Roadha Mihaaru
ތެލުގެ އަގު މައްޗަށް، ދެ ގުނައަށް އަގު އުފުލިދާނެ

ތެލުގެ އަގު އަނެއްކާ ވެސް އުފުލެނީ، އަހަރު ނިމޭ އިރު ފީފާއެއް 150 ޑޮލަރަށް އަރާނެ

13 ޖެނުއަރީ 2022

ދުނިޔޭގެ ބާޒާރުގައި އަނެއްކާ ވެސް ތެލުގެ އަގު ވަރަށް ބޮޑަށް އުފުލެން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދުނިޔޭގެ ބާޒާރުގައި އަނެއްކާ ވެސް ތެލުގެ އަގު ވަރަށް ބޮޑަށް އުފުލެން ފަށައިފި އެވެ.

ތެޔޮ ފީފާއެއްގެ އަގު މިހާރު އުޅެނީ 85 ޑޮލަރަށް ކަމަށް ވާއިރު، މިއީ ވޭތުވެދިޔަ ތިން މަހުގައި ފަސް ވަރަކަށް ޑޮލަރުގެ އިތުރުވުމެކެވެ. ބޭރުގެ މީޑިއާ ރިޕޯޓުތަކުން އާންމުކޮށްފައިވާ ގޮތުގައި އެންމެ ފަހުން ތެލުގެ އަގު އެ އަގަށް އުފުލުނީ މިިދިޔަ އަހަރުގެ އޮކްޓޫބަރުގަ އެވެ. އެހެން ނަމަވެސް ދުވަސްކޮޅެއް ފަހުން ސާފު ނުކުރަ ތެޔޮ ފީފާއެއް އަގު ވަނީ 80 ޑޮލަރަށް ތިރިވެފަ އެވެ.

ތެލުގެ އަގު އެހާ ބޮޑަށް އުފުލިފައިވަނީ ކޮވިޑްގެ ހާލަތައި ގުޅިގެން އަޑިއަޅާލި ދުނިޔޭގެ އިގްތިސާދު ރަނގަޅުވާން ފެށުމުން ކުއްލިއަކަށް ތެލަށް އޮތް ޑިމާންޑް އިތުރުވުމުންނެވެ. މިކަމަށް ހައްލު ހޯދަން މިދިޔަ ހަފްތާގައި އޮޕެކް އިން ވަނީ ދުވާލަކު ހަތަރު ލައްކަ ތެޔޮ ފީފާ އުފައްދަން ނިންމައިފަ އެވެ.

ތެލުގެ ވިޔަފާރި ދިރާސާކުރާ އިންވެސްޓްމެންޓް ބޭންކް މޯގަން ސްޓޭންލީ އިން ލަފާކުރާ ގޮތުގައި މި އަހަރުގެ ތިން ވަނަ ކުއާޓާއާ ހަމައަށް ތެޔޮ ފީފާއެއްގެ އަގު 90 ޑޮލަރަށް އަރާނެ ކަމަށް ބެލެވެ އެވެ. އަދި އަހަރު ނިމޭ އިރު ތެލުގެ އަގު 125 ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަންނަ އަހަރު ފެށޭ އިރު ތެލުގެ އަގު 150 ޑޮލަރަށް އެރުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

އޮޕެކްގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން މިދިޔަ އަހަރު ތެޔޮ ފީފާގެ އަގު އެވްރެޖްކޮށް އުޅުނީ 69 ޑޮލަރުގަ އެވެ.

މިދިޔަ ހަފްތާގައި އޮޕެކް އިން ވަނީ ދުވާލަކު ހަތަރު ލައްކަ ތެޔޮ ފީފާ އުފައްދަން ނިންމައިފަ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ އިރު މީގެ އަސަރު ރާއްޖެ އަށް ކުރުމުގެ ފުރުސަތު ވެސް ބޮޑެވެ.