އަތޮޅަށް ކުރިން 750ރ. އަށް ދަތުރުކުރި ނަމަވެސް މިހާރު 800ރ. އަށެވެ.

އާންމުކޮށް ހދ. އަތޮޅަށް ލޯންޗު ދަތުރު ނުކުރި ނަމަވެސް، އެހެން ކުރާ މަދު ދަތުރުތަކަށް ކޮޅަކަށަށް ނަގަނީ 1،100ރ. އާއި 1،000ރ. އާ ދެމެދުުގަ އެވެ. ކުރިން އެ އަތޮޅަށް ދަތުރުތައް ކުރަނީ 800ރ. އާއި 900ރ. ދެމެދުގެ އަގުތަކެއްގަ އެވެ. ކުރިން ވ. އަތޮޅަށް 300ރ. އަށް ދަތުރުކުރިޔަސް މިހާރު އެ އަތޮޅަށް ދަތުރު ކުރަނީ 450ރ. އަށެވެ.

އަތޮޅުތެރޭގައި ފެރީ ލޯންޗުތަކުގެ އަގުތައް އެންމެ ބޮޑަށް އުފުލިފައިވަނީ މ. އަތޮޅުގައި ކަމަށް، އެއްކުރި ހިސާބުތަކުން ދައްކަ އެވެ. އެއަތޮޅުގެ ލޯންޗު ފެރީގެ އަގުތައް ވަނީ މިދިޔަ ދެ މަސް ތެރޭ ދެ ގުނަ އުފުލިފަ އެވެ. ކުރިން 325ރ. އަށް ދަތުރުކުރި ލޯންޗުތަކުން މިހާރު 600ރ. ނަގަ އެވެ.

ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް ވިދާޅުވީ، މާލެއަށްކުރާ ދަތުރުތަކުގެ އަގު އެހާ ބޮޑަށް އުފުލުނީ އަމިއްލަ ފެރީތަކުން ކުރާ ދަތުރުތަކަށް އައި ބަދަލުގެ ސަބަބުން ކަމަށެވެ. އަދި އެ އަތޮޅަށް އެފްއެސްއެމް އިން ތެޔޮ ނުގެންނާތީ، ތެޔޮ ވިއްކަނީ މާލޭގައި ވިއްކާ އަގަށް ވުރެ ތިން ހަތަރު ރުފިޔާ ބޮޑުކޮށް ކަމަށް ވިދާޅުވި އެވެ.

ލޯންޗު ފެރީއަކުން ފުރަން ދިޔަ ބަޔަކު، ލޯންޗަށް އަރަނީ:.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ލޯންޗު ފެރީއަކުން ފުރަން ދިޔަ ބަޔަކު، ލޯންޗަށް އަރަނީ:.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"ޕްރޮޖެޓް ލޯންޗުން ކުރިން ދަތުރުތައް ކުރަނީ މި އަތޮޅު މެދުފުށި ރިސޯޓުގެ ޓޫރިސްޓުން ގެންނަ ޓޫރިސްޓުންނާ އެއްކޮށް. އެކަމަކު އެ ރަށަށް ޓޫރިސްޓުން ގެނައުން ހުއްޓާލީމާ، ލޯންޗުން ދަތުރުކުރާ އަގު މިވަނީ ވަރަށް ބޮޑު ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ތެލުގެ އަގު އުފުލުމުގެ އިތުރުން ލޯންޗު ފެރީގެ އަގުތައް ބޮޑުވި އަނެއް ސަބަބަކީ ބޮޑުއީދު ބަންދާ ދިމާވުމެވެ. ކޮންމެ އަހަރެއްގެ ވެސް އީދު ބަންދާ ދިމާކޮށް މާލެއިން އަތޮޅުތަކަށް ކުރާ ދަތުރުތަކުގެ ޑިމާންޑު ބޮޑުވެ އެވެ.

ލޯންޗު ފެރީއެއް ހިންގާ މީހަކު ބުނީ ތެލުގެ ހަރަދަށް ލޯންޗެއްގެ ޖުމްލަ ހަރަދުގެ 75 ޕަސެންޓް ހޭދަވާ ކަމަށެވެ. އީދަށް ކުރާ ދަތުރުތައް ގިނަ ފަހަރަށް ކުރަނީ އެއްކޮޅަށް ކަމަށާއި އެހެންވެ އާންމުކޮށް ކުރާ ދަތުރުތަކަށް ވުރެ، ލިބޭ އާމްދަނީ މި ދަތުރުތަކުން ދަށް ކަމަށް އޭނާ ބުންޏެވެ.

"އީދުގައި މި އިންނަނީ އެއްކޮޅަށް ބޮޑު ޑިމާންޑެއް. މާލެއިން އަތޮޅު ތެރެއަށް ދާން ޑިމާންޑު. ގިނަ ފަހަރަށް އަތޮޅުން މާލެ އަށް އީދު ބަންދުގައި އަންނަން ޖެހެނީ ހުސް ލޯންޗު. އެހެންވެ އަގު މަތިކުރަން ޖެހެނީ،" އޭނާ ބުންޏެވެ.

އއ އަތޮޅުގެ ރަސްދޫ އާއި އުކުޅަސް އަދި މަތިވެރިއަށް ދަތުރުކުރާ "ނެވި" ލޯންޗުގެ ވެރިޔާ އަހުމަދު ޝަރީފު ވިދާޅުވީ، ކުރިން 250ރ. އާއި 300ރ. ދަތުރު ކުރި ނަމަވެސް މިހާރު އެ އަތޮޅުތަކަށް ދަތުރުކުރަނީ 400ރ. އަށް ކަމަށެވެ. މިގޮތަށް އަގުތައް ކަނޑައަޅަނީ ދަތުރުގެ ދިގުމިނާއި ހޭދަވާ ތެލަށް ބެލުމަށް ފަހު އެވެ.

"ކުރިއަށް އޮތްތަނުގައި ވެސް އަގުތައް ދާނީ އުފުލެމުން. ތެލުގެ އަގަށް އަންނަ ބަދަލުތައް ލޯންޗު ދަތުރުތަކުން ފެންނާނެ،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބޮޑު ބަދަލެއް އައިސްފައިވަނީ، ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެންނެވެ. ދުނިޔޭގެ ބާޒާރުގައި މިވަގުތު، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 100-115 ޑޮލަރާ ދެމެދުގަ އެވެ. މިއާ އެކު ރާއްޖޭގައި ވިއްކާ ތެލުގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

މިހާރު އެސްޓީއޯއިން އާންމުންނަށް ޕެޓްރޯލް ލީޓަރެއް ވިއްކަނީ 16.55 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއް ދެނީ 16.77 ރުފިޔާ އަށެވެ. ނަމަވެސް ވިޔަފާރިތަކަށް ތެޔޮ ލީޓަރެއް ވިއްކާ އަގު ވަނީ 18ރ. އާއި 20ރ. އަށް ބޮޑުވެފަ އެވެ. ކުރިއަށް އޮތްތަނުގައި ވެސް ތެލުގެ އަގު އުފުލެމުންދާ ނަމަ، ލޯންޗު ފެރީގެ އަގުތަކުން ވެސް އެކަން ފެންނާނެ ކަމަށް ހިދުމަތްދޭ ފަރާތްތަކުން ބުންޏެވެ.