Roadha Mihaaru
ތެލުގެ އަގާ އެކު ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަނީ

ތެލުގެ އަގާ އެކު ޓެކްސީ ދަތުރުތަކުގެ އަގުބޮޑުކުރަން ޑްރައިވަރުން މަޝްވަރާކުރަނީ

29 ޖޫން 2022

ތެލުގެ އަގުބޮޑުވުމުން މާލެ ސަރަހައްދުގެ ޓެކްސީގެ ދަތުރުގެ އަގު ބޮޑުކުރަން ޑްރައިވަރުން މިއަދު މަޝްވަރާކުރަން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތެލުގެ އަގުބޮޑުވުމުން މާލެ ސަރަހައްދުގެ ޓެކްސީގެ ދަތުރުގެ އަގު ބޮޑުކުރަން ޑްރައިވަރުން މިއަދު މަޝްވަރާކުރަން ފަށައިފި އެވެ.

އެކަމުގައި އިސްކޮށް އުޅޭ ޓެކްސީ ޑްރައިވަރަކު މިރޭ "މިހާރު" އަށް ބުނީ ތެލުގެ އަގު އުފުލުމާ އެކު، ޓެކްސީ ދަތުރުގެ އަގު ބޮޑުކުރުމަށް ޓެކްސީ ޑްރައިވަރުން ހިމެނޭ ވައިބާ ގްރޫޕެއްގައި މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށާއި އެކަމަކު ރަސްމީ ސިފައެއްގައި އަދި އެކަމުގައި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

"ޓެކްސީ ފިޔަވައި މިހާރު އެހެން ހުރިހާ ހިދުމަތެއްގެ އަގު، ތެލުގެ އަގާ އެކު މިފަހުން އުފުލިއްޖެ. މި މަހު މިހާރު ތިން ފަހަރު ތެލުގެ އަގު ބޮޑުކޮށްފި. އެހެންވީމަ އަޅުގަނޑުމެން ވެސް ދަތުރުތަކަށް ނަގާ އަގު ބޮޑުނުކޮށް ހިދުމަތް ދޭން އުނދަގޫވާނެ ދެއްތޯ،" އޭނާ ބުންޏެވެ.

މިހާރު އެސްޓީ އޯއިން އާންމުންނަށް ޕެޓްރޯލް ލީޓަރެއް ވިއްކަނީ 16.55 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއް ދެނީ 16.77 ރުފިޔާ އަށެވެ. ނަމަވެސް ވިޔަފާރިތަކަށް ތެޔޮ ލީޓަރެއް ވިއްކާ އަގު ވަނީ 18ރ. އާއި 20ރ. އަށް ބޮޑުވެފަ އެވެ.

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުނުކޮށްދީގެން މިދިޔަ މާޗު މަހު ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން ކުރި މުޒާހަރާ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުނުކޮށްދީގެން މިދިޔަ މާޗު މަހު ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން ކުރި މުޒާހަރާ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ގްރޫޕްގައި ބައެއް ޑްރައިވަރުން ވަނީ އެ މީހުންނަށް ފެންނަ ބައެއް އަގުތައް ވެސް ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި؛

- މާލެ އާއި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް 40ރ.

- ހުޅުމާލެ ފޭސް 1 އިން 2 އަށް 40ރ.

- މާލެއިން ހުޅުމާލެ އަށް 85ރ.

- މާލެ އިން ހުޅުމާލެ ފޭސް 2 އަށް 95ރ.

- މާލެއިން ހުޅުލެ އަށް 85ރ.

- ހުޅުމާލެ އިން ހުޅުލެ އަށް 85ރ.

ތެލުގެ އަގު ބޮޑުވުމުން ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތަކާ އެކު، އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ސޮސައިޓީ ފޯ ޔޫތު އެންހޭންސްމަންޓް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެތައް ފަހަރެއްގެ މަތިން ޓެކްސީ ހިދުމަތުގެ އަގު ރިވިއުކޮށްދޭން ޓްރާންސްޕޯޓް މިނިސްޓްރީގައި އެދުނު ނަމަވެސް މިހާތަނަށް އެކަމަށް އެއްވެސް ހައްލެއް ގެނެސްދީފައި ނުވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ކުރުމުގެ އަގުތައް އަލުން ރިވިއުކޮށް، އެ ހިދުމަތް ދިނުމުގައި އުޅޭ ޑްރައިވަރުންގެ އަޑު އަހާއި، ޑްރައިވަރުން އެދޭ ގޮތަށް ދެފަރާތަށް ވެސް ގެއްލުން ނުވާނެ ގޮތަކަށް އަގުތަކަށް ބަދަލު ގެނައުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ.

ތެލުގެ އަގު ބޮޑުވުމާ އެކު، މާލެ ސަރަހައްދުގައި ޓެކްސީގެ ދަތުރުތަކުގެ އަގު ބޮޑުކުރަން ސެންޓަރުތަކުންނާއި ޑްރައިވަރުން މިދިޔަ މާޗު މަހު ވެސް ސަރުކާރުގައި އެދުނެވެ. އެ މައްސަލައިގައި ޓެކްސީ ޑްރައިވަރުންނާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު ބަހުގެ ހަމަލާތައް ރައްދުކޮށް، މަޝްވަރާ ބައްދަލުވުންތައް ބޭއްވިޔަސް، އެ މައްސަލައިގައި ކޮޅެއް ނުފެނި، މައްސަލަ އޮތީ ހިނދިފަ އެވެ.

އޭގެ ފަހުން ބައެއް ޑްރައިވަރުން ދަނީ އެ މީހުން ބޭނުން އަގެއްގައި ދަތުރުތައް ނަގަމުންނެވެ.

ސަރުކާރުން އެކަމަށް އިޖާބަނުދީގެން ގިނަ ޑްރައިވަރުންތަކެއް ވަނީ ހުޅުމާލޭގައި ބޮޑު މުޒާހަރާއެއް ވެސް ކޮށްފަ އެވެ.