Roadha Mihaaru
ތެޔޮ އުފެއްދުން މަދުކުރަން އެއްބަސްވެ އަގު މައްޗަށް

ތެޔޮ އުފައްދާވަރު މަދުކުރަން އޯޕެކުން އެއްބަސްވުމާ އެކު ތެލުގެ އަގު މައްޗަށް

01 ޑިސެމްބަރ 2016

ވިއެނާ (ޑިސެމްބަރު 1) - ތެޔޮ އުފައްދާ މިންވަރު ދަށް ކުރުމަށް އޯޕެކުގެ ގައުމުތަކުން އަށް އަހަރު ދުވަހު ތެރޭ ފުރަތަމަ ފަހަރަށް އެެއްބަސްވުމާ އެކު ތެލުގެ އަގު 8 ޕަސެންޓް މައްޗަށް ޖެހިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވިއެނާ (ޑިސެމްބަރު 1) - ތެޔޮ އުފައްދާ މިންވަރު ދަށް ކުރުމަށް އޯޕެކުގެ ގައުމުތަކުން އަށް އަހަރު ދުވަހު ތެރޭ ފުރަތަމަ ފަހަރަށް އެެއްބަސްވުމާ އެކު ތެލުގެ އަގު 8 ޕަސެންޓް މައްޗަށް ޖެހިއްޖެ އެވެ.

އޯޕެކުގެ ރައީސް މުހައްމަދު ބިން ސާލިހު އަލް ސާދާ ވިދާޅުވީ ގައުމުތަކުން އެއްބަސްވެފައި ވަނީ މިހާރު ތެޔޮ އުފައްދާ މިންވަރުން ދުވާލަކު 1.2 މިލިއަން ފީފާ ޖެނުއަރީ މަހުން ފެށިގެން މަދު ކުރުމަށް ކަމަށެވެ. އެއީ މިހާރު އުފައްދާ ތެލުގެ ގާތްގަނޑަކަށް ތިން ޕަސެންޓެވެ. އޯޕެކުގެ ގައުމުތަކުން ކުރިއަށް އޮތް ތަނުގައި ދުވާލަކު އުފައްދާ ތެޔޮ 32.5 މިލިއަން ފީފާ އަށް ދަށްވާނެ އެވެ.

އޯޕެކުގެ ނިންމުމާ އެކު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 8.4 ޕަސެންޓް މައްޗަށް ޖެހި 51.3 ޑޮލަރަށް އަރައިފަ އެވެ. ވޭތުވެދިޔަ ދެ އަހަރު ތެރޭ 100 ޑޮލަރަށް ވުރެ މަތީގައި ހުރި ތެޔޮ ފީފާއެއްގެ އަގު މި އަހަރު ކުރީކޮޅު ވަނީ 28 ޑޮލަރަށް ދަށްވެފަ އެވެ. އެ ފަހަރު ތެލުގެ އަގު ވަނީ 13 އަހަރު ދުވަހު ތެރޭ ނުދާ ވަރަށް ދަށްވެފަ އެވެ. އެކަމަކު އޭރު ތެލުގެ އަގު ހުރި މިންވަރާ ބަލާއިރު މިހާރު ވަނީ ގާތްގަނޑަކަށް 80 ޕަސެންޓަށް ބޮޑުވެފަ އެވެ.

އޯޕެކުގެ ބައްދަލުވުމުގައި އެ ޖަމާއަތުގެ ރައީސް އާއި ސެކްރެޓަރީ ޖެނެރަލް މަޝްވަރާ ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

އޯޕެކުގެ ބައްދަލުވުމުގައި އެ ޖަމާއަތުގެ ރައީސް އާއި ސެކްރެޓަރީ ޖެނެރަލް މަޝްވަރާ ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

އަލް ސާދާ ވިދާޅުވީ އޯޕެކުގައި ނުހިމެނޭ ގައުމުތަކުން ވެސް ތެޔޮ އުފައްދާ މިންވަރު ދަށްކުރާނެ ކަމަށެވެ. ވަކިވަކި ގައުމުތަކުގެ ނަން އޭނާ ވިދާޅު ނުވި ނަމަވެސް ރަޝިޔާ އިން ދުވާލަކު އުފައްދާ 10 މިލިއަން ފީފާ ތެލުން 300،00 ފީފާ މަދު ކުރުމަށް ތައްޔާރަށް އޮތް ކަމަށް ވިދާޅުވި އެވެ.

އޯޕެކުގެ ގައުމުތަކުން މި އެއްބަސްވުމަށް އިއްޔެ އައީ ތެޔޮ އުފައްދާ މިންވަރު ދަށް ކުރުމަށް އުސޫލެއްގެ ގޮތުން ތެލާ ބެހޭ ވަޒީރުން އެއްބަސްވުމަށް ސެޕްޓެމްބަރު މަހު އައިސްފައި ވަނިކޮށެވެ. އެ ފަހަރު އެއްބަސްވީ ދުވާލަކު ހަތް ލައްކަ ފީފާ މަދުކޮށް އީރާނަށް އިތުރަށް ތެޔޮ އުފައްދަން ހުއްދަ ދޭ ގޮތަށެވެ. ނަމަވެސް ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ސައުދީ އަރަބިއާ އާއި އީރާނާ ދެމެދު ޚިޔާލު ތަފާތުވުން އުފެދި ތެޔޮ އުފައްދާ މިންވަރު ދަށްކުރަން އެއްބަސްވުމަކަށް އާދެވިދާނެކަމާ މެދު އޮތީ ޝައްކު އުފެދިފަ އެވެ.

ތެޔޮ އުފައްދާ މިންވަރު ދަށްކުރަން ސައުދީން އެއްބަސްނުވާ އިރު އީރާނުން ވެސް ބުނެފައި ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކުން މިންޖުވުމާ އެކު ލިބުނު ފުރުސަތުގައި ތެޔޮ އުފައްދާވަރު ދަށް ނުކުރާނެ ކަމަށެވެ. ނަމަވެސް އިއްޔެގެ ބައްދަލުވުމުގައި ސައުދީ އަރަބިއާ އިން ވަނީ ދުވާލަކު 500،000 ފީފާ މަދު ކުރަން އެއްބަސްވެފަ އެވެ. މިއީ އެ ގައުމުން އުފައްދާ ތެލުގެ 4.5 ޕަސެންޓެވެ. އާ އެއްބަސްވުމުގެ ދަށުން ސައުދީން ދެން އުފައްދާނީ ދުވާލަކު 10.06 މިލިއަން ފީފާ ތެލެވެ.